Roadha Mihaaru
ފޭކު ބޭސް ދެނެގަންނާނީ ކިހިނެއް؟

ފޭކު ބޭސް ދެނެގަންނާނީ ކިހިނެއް؟

04 މެއި 2017

ރައްޓެއްސަކާ އެކު ކޮފީއަކަށް އެރި ދުވަހެކެވެ. ގޮނޑީގައި ރަނގަޅަށް ހަމަޖެހި ނުލެވެނީސް، އޭނާގެ ހިތުގައި އުފެދިފައިވާ ސުވާލުތައް ކުރަން ފެށި އެވެ. ކޮންމެ ޑޮކްޓަރަކަށް ދެއްކިޔަސް ލިޔެދެއްވަނީ "އެއްބޭހެއް ކަމަށާއި" އެއަކުން ވާކަމެއް ނެތޭ ބުނެ ހިތްހަމަނުޖެހުން ފާޅުކުރި އެވެ. އެވެނި ބުރޭންޑެއްގެ މިވެނި ބޭހެއް ކެއުމުން އެއްވެސް ރާހަތެއް ނުކުރަނީ ކީއްވެތޯ އޭނާ ސުވާލު ކުރިއެވެ. ވަކި ބުރޭންޑެއްގެ ވަކިބޭހެއް، އެވެނި ގައުމަކުން ގަނެގެން ބޭނުންކުރުމުން، މިވެނި މީހެއްގެ ހަށިގަނޑަށް އެނގިގެން ދިޔަކަން ފާހަނގަކޮށް، އެހެން އެވަނީ ކީއްވެތޯ ސުވާލު ކުރި އެވެ. އަދި ބާޒާރުމަތީ ހިނގާލަނިކޮށް ބައެއް ވައްތަރުގެ ބޭސް، ވަރަށް އަގުހެޔޮކޮށް ލިބޭ ކަމަށާއި، ނަމަވެސް ބޭސްފިހާރައަކުން ހަމަ އެ ބޭސް ގަންނަނަމަ، ލިބޭނީ ވަރަށް ބޮޑު އަގުގައި ކަމަށް އޭނާ ޔަގީންކަމާއެކު ބުންޏެވެ. މިއީ "ލައްކަ" ވާހަކަ އެވެ.

ޑރ. މުހައްމަދު ޒިޔާދު ޑރ. މުހައްމަދު ޒިޔާދު

ރައްޓެއްސަކާ އެކު ކޮފީއަކަށް އެރި ދުވަހެކެވެ. ގޮނޑީގައި ރަނގަޅަށް ހަމަޖެހި ނުލެވެނީސް، އޭނާގެ ހިތުގައި އުފެދިފައިވާ ސުވާލުތައް ކުރަން ފެށި އެވެ. ކޮންމެ ޑޮކްޓަރަކަށް ދެއްކިޔަސް ލިޔެދެއްވަނީ "އެއްބޭހެއް ކަމަށާއި" އެއަކުން ވާކަމެއް ނެތޭ ބުނެ ހިތްހަމަނުޖެހުން ފާޅުކުރި އެވެ. އެވެނި ބުރޭންޑެއްގެ މިވެނި ބޭހެއް ކެއުމުން އެއްވެސް ރާހަތެއް ނުކުރަނީ ކީއްވެތޯ އޭނާ ސުވާލު ކުރިއެވެ. ވަކި ބުރޭންޑެއްގެ ވަކިބޭހެއް، އެވެނި ގައުމަކުން ގަނެގެން ބޭނުންކުރުމުން، މިވެނި މީހެއްގެ ހަށިގަނޑަށް އެނގިގެން ދިޔަކަން ފާހަނގަކޮށް، އެހެން އެވަނީ ކީއްވެތޯ ސުވާލު ކުރި އެވެ. އަދި ބާޒާރުމަތީ ހިނގާލަނިކޮށް ބައެއް ވައްތަރުގެ ބޭސް، ވަރަށް އަގުހެޔޮކޮށް ލިބޭ ކަމަށާއި، ނަމަވެސް ބޭސްފިހާރައަކުން ހަމަ އެ ބޭސް ގަންނަނަމަ، ލިބޭނީ ވަރަށް ބޮޑު އަގުގައި ކަމަށް އޭނާ ޔަގީންކަމާއެކު ބުންޏެވެ. މިއީ "ލައްކަ" ވާހަކަ އެވެ.

