Roadha Mihaaru
ނަގޫރޯޅީގައި ލިބުނު ގެއްލުމަށް އެހީވާން ފަންޑެއް

ހިތަދޫ އަށް އެރި ނަގޫރޯޅީގައި ގެއްލުންވި އާއިލާތަކަށް އެހީވާން ކައުންސިލުން ފަންޑެއް ހުޅުވައިފި

18 މެއި 2017

އައްޑޫ ހިތަދު އަށް ރޭ ނަގޫރޯޅިއެއް އަރައި، ބޮޑެތި ގެއްލުންތައް ލިބުނު އާއިލާތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް އައްޑޫ ސިޓީ ކައުންސިލުން ފަންޑެއް ގާއިމުކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އައްޑޫ ހިތަދު އަށް ރޭ ނަގޫރޯޅިއެއް އަރައި، ބޮޑެތި ގެއްލުންތައް ލިބުނު އާއިލާތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް އައްޑޫ ސިޓީ ކައުންސިލުން ފަންޑެއް ގާއިމުކޮށްފި އެވެ.

ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ފަންޑަށް އެހީތެރިކަން ފޯރުކޮށް ދޭން ބޭނުންވާ ހުރިހާ އެންމެންނަށް އެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށެވެ. އެގޮތުން ފައިސާ އާއި ތަކެތީގެ ގޮތުން ވެސް ފަންޑަށް އެހީތެރިކަން ފޯރުކޮށް ދެވޭނެ ކަމަށް ބުންޏެވެ.

ކައުންސިލުން ބުނީ ފައިސާގެ ގޮތުން އެހިވާން ބޭނުންވާ މީހުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ހިތަދޫ ބްރާންޗްގައި ހުޅުވާފައިވާ އައްޑޫ ސިޓީ ކައުންސިލްގެ އެކައުންޓް ނަމްބަރު 004-700341-7708 އަށް ފައިސާ ޖަމާ ކުރުމަށް ފަހު، ކައުންސިލްގެ ހޮޓްލައިން ނަމްބަރު 7905003 އަށް އެސްއެމްއެސްއަކުން އެންގުމަށް އެދޭ ކަމަށެވެ.

ކައުންސިލުން ބުނީ ތަކެތީގެ ގޮތުން ވެސް އެހީތެރިކަން ފޯރުކޮށް ދެވިދާނެ ކަމަށެވެ. އެހެންވެ އެކަން ވެސް އެސްއެމްއެސްއަކުން އެންގުމުން ތަކެތި ފޯރުކޮށް ދިނުމުގެ އިންތިޒާމް ހަމަޖެހޭނެ ކަމަށް ބުންޏެވެ.

ހިތަދު އަށް ރޭ އެރި ނަގޫރޯޅީގައި އެ އަވަށުގެ 13 ގެއަކަށް ބޮޑެތި ގެއްލުންތަކެއްވެފައިވެ އެވެ. ހާއްސަކޮށް ގިނަ ގޭގޭގެ ފުރާޅު އެއްލާލައި، ގެއަށް ގެއްލުންވެފައިވެ އެވެ.

ހިތަދު އަށް ރޭ އެރި ނަގޫރޯޅީގައި ގެއެެއްގެ ގޯތި ތެރޭގައި ހުރި ގަހެއް ވެއްޓި ގެއްލުންވެފައި.

ހިތަދު އަށް ރޭ އެރި ނަގޫރޯޅީގައި ގެއެެއްގެ ގޯތި ތެރޭގައި ހުރި ގަހެއް ވެއްޓި ގެއްލުންވެފައި.

މިކަމާ ގުޅިގެން ހުޅުވި ފަންޑަށް ފައިސާ އާއި ތަކެތި ހަދިޔާ ކުރަން ވަކި މުއްދަތެއް އަދި ކަނޑައަޅާފައެއް ނެތެވެ.

ދެހާސް ފަނަރަ ވަނަ އަހަރު ފޭދު އާއި މަރަދޫފޭދު އަށް ބޯކޮށް ވާރޭ ވެހި، ލިބުނު ގެއްލުންތަތަކާ ގުޅިގެން ވެސް ކައުންސިލުން ވަނީ ފަންޑެއް ގުޅުވައި ގެއްލުންވި ގެތަކަށް ފައިސާގެ އެހީ ދީފަ އެވެ.