Roadha Mihaaru
ޕާޓީން ވަކިވެއްޖެއްޔާ ގޮނޑި ގެއްލޭނެ: ހުކުމް

ޕާޓީން ވަކިވެއްޖެއްޔާ ގޮނޑި ގެއްލޭނެ: ހުކުމް

13 ޖުލައި 2017

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީ ބަދަލުކޮށްފި ނުވަތަ ޕާޓީން ވަކިވެއްޖެ ނުވަތަ ވަކިކޮށްފި ނަމަ މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީ ބަދަލުކޮށްފި ނުވަތަ ޕާޓީން ވަކިވެއްޖެ ނުވަތަ ވަކިކޮށްފި ނަމަ މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

އެޓާނީ ޖެނެރަލްގެ ފަރާތުން ހުށަހެޅި ދުސްތޫރީ މައްސަލަ ބެލި ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި ހުކުމުގައިވަނީ މިއަދުން ފެށިގެން ޕާޓީއަކުން މެމްބަރަކު ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ ނުވަތަ އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މަޖިލީހަށް އަންގައިފި ނަމަ އެ މެމްބަރަކު މަގާމުން ވަކިވީ އެވެ. އޭރުން އެ ދާއިރާއެއްގެ ބައި އިލެކްޝަނެއް އިލެކްޝަންސް ކޮމިޝަނުން ބާއްވަން ޖެހޭނެ ކަމަށް އެ ހުކުމުގައިވެ އެވެ.

އެ ހުކުމުގައިވާ ގޮތުން އެ ހުކުމުގެ އުސޫލުތައް ހިނގާނީ އެންޓި ޑިފެކްޝަން ލޯ (މެމްބަރުން ވަކިވާނެ ހަލާތްތައް ބަޔާންކުރާ ގާނޫނެއް) މަޖިލީހުން ފާސްކުރަން ދެންނެވެ. އެފަދަ ގާނޫނެއް ވުޖޫދަށް ގެނައުމަކީ މުހިންމު ކަމެއް ކަމަށް އެ ހުކުމުގައިވެ އެވެ.

އެ ހުކުމުގައިވާ ގޮތުން އެގޮތަށް ނިންމީ ގާނޫނު އަސާސީގެ 142 ވަނަ މާއްދާގެ ދަށުން އިސްލާމީ ޝަރީއަތުގެ އުސޫލުތަކަށް ރިއާޔަތްކޮށް، އަދުލު އިންސާފު ގާއިމް ކުރުމުގެ އެންމެ މަތީ ފަރާތުގެ ހައިސިއްޔަތުން ސުޕްރީމް ކޯޓަށް ލިބިގެންވާ ބާރުގެ ދަށުންނެވެ.

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އާދަމް މުހައްްމަދާއި ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ބެއްލެވި އެ މައްސަލާގައި ހުކުމުގެ ކުރިން، ފާހަގަ ކުރެވުނު ނުކުތާތައް އިއްވަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ ޕާޓީތަކުގެ ޓިކެޓްގައި މަޖިލީހަށް ހޮވޭ މެމްބަރުން ޕާޓީ ބަދަލު ކުރެވޭ ގޮތަށް އޮތުމަކީ ސިޔާސީ އަދި މާލީ ނުފޫޒުގައި މެމްބަރުން ޖެހި، ރައްޔިތުންގެ މަސްލަހަތަށް ވުރެ މެމްބަރުގެ އަމިއްލަ މަސްލަހަތު އިސް ކުރެވޭނެ ކަމެއް ކަމަށެވެ.

އޭގެ ސަބަބުން ރާއްޖޭގައި އޮތް ޑިމޮކްރަސީ ބަލިކަށިވެ، ގައުމުގެ ސިޔާދަތާއި މިނިވަން ކަމަށް ބުރޫ އެރުމުގެ ފުރުސަތު އޮންނާނެ ކަމަށާއި އެއީ ގާނޫނު ހުކުމް ދަމަހައްޓަން އެޅޭނެ ހުރަހަކަށް ވާނެ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ. އެފަދަ ކަންކަމަކީ މުޖްތަމައުގެ ހައްގުގައި މިހާރުން މިހާރަށް ހުއްޓުވަން ޖެހޭނެ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ޕާޓީ ވަކިވުމުން މެމްބަރުކަމުން ވަކިވާ ނަމަ އެއީ އެ މެމްބަރަކު ޖަވާބުދާރީ ކުރުވަން ރައްޔިތުންނަށް ލިބޭ ފުރުސަތެއް ކަމަށާއި މެމްބަރުކަމުން ވަކިވިޔަސް އެ ދާއިރާއެއްގެ ބައި އިލެކްޝަންގައި ވާދަ ކުރުމުގެ ފުރުސަތު އެ މެމްބަރަކަށް ލިބިގެންދާނެ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

