Roadha Mihaaru
"ނަތީޖާއަށް ވުރެ މުހިއްމީ ކުޅުންތެރިން ވަޒަންކުރުން"

ނަތީޖާއަށް ވުރެ މުހިއްމީ ކުޅުންތެރިން ވަޒަންކުރުން: ސްޓެވާޓް

06 ޖޫން 2017

އެކުވެރިކަމުގެ މެޗެއްގައި މިރޭ ދުބާއީގައި އަފްގާނިސްތާނާ ދެކޮޅަށް ނުކުންނައިރު މި މެޗުގެ ނަތީޖާ އަށް މާ ބޮޑު ސަމާލުކަމެއް ނުދޭނެ ކަމަށާއި ބޭނުންވަނީ ކުޅުންތެރިންގެ ފެންވަރު ވަޒަންކޮށްލަން ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު އޮސްޓްރޭލިއާގެ ޑަރެން ސްޓެވާޓް ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

އެކުވެރިކަމުގެ މެޗެއްގައި މިރޭ ދުބާއީގައި އަފްގާނިސްތާނާ ދެކޮޅަށް ނުކުންނައިރު މި މެޗުގެ ނަތީޖާ އަށް މާ ބޮޑު ސަމާލުކަމެއް ނުދޭނެ ކަމަށާއި ބޭނުންވަނީ ކުޅުންތެރިންގެ ފެންވަރު ވަޒަންކޮށްލަން ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު އޮސްޓްރޭލިއާގެ ޑަރެން ސްޓެވާޓް ބުނެފި އެވެ.

މިރޭގެ މެޗަކީ މި މަހު 13 ވަނަ ދުވަހު އޭޝިއަން ކަޕް ކޮލިފައިންގައި ބޫޓާނާ ދެކޮޅަށް ކުޅޭ މެޗަށް ތައްޔާރުވުމުގެ ގޮތުން ކުޅޭ މެޗެކެވެ.

"ހުރިހާ ސަމާލުކަމެއް ހުރީ ބޫޓާން މެޗަށް. ހަގީގަތުގައި އަފްގާނިސްތާން މެޗުގެ ބޭނުން ހިފާނީ ކުޅުންތެރިންގެ ފިޓްނަސް އާއި އެހެން ކަންތައްތައް ވަޒަންކޮށްލުމަށް. އަސްލު މެޗަށް ބޭނުންވާ ކަންތައްތައް މި މެޗުގެ އެހީގައި ދެނެގަނެވޭނެ،" ސްޓެވާޓް ބުންޏެވެ.

އޭނާ ބުނީ މި މެޗުގައި ވީހާވެސް ގިނަ ކުޅުންތެރިންނަށް ކުޅުމުގެ ފުރުސަތުދޭނެ ކަމަށާއި އެހެން ނަމަވެސް މާޒިޔާގެ ކުޅުންތެރިންނަށް ބަލާނެ ކަމަށެވެ.

"ވަރަށް ބުރަ ޝެޑިއުލެއްގައި އުޅެފައި މާޒިޔާ ކުޅުންތެރިން އެއައީ ހަގީގަތުގައި އަހަރެންގެ ވިސްނުމެއް ނެތް މި މެޗުގައި މާޒިޔާގެ ކުޅުންތެރިން އެހާ ބޮޑަށް ބޭނުންކުރަން. މައިގަނޑު ގޮތެއްގައި ހުރިހާ ކުޅުންތެރިންނަށް ފުރުސަތު ދޭނަން،" ސްޓެވާޓް ބުންޏެވެ.

އޭއެފްސީ ކަޕްގައި މާޒިޔާގައި ހިމެނޭ ގައުމީ ޓީމުގެ ކުޅުންތެރިން ދެއްކި ކުޅުމުގެ ފައިދާ ދިވެހި ފުޓްބޯޅަ އަށް ކުރާނެ ކަމަށް ސްޓެވާޓް ދެކެ އެވެ.

"މާޒިޔާ އިން އޭއެފްސީ ކަޕްގައި ދެއްކީ މޮޅު ކުޅުމެއް. އަހަރެން ބޭނުމެއް ނެތް އެމީހުން އެންމެ ފަހުން ކުޅުނު މެޗުގައި ކަންތައްތައްވީ ގޮތާ މެދު ވާހަކަ ދައްކަން. އަހަރެންގެ ހިތްހަމަ ޖެހުމަކީ އޭއެފްސީ ކަޕްގައި މާޒިޔާގެ ކުޅުންތެރިން ދެއްކި ކުޅުުމުގެ ފައިދާ ބައިނަލްއަގްވާމީ މެޗުތަކަށް ނުކުންނައިރު ކުޅުންތެރިންނަށް ކުރާނެކަން،" ސްޓެވާޓް ބުންޏެވެ.

އެކުވެރިކަމުގެ މެޗެއްގައި ރާއްޖެ ބައްދަލުކުރާ އަފްގާނިސްތާނާ ދެކޮޅަށް ރާއްޖެ އެންމެ ފަހުން ނުކުތީ 2015 ވަނަ އަހަރުގެ ސާފް ސުޒުކީ ކަޕުގަ އެވެ. ދެ ޓީމަށް ވެސް ސެމީ ފައިނަލް ކަށަވަރުވެފައި އޮއްވާ ކުޅުނު އެ މެޗު އަފްގާނިސްތާން ކާމިޔާބުކުރީ 4-1 އިންނެވެ.

އޭގެ ކުރިން 2014 ވަނަ އަހަރު ރާއްޖޭގައި ބޭއްވި އޭއެފްސީ ޗެލެންޖް ކަޕުގެ ތިން ވަނަ ހޮވި މެޗުގައި ރާއްޖެ ވަނީ ޕެނަލްޓީ ޖަހައިގެން އަފްގާނިސްތާން ބަލިކޮށްފަ އެވެ. މި ދެ ޓީމު އެންމެ ފުރަތަމަ ބައްދަލުކުރި މެޗުގައި 2005 ގެ ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ ވަނީ 9-1 އިން މޮޅުވެފަ އެވެ.

ދުބާއީގައި މިރޭ ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 10 ޖަހާއިރު އެވެ.