ޕެރަސެޓަމޯލްގެ ފޭކު ވައްތަރަކާއި އަސްލު ވައްތަރު.

ޕެރަސެޓަމޯލްގެ ފޭކު ވައްތަރަކާއި އަސްލު ވައްތަރު.

ބޭސްފަރުވާ އަށް ލައްކަ ޚަރަދު އަޅުގަނޑުމެން ކުރަމު އެވެ. އެތައް ތާކަށް ދަތުރުކޮށް އެތައް ބައެއް ކައިރިން ސަލާން ޖަހަމު އެވެ. ފުރިހަމަ ޞިއްހަތެއް ހޯދުމުގެ ބޭނުމުގަ އެވެ. މަތީގައި އެވާ ފޮޓޯ އަށް ރަނގަޅަށް ބައްލަވާލައްވާށެވެ. ތިޔަ ފެންނަނީ ޕެރަސެޓަމޯލް ނަމަކަށް ކިޔާ ބޭހުގެ ފޭކު ވައްތަރަކާއި އަސްލު ވައްތަރެކެވެ. ފޭކު ބޭހުގެ ވިޔަފާރި އަކީ ދުނިޔޭގެ ހުރިހާ ތަނެއްގައި ވެސް ކުރާ ވިޔަފާރިއެކެވެ. ބައިއަޅަންޖެހޭ ފަރާތްތަކަށް ބައި އަޅައިގެން ސިއްރުން ނުވަތަ ފާޅުގައިކުރާ، ނުރައްކާތެރި މި ވިޔަފާރި، އެންމެ ފަގީރު ގައުމުތަކުން ފެށިގެން ގޮސް ތަރައްގީ ވެފައިވާ ގައުމުތައް ކަމުގައިވާ އެމެރިކާ އަދި އިނގިރޭސި ވިލާތަށް ވެސް ވަނީ ފޯރައިފަ އެވެ. އަޅުގަނޑުމެންގެ ރާއްޖެ ހިމެނޭ ދެކުނު އޭޝިޔާގެ ގައުމުތަކީ ފޭކު ބޭހުގެ ވިޔަފާރި އެންމެ ގަދަޔަށް ކުރަމުންދާ އެއް ސަރަހައްދެވެ.

ފޭކު ބޭހަކީ ކޮބާ؟

ފޭކު ބޭސް ނުވަތަ ކައުންޓަފީޓް ބޭހަކީ ކަމާ ބެހޭ ދާއިރާތަކުން ހުއްދަ ނުނަގައި އަދި އެ ފަރާތްތަކުން އެ ބޭހެއްގެ ކޮލިޓީ ނުވަތަ ފެންވަރު ވަޒަން ނުކޮށް، ބޭހުގެ ނަމުގައި ވިއްކާ ކޮންމެ ބޭހެކެވެ. އަސްލު ބޭހެއްގެ ސިފަތައް ނުވަތަ އަސްލު ބޭހަކާ ވައްތަރު ކުރުވަން މަސައްކަތް ކޮށްފައި ހުންނަ ކޮންމެ ބޭހަކީ ފޭކު ބޭހެވެ. ބައެއް ފޭކު ބޭހުގައި އަސްލު ބޭހުގެ މާއްދާތައް ކޮންމެވެސް މިންވަރަކަށް ހުރެދާނެ އެވެ. ނަމަވެސް އެއީ ހަގީގީ ބޭހުގައި ހުންނަ މިންވަރަށް ވުރެ މަދުންނެވެ. ނުވަތަ ގިނައިންނެވެ. އަދި އެފަދަ ބޭހެއްގައި ބޭހުގެ އެއްވެސް މިންވަރެއް ނުހިމެނި ވެސް ހިނގައިދާނެ އެވެ. އަދި ކިއެއް ހެއްޔެވެ؟ އަސްލު ބޭހުގައި ހުންނަ މާއްދާ ނުހިމަނައި، އެހެން ބޭހެއްގައި ހުންނަ މާއްދާއެއް ހިމަނައިފައި ވެސް ހުރެދާނެ އެވެ.

