Roadha Mihaaru
"އާޒިމްގެ ކުށެއް ނެތް، އުފާވެރި ހަބަރުތަކެއް ލިބޭނެ"

އާޒިމް ހައްޔަރުކުރީ ބިރުދައްކަން، ވަރަށް އަވަހަށް އުފާވެރި ހަބަރުތަކެއް ލިބޭނެ: އިދިކޮޅު އިއްތިހާދު

08 ޖޫން 2017

ކުރީގެ ޑިފެންސް މިނިސްޓަރު މުހަންމަދު ނާޒިމްގެ ކޮއްކޮ އަދި މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ)ގެ ޝެޑޯ މިނިސްޓަރު އާދަމް އާޒިމް މިއަދު ހައްޔަރުކުރީ ބިރުދައްކަން ކަމަށާއި ރާއްޖެ ހަމަ މަގަށް އަޅުވަން ކުރާ މަސައްކަތުގައި އުފާވެރި ހަބަރުތަކެއް ވަރަށް އަވަހަށް ލިބޭނެ ކަމަށް އިދިކޮޅު އިއްތިހާދުން މިއަދު ބުނެފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކުރީގެ ޑިފެންސް މިނިސްޓަރު މުހަންމަދު ނާޒިމްގެ ކޮއްކޮ އަދި މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ)ގެ ޝެޑޯ މިނިސްޓަރު އާދަމް އާޒިމް މިއަދު ހައްޔަރުކުރީ ބިރުދައްކަން ކަމަށާއި ރާއްޖެ ހަމަ މަގަށް އަޅުވަން ކުރާ މަސައްކަތުގައި އުފާވެރި ހަބަރުތަކެއް ވަރަށް އަވަހަށް ލިބޭނެ ކަމަށް އިދިކޮޅު އިއްތިހާދުން މިއަދު ބުނެފި އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ކަން ވެސް ކުރެއްވި އާޒިމް ހައްޔަރުކުރީ، ދިވެހި ސަރުކާރު ގާނޫނާ ޚިލާފަށް ބަދަލު ކުރުމަށް ހިތްވަރުދީ، ރާއްޖޭގެ ޝަރުއީ ނިޒާމުގެ އިތުބާރު ގެއްލޭ ފަދަ ވާހަކަތަކެއް ދެއްކެވުމުގެ ތުހުމަތުގަ އެވެ. އޭނާގެ ބަންދުގެ މުއްދަތަށް ވަނީ ހަ ދުވަސް އިތުރުކޮށްފަ އެވެ.

އިދިކޮޅު އިއްތިހާދުން އެމްޑީޕީ އޮފީހުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ކުރީގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ އާޒިމް ހައްޔަރުކުރީ އޭނާގެ އެއްވެސް ކުށެއް އޮވެގެން ނޫން ކަމަށެވެ. ސަރުކާރުގެ ބޭނުމަކީ އިސްލާހީ މަސައްކަތުގައި އުޅޭ މީހުންނަށް ބިރުދައްކައި ފަހަތަށް ޖެއްސުން ކަމަށް ވިއަސް އެ މަގްސަދު ހާސިލް ނުވާނެ ކަމަށް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވި ގޮތުގައި އިދިކޮޅު ސިޔާސީ ހަރަކާތުގައި އިސްކޮށް އުޅޭ މީހުންގެ ތެރެއިން ފަހަރަކު މީހަކު ގޮޅިއަށް ލިއަސް، ރާއްޖެ އަށް ޑިމޮކްރަސީ އިޔާދަކުރަން ކުރާ މަސައްކަތް ހުއްޓައެއް ނުލާނެ އެވެ.

"އަޅުގަނޑުމެން އެންމެން މި ތިބީ އާޒިމްއާ އެކީގައި ވަރަށް ސާބިތުކަމާ އެކީގައި. އަޅުގަނޑުމެންގެ ތެރެއިން އެއްވެސް މީހަކު މިހިރީ ސަރުކާރުން ދައްކާ ބިރަށް ފަހަތަށް ޖެހޭކަށެއް ނޫން،" އަސްލަމް ވިދާޅުވި އެވެ.

އިދިކޮޅު އިއްތިހާދުގެ ޖަލްސާއެއްގައި އާޒިމް ބައިވެރިވެވަޑައިގަންނަވަނީ.

އިދިކޮޅު އިއްތިހާދުގެ ޖަލްސާއެއްގައި އާޒިމް ބައިވެރިވެވަޑައިގަންނަވަނީ.

