Roadha Mihaaru
އާ އެކްޓަރަކާ އެކު "ބޮސް" ގެ ޕޯސްޓަރު ދައްކާލައިފި

އާ އެކްޓަރަކާ އެކު "ބޮސް" ގެ ޕޯސްޓަރު ދައްކާލައިފި

08 ޖުލައި 2017

ފާތުމަތު ނަހުލާގެ ކްރިސްޓަލް އެންޓަޓައިންމަންޓުން އަންނަ އޮކްޓޯބަރު މަހު ރިލީޒް ކުރާ ލޯބީގެ ފިލްމް "ބޮސް" އާ އެކްޓަރަކާ އެކު ރަސްމީކޮށް ލޯންޗްކޮށް، ފިލްމުގެ ފުރަތަމަ ޕޯސްޓަރު ވެސް ރޭ ދައްކާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ފާތުމަތު ނަހުލާގެ ކްރިސްޓަލް އެންޓަޓައިންމަންޓުން އަންނަ އޮކްޓޯބަރު މަހު ރިލީޒް ކުރާ ލޯބީގެ ފިލްމް "ބޮސް" އާ އެކްޓަރަކާ އެކު ރަސްމީކޮށް ލޯންޗްކޮށް، ފިލްމުގެ ފުރަތަމަ ޕޯސްޓަރު ވެސް ރޭ ދައްކާލައިފި އެވެ.

ނަހުލާ ލިޔެ، ޕްރޮޑިއުސްކޮށް، އައިޝަތު ރިޝްމީ ޑައިރެކްޓް ކުރާ ފިލްމް ލޯންޗް ކުރީ އޮލިމްޕަހުގައި ބޭއްވި ހަފުލާއެއްގަ އެވެ. މި ހަފުލާގައި ވަނީ ނަހުލާ މިދިޔަ އަހަރު ގެނެސްދިން ބިރުވެރި ފިލްމް "4426" ގެ ޝޯއެއް ވެސް އޮލިމްޕަހުގައި ދައްކައިފަ އެވެ.

އަސަރު ގަދަ ލޯބީގެ ވާހަކައަކަށް ހަދާ "ބޮސް" އިން ފިލްމީ ދާއިރާ އަށް މުޅިން އަލަށް ނިކުންނަ ޒުވާނަކީ މުހައްމަދު ޔުނާން އެވެ. އޭނާއާ އެކު "ބޮސް" ގެ ބަތަލާގެ ރޯލުން ފެނިގެން ދާނީ ފިލްމީ ދާއިރާގައި މިހާރު އެންމެ ވިދާ އަދި އެންމެ ޑިމާންޑް ބޮޑު ބަތަލާ މަރިޔަމް އައްޒަ އެވެ.

ފިލްމުގެ ޕޯސްޓަރުގައި ފެންނަނީ ޔުނާން، އައްޒަގެ ކޮނޑަށް ބޮސް ދީގެން ހުއްޓަ އެވެ. އެހެންވެ މި ފިލްމުގެ ޕޯސްޓަރާ އެކު ވެސް "ބޮސް" އަކީ ވަރަށް އަސަރު ގަދަ ލޯބީގެ ފިލްމަކަށް ވާނެ ކަމަސް ބެލެވެ އެވެ. މީގެ ޓެގް ލައިނަކީ "އަ ބޮންޑް ސީލްޑް ވިތު އަ ކިސް" އެވެ.

އައްޒަ އާއި ޔުނާންއާ އެކު ފިލްމުގެ ކާސްޓުންގެ ތެރޭގައި ފާތުމަތު އާޒިފާ (އަޒޫ)، އިބްރާހީމް ޖިހާދު (ޖިމީ)، އަލީ އާޒިމް (ދޮން އައްޔަ) އަދި އަލީ ޝަމީލް ފަދަ ތަރިން ވެސް ހިމެނެ އެވެ.،

"ބޮސް" ރޭ ރަސްމީކޮށް ލޯންޗް ކުރި ހަފުލާގައި ފިލްމުގެ ބައެއް ލަވަތައް ވެސް ވަނީ އިއްވާލައިފަ އެވެ. އަމިއްލަ ރާގުގެ ލަވަތައް ހިމެނޭ މި ފިލްމުގެ ލަވަ ކިޔުންތެރިންގެ ތެރޭގައި ޝަލަބީ އިބްރާހީމް، މަރިޔަމް އަޝްފާ، ތޭރަވާ، ކުޑަ އިއްބެ ފަދަ މަޝްހޫރު ލަވަ ކިޔުންތެރިން ހިމެނެ އެވެ.

ފިލްމުގެ ލަވަތަކުގެ ޅެންތައް ހަދާފައި ވަނީ ނަހުލާގެ ފިލްމްތަކަށް އާންމުކޮށް ވަރަށް ހިތްގައިމު ޅެންތަކެއް ހަދައި ދީފައިވާ މައުސޫމް ޝާކިރާއި އާދަމް ހަލީމް އަދުނާނެވެ.

މިހާރު ޝޫޓިން ވެސް ފަށާފައިވާ "ބޮސް" ސިނަމާ އަށް އަންނާނީ އޮކްޓޯބަރު މަހުގެ 24 ގަ އެވެ.