Roadha Mihaaru
ހުކުރު ދުވަހު ހުތުބާ ދެއްވާނީ ޑރ. ބިލާލް ފިލިޕްސް

އަންނަ ހުކުރުގައި އިސްލާމީ މަރުކަޒުގައި ހުތުބާ ދެއްވާނީ ޑރ. ބިލާލް

11 ޖުލައި 2017

އަންނަ ހުކުރު ދުވަހު އިސްލާމީ މަރުކަޒުގައި އިމާމުވެ ހުކުރު ނަމާދު ކުރައްވައި، ހުތުބާ ދެއްވާނީ ދުނިޔޭގައި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. ބިލާލް ފިޕިލްސް ކަމަށް، އެކަން އިންތިޒާމް ކުރާ ޕީސް ފައުންޑޭޝަނުން ބުނެފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

އަންނަ ހުކުރު ދުވަހު އިސްލާމީ މަރުކަޒުގައި އިމާމުވެ ހުކުރު ނަމާދު ކުރައްވައި، ހުތުބާ ދެއްވާނީ ދުނިޔޭގައި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. ބިލާލް ފިޕިލްސް ކަމަށް، އެކަން އިންތިޒާމް ކުރާ ޕީސް ފައުންޑޭޝަނުން ބުނެފި އެވެ.

މިއީ އިސްލާމީ މަރުކަޒުގައި އިނގިރޭސި ބަހުން ހުތުބާ ދޭ ދެ ވަނަ ފަހަރެވެ. މީގެ ކުރިން، މަޝްހޫރު އިލްމުވެރިޔާ މުފްތީ އިސްމާއިލް މެންކް ވެސް ވަނީ އިސްލާމީ މަރުކަޒުގައި އިނގިރޭސި ބަހުން ހުތުބާ ދެއްވާފަ އެވެ.

ޕީސް ފައުންޑޭޝަނުގެ ޖެެނެރަލް ސެކްރެޓަރީ މުހައްމަދު ސޮބާހު ވިދާޅުވީ އިނގިރޭސި ބަހުން ދެއްވާ ހުތުބާގެ ދިވެހި ތަރުޖަމާ، އިސްލާމީ މަރުކަޒުން ދޭނެ ކަމަށެވެ.

މިދިޔަ ނޮވެމްބަރު މަހު، އިސްލާމީ މަރުކަޒުގައި މުފްތީ މެންކް އިނގިރޭސި ބަހުން ހުތުބާ ދެއްވަން، އިސްލާމިކް މިނިސްޓްރީން ފުރަތަމަ ދެކޮޅު ހެދި އެވެ.

އޭރު އިސްލާމިކް މިނިސްޓްރީން ބުނީ ހުތުބާ އަކީ ގައުމީ ޓީވީން ވަގުތުން ދައްކާ، މުޅި ރާއްޖެ އަށް ފޮނުވާ އެއްޗަކަށް ވުމުން، އެ ހުތުބާ ވާން ޖެހޭނީ އުމުރުން އެންމެ ދުވަސްވީ މީހާ އަށް ވެސް އެނގޭ އެއްޗަކަށް ކަމަށެވެ. އެހެންވެ، އިސްލާމީ މަރުކަޒުގައި ދިވެހި ބަހުން ހުތުބާ ދިނުމަށް 2015 ވަނަ އަހަރު އުސޫލެއް އެކުލަވާލާފައިވާ އިރު، މެންކަށް ހުއްދަ ނުދިނީ އެ އުސޫލުގެ ދަށުން ކަމަށް ބުނެފައި ވެ އެވެ.

އެކަމަކު ފަހުން އެ ނިންމުން ބަދަލުކޮށް، އެކަމަށް ވަނީ ހުއްދަ ދީފަ އެވެ.

ޑރ. ބިލާލް މާދަމާ ރާއްޖެ ވަޑައިގަންނަވާ އިރު، ބުރާސްފަތި ދުވަހުގެ ރޭ އިސްލާމީ މަރުކަޒުގައި އޭނާ ދަރުސް ދެއްވަވާނެ އެވެ. "ހަގީގީ ކާމިޔާބު މީހުން" މައުލޫއަށް އާއްމުކޮށް ހުޅުވާލައިގެން ބާއްވާ މި ދަރުހަށް ފަހު، މި މަހު 15 ވަނަ ދުވަހު ޏ. ފުވައްމުލަކުގައި ވެސް އޭނާ ދަރުސް ދެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

މިއީ ޑރ. ބިލާލް ރާއްޖެ ވަޑައިގަންނަވާ ހަތަރު ވަނަ ފަހަރެވެ.

ސޮބާހް ވިދާޅުވީ "ދަ ލެގަސީ"ގެ ނަމުގައި ޕީސް ފައުންޑޭޝަނުން އަލަށް ފެށި މި ޕްރޮގްރާމްގެ ދަށުން އަހަރަކު އެއް ފަހަރު ނުވަތަ ދެ ފަހަރު ދުނިޔޭގެ މަޝްހޫރު އިލްމުވެރިއެއް ރާއްޖެ ގެންނާނެ ކަމަށެވެ. އަދި މިހާރު ވެސް ބައެއް އިލްމުވެރިންނަށް ދައުވަތު ފޮނުވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ދަރުސްތައް ބޭއްވުމުގެ އިތުރުން ވެސް ޕީސް ފައުންޑޭޝަނުން އަންނަނީ ޒުވާނުންނާ ވީހާ ވެސް ގުޅޭ ގޮތަށް، އެކި ޕްރޮގްރާމްތައް ހިންގަމުންނެވެ. އެގޮތުން ގުރުއާނާއި ކީރިތި ރަސޫލާގެ ސިޔަރަތުގެ އަލީގައި ޕްރޮފެޝަނަލް ޑިވެލޮޕްމެންޓް ޕްރޮގްރާމްތަކެއް ހިންގާފައިވާ އިރު 100 އަށް ވުރެ ގިނަ ބަޔަކު އެ ޕްރޮގްރާމްގައި ވަނީ ބައިވެރިވެފަ އެވެ.