ސަރުކާރު ބަދަލުކުރަން މަސައްކަތް ކުރާ ކަމުގެ ތުހުމަތުގައި އާޒިމް ބަންދުކުރިއިރު، އަސްލަމް ވިދާޅުވި ގޮތުގައި، ޑިމޮކްރަސީގައި ކޮންމެ ގައުމެއްގައި ވެސް އިދިކޮޅު ފަރާތްތައް ތިބެން ޖެހޭނެ ކަމަށް ސަރުކާރުން ގަބޫލުނުކުރުމަކީ ލަދުވެތި ކަމެކެވެ. އަދި ރާއްޖޭގައި ހިންގާ ކަންކަމާ މެދު އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގައި އެތައް ގައުމަކުން ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށް އާޒިމް ހައްޔަރުކުރުމަކީ ވެސް ލަދުވެތި އަަމަލެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އޮޕޮޒިޝަންގެ ބޭނުމަކީ ސަރުކާރު ބަދަލުކުރަން މަސައްކަތް ކުރުން. މި މަސައްކަތުގެ ތެރޭގައި ދައުލަތް ހަމަ މަގަށް އެޅޭނީ. އަޅުގަނޑުމެން ނެތިން ހުއްޓާލާކަށެއް ބޭއިންސާފުން ކަންކަން ހިނގަމުން ދާއިރު. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް އުފާވެރި ހަބަރުތަކެއް ލިބޭނެ. އަޅުގަނޑުމެން ކާމިޔާބު ހޯދާނަން،" އަސްލަމް ވިދާޅުވި އެވެ.

މި ސަރުކާރުގެ ކުރީގެ ޔޫތު މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވިދާޅުވީ ހުދުމުހުތާރުކޮށް ހިންގާ ސަރުކާރުން މިހާރު ގުނަމުން ދަނީ އެންމެ ފަހު ވަގުތުތައް ކަމަށެވެ. އަނިޔާވެރި ކަމަށް ނިމުން އައިސް، ރައްޔިތުންގެ ހައްގުތައް އަލުން އިޔާދަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މަލީހް ވިދާޅުވި ގޮތުގައި މިހާރު އޮތީ ރައްޔިތުންގެ ތާއީދު ނެތް ސަރުކާރެއް ކަން ނިމިގެން ދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި ވަނީ ސާފުކޮށް ބުނެދީފަ އެވެ. މިވަރުން ވެސް ގޮތް ދޫނުކޮށް، ސަރުކާރާ އިދިކޮޅަށް އެއްޗެއް ބުނަމުންދާ ކޮންމެ މީހަކަށް ގޯނާކުރަމުންދާ ކަމަށް ވިދާޅުވި އެވެ.

އާޒިމް ހައްޔަރުކުރީ ނާއިންސާފުން ކަމަށް ވިދާޅުވެ ވަގުތުން މިނިވަންކުރަން މަލީހް ގޮވާލެއްވި އެވެ. އަދި އޭނާ މިނިވަންކުރަން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް ވެސް އިދިކޮޅު އިއްތިހާދުގެ ބޭފުޅުން ވިދާޅުވި އެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުލްބާރީ ޔޫސުފް ނެރުއްވި އަމުރުގައި ވަނީ، ރާއްޖޭގެ ޝަރުއީ ނިޒާމާ މެދު ރައްޔިތުންގެ ހިތުގައި ނަފުރަތު އުފައްދައި، އިތުބާރު ގެއްލުވައިލުމަށް މަސައްކަތް ކޮށް، ދޮގު މައުލޫމާތު ފަތުރައި، ތަފާތު އެކި ގޮތްގޮތަށް އާޒިމް ވާހަކަ ދައްކަވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.

އާޒިމް ހައްޔަރު ކުރުމުގެ އަމުރު ނެރުނު ސަބަބެއް ކަމަށް ބުނެފައި ވަނީ އޭނާ އަށް ތުހުމަތުކުރެވޭ މައްސަލައިގެ ހެއްކަށް ނުފޫޒު ފޯރުވައި ހެކި ފޮހެލުމަށް މަސައްކަތް ކޮށްފާނެ ކަމަށް ފެންނާތީ އާއި އޭނާ މުޖުތަމައުގެ ތެރެއަށް ދޫކޮށްފައި ބެހެއްޓުމަކީ މުޖުތަމައުގެ ސަލާމަތަށް ނުރައްކާ ވެދާނެ ކަމެއް ކަމަށް ފެންނާތީ ކަމަށެވެ.