ފޭކު ބޭހެއްކަން އެނގޭނީ ކިހިނެއް ހެއްޔެވެ؟

ޚުދު އަޅުގަނޑުމެން ޑޮކްޓަރުންނަށް ވެސް ފޭކު ބޭސް ވަކިކުރަން ވަރަށް އުނދަގުލެވެ. ނަމަވެސް އެފަދަ ބޭސް ދެނެގަތުމަށްޓަކައި އަޅުގަނޑުމެން ކޮންމެ މީހަކަށް ވެސް ކުރެވިދާނެ ބައެއް ކަންތައްތައް އެބަހުއްޓެވެ. ތިރީގައި މި ދަންނަވާ ކަންކަމަށް ފަރުވާތެރިވާށެވެ. އަދި އެކަންކަން ޗެކް ކުރައްވާށެވެ.

1- ބޭސް ގުޅަތަކުގެ ކުލަޔަށް ބަލާށެވެ. ހުރިހާ ގުޅަތަކެއްގެ ކުލަ އެއްގޮތްތޯ ޔަގީން ކުރާށެވެ. އަސްލު ބޭހުގައި ހުރިހާ ގުޅައެއްގެ ކުލަ އެއްގޮތް ވާނެއެވެ.

2- ބޭސްގުޅަތަކުގެ ތެރެއިން ބައެއް ބޭސްގުޅަ ފުޑިފައި ނުވަތަ މުގުރިފައި ހުރެއްޖެނަމަ އެބޭހެއް ނުގަންނާށެވެ. އަދި ބޭސް ގުޅަތަކުގައި ހުންނަ ހިމުންކަމުގައި އެއްވެސް ތަފާތެއް ފާހަނގަކުރެވޭނަމަވެސް އެބޭހެއް ނުގަންނާށެވެ.

3- ބޭސް އުފެއްދި ތާރީޚާއި މުއްދަތު ހަމަވާ ތާރީޚާއި ބެޗް ނަންބަރު ނުވަތަ ލޮޓް ނަންބަރު ސާފުކޮށް ރީތިކޮށް ކިޔަން އެނގޭގޮތައް ހުރިތޯ ބަލާށެވެ. މި މައުލޫމާތުތައް ބޭސް ފޮށީގަ އާއި ބޭސް ކާޑުގައި ނުވަތަ ބޭސް ފުޅީގައި ވެސް ރީއްޗަށް ފެންނަން ހުންނަން ޖެހޭނެ އެވެ. ބައެއް ފަހަރު ބޭސް ފޮށީގައި މިދެންނެވި މައުލޫމާތުތައް ހުރެފައި، ބޭސް ކާޑުގައި ނުވަތަ ފުޅީގައި މި މައުލޫމާތުތައް ނުހުރެދާނެ އެވެ. މިހެން ވެއްޖެނަމަ އެފަދަ ބޭހެއް ގަތުމަކީ ބުއްދިވެރިކަމެއް ނޫނެވެ. އަދި ބައެއް ފަހަރު މި މައުލޫމާތުތަކުގެ ތެރެއިން ބައެއް ނުވަތަ ހުރިހާ މައުލޫމާތެއް އެއްކޮށް ފޮހެވިފައި ވެސް ހުރެދާނެ އެވެ. މިއީ ގިނަ ދުވަސްވުމުން ނުވަތަ ކޮންމެވެސް ސަބަބަކާ ހުރެ ފޮހެވިފައި ހުރީ ކަމަށް ވިއްކާ ފަރާތުން ބުނި ކަމުގައިވީ ނަމަވެސް އެފަދަ ބޭހެއް ބަލައި ނުގަންނާށެވެ. އެހެނީ ބޭހުގެ މުއްދަތު ހަމަވާން ކައިރިވުމުން ނުވަތަ މުއްދަތު ހަމަވުމުން، ބޭސް ވިއްކާ ބައެއް ފަރާތްތަކުން ބޮޑީ ސްޕްރޭ ފަދަ އެއްޗެއް ބޭނުންކޮށް މައުލޫމާތުތައް ފޮހެލައި އެއިން ނަފާ ހޯދުމަކީ އެކަށީގެންވާ ކަމަކަށް ވާތީވެ، އެންމެ ރަނގަޅުގޮތަކީ އެފަދަ ބޭހެއް އެއްގޮތަކަށް ވެސް ބޭނުން ނުކުރުމެވެ.

