Roadha Mihaaru
ސުމައިދު ހޯދުމުގެ މަސައްކަތް އަދި ވެސް ކުރިއަށް

ސުމައިދު ހޯދުމުގެ މަސައްކަތް އަދި ވެސް ކުރިއަށް

05 ޖުލައި 2017

އައްޑޫގައި މަހަށް ނުކުމެ އުޅެނިކޮށް ޑިންގީ ބަންޑުން ޖަހައިލުމުން ގެއްލިފައިވާ މުހައްމަދު ސުމައިދު ހޯދުމުގެ މަސައްކަތް އަދި ވެސް ކުރަމުންދާ ކަމަށް ސިފައިން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އައްޑޫގައި މަހަށް ނުކުމެ އުޅެނިކޮށް ޑިންގީ ބަންޑުން ޖަހައިލުމުން ގެއްލިފައިވާ މުހައްމަދު ސުމައިދު ހޯދުމުގެ މަސައްކަތް އަދި ވެސް ކުރަމުންދާ ކަމަށް ސިފައިން މިއަދު ބުނެފި އެވެ.

ސުމައިދު، 27، ގެއްލުނުތާ އިއްޔެ އަށް އެއް މަސް ވީއިރު އޭނާ ގެއްލުނު ސަރަހައްދުގެ ބޮޑު ބައެއްް ވަނީ ބަލައި ފާސްކޮށްފަ އެވެ. އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ވައިގެ މަގުން ސުމައިދު ހޯދުމަށް އައްޑޫގައި ހުންނަ ފްލައިން ސްކޫލުގެ އެހީތެރިކަން ވެސް ހޯދަމުން އަންނަ ކަމަށެވެ.

ވައިގެ މަގުންނާއި ޑައިވް ކޮށްގެންނާއި ކޯސްޓްގެ ގާޑްގެ އުޅަނދުފަހަރު ބޭނުން ކޮށްގެން އޭނާ ހޯދުމުގެ މަސައްކަތް ކޮށްފައިވާ އިރު އޭނާގެ ހިލަމެއް އަދި ވެސް ނުވެ އެވެ.

ސުމައިދު ގެއްލުނީ އިތުރު ދެ ރައްޓެހިންނާ އެކު މަހަށް ނުކުމެ އުޅެނިކޮންނެވެ. އެއީ ފޭދޫ ފަހާގޭ ހުސައިން ސައީދާއި ފޭދޫ ބެންހާގޭ އިބްރާހިމް ނާއިފެވެ. ނަމަވެސް އެ ދެ މީހުން ވަނީ ސަލާމަތްވެފަ އެވެ. އެ ދެ މީހުން ފަތާފައިި މަޑިހެރަ އަށް އެރުމަށް ފަހު، ފަހުން ދިޔައީ ވިލިނގިލި ރިސޯޓަށެވެ.

ސުމައިދު ހޯދަމުން ދަނިކޮށް އޭނާގެ ފޯނު ކަމަށް ބެލެވޭ ފޯނެއް ވެސް ޝަންގްރިއްލާ ރިސޯޓު ކައިރިީގައި އޮންނަ މަޑިހެރަ ކައިރިން މިދިޔަ މަހުގެ ފަސް ވަނަ ދުވަހު ވަނީ ފެނިފަ އެވެ.

ހުސައިން ބުނި ގޮތުގައި އެ މީހުން ކަނޑުވީ މަހަށް ދިޔަ 17 ފޫޓުގެ ޑިންގީ، ބޮޑު ރާޅަކާ އެކު ބަންޑުން ޖަހާލުމުންނެވެ.

ޑިންގީ ފަޅު ރަށުން ފެނުނު އިރު، އޭގައި ހުރި ތަކެއްޗާ އެކު ފެނިފައިވާތީ ސުމޫދުގެ އާއިލާ އިން ވަނީ ޑިންގީ ބަންޑުން ޖަހާލީ ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ބުނެފަ އެވެ. އަދި ފުލުހުން ވެސް ވަނީ ޑިންގީ ބަންޑުން ޖަހާލިކަން ކަށަވަރު ނުވާ ކަމަށް ބުނެފަ އެވެ. މި ހާދިސާ ތަހުގީގު ކުރަން ފުލުހުންގެ ހާއްސަ ޓީމެއް އައްޑޫގައި އަންނަނީ ހަރަކާތްތެރިވަމުންނެވެ. ސުމައިދު ގެއްލިފައިވާއިރު، އޭނާގެ ހަތަރު އަހަރުގެ ކުއްޖަކާއި އަންބަކު ދުނިޔޭގައި އެބަހުއްޓެވެ.