Roadha Mihaaru
މަރުވި މީހާ ހޯދަން ދިޔަ އިރު އިނީ ކާން

މަރުވި މީހާ ހޯދަން ދިޔަ އިރު އިނީ ކާން

07 ޖޫން 2017

އިންޑިއާގެ ހައުރާގެ ހޮސްޕިޓަލެއްގައި އެޑްމިޓްކޮށްފައި އޮތް މީހަކު އަންގާރަ މަރުވެއްޖެ ކަމަށް ހޮސްޕިޓަލުން އެންގުމުން އެ މީހާގެ އާއިލާގެ މީހުން ދިޔައިރު އެ މީހާ އެހެން ވޯޑެއްގައި އޮތް ބަލި މީހެއް ކައިރީގައި ކާން އިންދާ ފެނިއްޖެ އެވެ.

ފާތުމަތު އަނީސާ ފާތުމަތު އަނީސާ

އިންޑިއާގެ ހައުރާގެ ހޮސްޕިޓަލެއްގައި އެޑްމިޓްކޮށްފައި އޮތް މީހަކު އަންގާރަ މަރުވެއްޖެ ކަމަށް ހޮސްޕިޓަލުން އެންގުމުން އެ މީހާގެ އާއިލާގެ މީހުން ދިޔައިރު އެ މީހާ އެހެން ވޯޑެއްގައި އޮތް ބަލި މީހެއް ކައިރީގައި ކާން އިންދާ ފެނިއްޖެ އެވެ.

ޖޭނާރާޔަން ޕާންޑޭ، 56، ހޯރާ ޑިސްޓްރިކްޓް ހޮސްޕިޓަލުގައި އެޑްމިޓްކުރީ މިދިޔަ މަހުގެ 16 ވަނަ ދުވަހު އެވެ. އޭނާއަކީ ކެއްސުންބަލި ޖެހިފައިވާ އަދި ނޭވާއަށް އުނދަގޫކުރާ މީހެކެވެ. އެމީހާ މަރުވިކަމަށް އެންގީ ފަރުވާ ދޭން ބާއްވާފައި އޮންނަތާ ހަފުތާއެއް ވީ ފަހުންނެވެ.

މިކަން ދިމާވީ، ޕާންޑޭ ގެ ހާލު ރަނގަޅުވެގެން ހޮސްޕިޓަލުން ޑިސްޗާޖްކުރާ ހިސާބަށް ދިޔަ ހިސާބުންނެވެ. އަންގާރަ ދުވަހު އޭނާ ޑިސްޗާޖްކުރަން އުޅޭކަން އެނގުމުން ދެރަވެ ކަންބޮޑުވި އެވެ. ހޮސްޕިޓަލުން ދާން ބޭނުމެއް ނުވި އެވެ. ސިކުނޑީގެ އުނިކަމެއް ކޮންމެވެސް ވަރަކަށް ހުންނަ މި މީހާ ގެއަށް ދިއުމުން ކާއެއްޗެއް ވެސް ނުލިބޭނެކަމަށް އޭނާ ހީކުރި އެވެ.

ގެއަށް ނުދާންވެގެން މި މީހާ ވަނީ، އެނދެއް ނެތިގެން ހޮސްޕިޓަލުގެ ބިންމަތީގައި ބާއްވާފައި އޮތް ޚަބަރު ހުސްވެފައިވާ މީހަކު ނަގައި އޭނާގެ އެނދުގައި ބާއްވައިފަ އެވެ. ދެން ހޮސްޕިޓަލުގެ އެކި ވޯޑުތަކުގައި ތިބި މީސް މީހުންގެ އެނދު ކައިރީގައި އުޅެން ފެށި އެވެ. ބަލި މީހުން ކައިފައި ބާކީވާ އެތިކޮޅު ކަމުންނެވެ.

ޕާންޑޭގެ ބަދަލުގައި އެ އެނދުގައި ބާއްވާފައި އޮތީ ވެއްޓިފައި އޮއްވައި މަގުމަތިން ގެނެސްފައި އޮތް ނަން ވެސް ނޭނގޭ މީހެކެވެ.

ހޮސްޕިޓަލުގެ އޮފިޝަލުން ބުނި ގޮތުގައި ޕާންޑޭގެ އެނދުގައި އެމީހާ އޮއްވާ އަންގާރަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި އެމީހާ މަރުވީ އެވެ. ހޮސްޕިޓަލުގެ މީހުން ހީކުރީ އެއީ ޕާންޑޭ ކަމަށެވެ. އެހެންވެ އޭނާގެ އާއިލާގެ މީހުންނަށް އެންގީ އެވެ.

"އަހަރެމެން މާ ފަތިތަކާއި މާތައް ހިފައިގެން އަންނަން ފެށުމުން އޭނާ ވަރަށް ބާރަށް ދުއްވައިގަތީ. އަހަރެމެން އޭނާ ފަހާ ދުވުނީ. ޑޮކްޓަރުންނާއި ނަރުހުންނާއި އެހެން މުވައްޒަފުން ވެސް އޭނާ ފަހާ ދުވެގެން އަތުވީ. އަތުވުން ބުނީ ހޮސްޕިޓަލަކުން ނުދާނަމޭ، ދިޔައިމަ ކާ އެއްޗެއް ނުލިބޭނޭ،" ޕާންޑޭގެ އާއިލާގެ މީހަކު ބުންޏެވެ.

ހޮސްޕިޓަލުގެ ސުޕްރިންޓެންޑެންޓް ނާރަޔަން ޗެޓަޖީ ވިދާޅުވީ ހޮސްޕިޓަލުގެ ޒިންމާ ވެސް މިކަމުގައި އޮތް ކަމަށް އޭނާ ގަބޫލު ކުރައްވާ ކަމަށެވެ. އަދި މިކަން ވަރަށް ރަނގަޅަށް ތަހުގީގުކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.