Roadha Mihaaru
ނާގޯށި އަނބުރާ އެމްޓީޑީސީ އަށް ދީފި

ނާގޯށި އަނބުރާ އެމްޓީޑީސީ އަށް ދީފި

20 އޯގަސްޓް 2017

ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަން މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އަށް ދިން ހދ. ނާގޯށި ސަރުކާރުން އަތުލުމަށްފަހު އަލުން އަނބުރާ އެ ކުންފުންޏަށް ދީފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަން މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އަށް ދިން ހދ. ނާގޯށި ސަރުކާރުން އަތުލުމަށްފަހު އަލުން އަނބުރާ އެ ކުންފުންޏަށް ދީފި އެވެ.

ޓޫރިޒަމްގެ ވިޔަފާރިކުރަން ސަރުކާރުން އުފައްދާފައިވާ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޝުޖާއު މިއަދު ވިދާޅުވީ ނާގޯށި މިދިޔަ އަހަރުގެ ފަހުކޮޅު އަތުލުމުން އެ ކުންފުންޏަށް ވަރަށް ބޮޑު ގެއްލުމަކާ ކުރިމަތިވި ކަމަށެވެ. އަދި އެ ގެއްލުމުން ސަލާމަތްވެވެން އޮތީ އެ ރަށް އަނބުރާ ލިބިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެދުނީ އަނބުރާ އެ ރަށް ހޯދަން. އެމްޓީޑީސީ ސަވައިވް [ސަލާމަތް] ވާން އޮތީ އެ ރަށް ލިބިގެން. އެހެންވެ ސެޓްލްމަންޓް އެގްރީމަންޓެއްގެ ދަށުން 50 އަހަރަށް ދިނީ،" ޝުޖާއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ނާގޯށި ސަރުކާރަށް ނެގީ އެ ރަށް ހަދަން ހަވާލުކުރުމުން މަސައްކަތް ނުނިމި ދިގުލައިގެން ދިއުމުން ކަމަށެވެ. އަދި އޭރު ރަށް ނެގިއިރު ދައްކަން އޮތް ޖޫރިމަނާ ސަރުކާރުން ފަސްކޮށްދީފައި އޮތް ކަމަށް ވެސް ޝުޖާއު ވިދާޅުވި އެވެ.

"ސަރުކާރުގެ ވިސްނުން ވެސް ހުރީ އެމްޓީޑީސީ ސަލާމަތްކޮށްދޭން. އެހެންވެ އަޅުގަނޑުމެން އެދުނު ގޮތަށް ރަށް އަނބުރާ އަޅުގަނޑުމެންނާ ހަވާލުކުރީ،" އޭނާ ވިދާޅުވި އެވެ.

އެމްޓީޑީސީ އަށް ދޫކޮށްފައިވާ ރަށްތަކުގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ގާތްގަނޑަކަށް 13 މިލިއަން ޑޮލަރު (200 މިލިއަން ރުފިޔާ) ދައްކަން ޖެހޭ ކަމަށެވެ.

އެ ކުންފުނިން އަލުން އެ ރަށް ތަރައްގީކުރަން އަލުން ހަވާލުކުރިއިރު، އެ ރަށް ތަރައްގީކޮށް ހިންގާނެ ބަޔަކު ހޯދަން އެމްޓީޑީސީން އަންނަނީ މަސައްކަތްކުރަމުންނެވެ.

މެނޭޖިން ޑިރެކްޓަރު ޝުޖާއު ވިދާޅުވީ ނާގޯށި ތަރައްގީކުރަން ހަތަރު ކުންފުންޏަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ. އަދި އަންނަ މަހުގެ ތެރޭގައި ބަޔަކާ ހަވާލުކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެ ރަށް ތަރައްގީކުރަން ޝައުގުވެރިކަން ފާޅުކުރި ކުންފުނިތަކުގެ ތެރޭގައި ކުރިން އަޅުގަނޑުމެންނާއެކު މަސައްކަތްކުރި ތްރީކޭ އިންޓަނޭޝަނަލް އެބަ ހިމެނޭ. ނަމަވެސް އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާ ބަޔަކަށް ހަވާލުކުރާނީ،" ޝުޖާއު ވިދާޅުވި އެވެ.

އެމްޓީޑީސީން ތަރައްގީ ކުރަމުން ދަނިކޮށް އެއްބަސްވުން ބާތިލުކޮށް ނާގޯށި ސަރުކާރަށް ނެގިއިރު އެ ރަށުގެ 37 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ. އެގޮތުން ކޮޓަރިތަކުގެ ސްޓަރަކްޗާ މަސައްކަތް ނިމިފައިވާ އެމްޓީޑީސީން ބުންޏެވެ.

އެމްޓީޑީސީން ސަބްލީސްކޮށްގެން ތަރައްގީކުރާ ރަށްތަކުގެ ތެރެއިން އެންމެ ބޮޑު އަދި އެންމެ ގިނަ އެނދު ހިމެނޭ ރިސޯޓުގެ ގޮތުގައި ނާގޯށި ތަރައްގީ ކުރުމަށް އެމްޓީޑީސީން ހަވާލުކުރީ ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ ތްރީ ކޭ އިންޓަނޭޝަނަލްއާ އެވެ. އެ ރަށް ހިންގުމުގެ އެއްބަސްވުމެއްގައި ދުނިޔޭގެ މަޝްހޫރު ހޮޓެލް ޗެއިން ކާލްސަންއާ އެކު ތްރީ ކޭއިން 2011 ގައި ސޮއިކުރުމަށް ފަހު ބުނެފައިވަނީ 2012 ގައި އެ ރިސޯޓް ހުޅުވޭނެ ކަމަށެވެ.