މެމްބަރަކު ޕާޓީ ބަދަލު ކުރުމަކީ ނުވަތަ ވަކިވުމަކީ އޭނާ އެ މަގާމަށް ހޮވި ރައްޔިތުން އޭނާ އަށް ވޯޓު ދިން މަގްސަދާ ޚިލާފް ކަމެއް ކަމަށާއި އެއީ މިޒަމާނުގެ ޑިމޮކްރަސީތަކުގައި ބަލައިގަންނަ ކަމެއް ނޫން ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ. އެކަން ހުއްޓުވުމަށް ދުނިޔޭގެ އެހެން ބައެއް ގައުމުތަކުގަައި ފިޔަވަޅު އަޅާފައި ހުރިކަން ފާހަގަ ކުރައްވައި، އޭގެ މިސާލެއްގެ ގޮތުން އިންޑިއާ އާއި ސިންގަޕޫރު ފަދަ ގައުމުތައް އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.

އުއްތަމަ ފަނޑިޔާރު ސައީދު ވިދާޅުވި ގޮތުގައި ހުޅަނގު ޔޫރަޕްގެ ގައުމުތަކުގައި މެމްބަރުން ޕާޓީ ބަދަލު ކުރުން މަނާ ނުކުރަނީ އެ ގައުމުތަކުގައި މެމްބަރުން ޕާޓީ ބަދަލު ކުރުމަކީ ހިނގާ ކަމަކަށް ނުވާތީ އެވެ. އަދި ޕާޓީ ބަދަލުކޮށްފި ނަމަ އެ މެމްބަރަކު އަމިއްލަ އިސްތިއުފާ ދިނުމަކީ އެގައުމުތަކުގައި ކުރާ ކަމެއް ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

އުއްތަމަ ފަނޑިޔާރު އިތުރަށް ވިދާޅުވި ގޮތުގައި މެމްބަރަކު ޕާޓީގެ ވިޕްލައިނާ ޚިލާފަށް މަޖިލީހުގައި ވޯޓު ދިނުމަކީ އެއީ އޭގެ ޒާތުގައި މެމްބަރުކަން ގެއްލޭނެ ކަމެއް ނޫނެވެ. އެކަމަކު އެފަދަ ހާލަތެއްގައި އެ މެމްބަރަކާ މެދު ފިޔަވަޅު އެޅުމުގެ ބާރު އެ މެމްބަރަކު ނިސްބަތްވާ ޕާޓީއަށް އޮންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެ ހުކުމް އެގޮތަށް އައީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ޕީޕީއެމްގެ 10 މެމްބަރަކު ޕާޓީން ވަކިވާން އެދިފައި ވަނިކޮށެވެ. އެކަމަކު އޭގެ ތެރެއިން ބައެއް މެމްބަރުން ޕާޓީން ވަކިކޮށް ނުދީ ޕީޕީއެމުން ވަނީ ހިފަހައްޓައިފަ އެވެ. އެ ޕާޓީން ބުނާގޮތުން އޭގެ ތެރެއިން ބައެއް މެމްބަރުންގެ މައްސަލަތަކެއް ބަލަމުންދާތީ މިވަގުތު ޕާޓީން ވަކިކޮށްދެވޭކަށް ނެތެވެ. މެމްބަރުން ތުހުމަތު ކުރާގޮތުން ޕީޕީއެމުން އުޅެނީ މެމްބަރުން ހައިޖެކް ކޮށްގެންނެވެ.

ދައުވާލިބޭ ފަރާތެއް ނެތި، އެކްސްޕާޓޭ މައްސަލައެއްގެ ގޮތުގައި ކުރިއަށް ގެންދިޔަ އެ މައްސަލައިގެ ތެރެއަށް ވަނުމަށް މަޖިލީހުގެ އިދިކޮޅު ގިނަ އަދަދެއްގެ މެމްބަރުންނާއި ބައެއް ގާނޫނީ ވަކީލުންތަކެއް ވެސް އޮތީ ހުށަހަޅައިފަ އެވެ.