4- ބޭސް އުފެއްދި ތާރީޚާއި މުއްދަތު ހަމަވާ ތާރީޚާއި ބެޗް ނަންބަރު ނުވަތަ ލޮޓް ނަންބަރު ލިޔެފައިވާ ގޮތުން އެކަތި އަނެކައްޗަށް ދިމާނުވެ ނުވަތަ އެލައިންގް ނުވެ ހުރެއްޖެ ނަމަ އެއީ ފޭކު ބޭހެއް ކަމަށް ބެލެވިދާނެ އެވެ. އަސްލު ބޭހުގައި މި މައުލޫމާތުތައް ރީއްޗަށް އެލައިންގްވެ ދިމާވެފައި ހުންނާނެ އެވެ. ވީމާ ބޭސް ގަންނަ އިރު މިގޮތަށް ދިމާވޭތޯ އަބަދުވެސް ޗެކް ކުރަން ވާނެ އެވެ.

5- ބޭސްކާޑުގެ އަރިމައްޗަށާއި ކަންތަކަށް ރަނގަޅަށް ބަލާށެވެ. އިނގިލީގެ ބަނޑުފުށް ހާކާލުމުން ފޮއިލްކޮޅު ނެގޭ ގޮތް ވެއްޖެނަމަ ނުވަތަ ހަލާކުވެފައި ހުރެއްޖެ ނަމަ އެ ބޭހަކީ ކޮލިޓީ ދަށް ނުވަތަ ފޭކު ބޭހެއްގެ ގޮތުގައި ބެލެވިދާނެ އެވެ. އެހެންކަމުން މިފަދަ ކަމެއް ފާހަގަ ކުރެވިއްޖެނަމަ އެ ބޭހެއް ގަތުން ބުއްދިވެރިއެއް ނޫނެވެ.

6- އަކުރެއް ނުވަތަ އަދަދެއް ބޭސް ގުޅައިގައި ކަނޑައިނަގާފައިވާ ނަމަ އެއްގުޅަ އަނެއް ގުޅަ އާއި އަޅައިބަލައި ތަފާތެއް ހުރިތޯ ބަލާށެވެ. ބައެއް ފަހަރު ހަމަލޮލަށް ނުފެނުނަސް ބޮޑުވާ ބިއްލޫރި އަޅައިގެން ވެސް، ތަފާތެއް ފެނުމަކީ އެކަށީގެންވާ ކަމެކެވެ. މި ގޮތަށް ކަންތައްތައް ކޮށްގެން ވެސް ތަފާތެއް ނުފެނިޖެއް ނަމަ އެ ބޭހަކީ 100 ޕަސެންޓް އަސްލު ބޭހެއް ކަމަށް އަދިވެސް ނުނިންމޭނެ އެވެ. ސަބަބަކީ ފަހަކަށް އައިސް އުފައްދާ ފޭކު ބޭސް ހުންނަނީ ބޮޑުވާ ބިއްލޫރި އަޅައިގެން ވެސް ދެނެގަނެވޭ ވަރަށް ވުރެ "މަތި އޮމާން"ރީތި ކޮށްފަ އެވެ. އެ ފަދަ ބޭސްތައް ދެން ޔަގީން ކުރެވޭނީ އެކަން ދެނެގަނެވޭނެ ފަދަ މެޝިންތަކާއި އާލާތްތައް ބޭނުން ކޮށްގެންނެވެ. ތިރީގައި މިވާ ފޮޓޯ އަށް ބައްލަވާލައްވާށެވެ.

މިއީ ޖިންސީ ބަލިކަށިކަން ހުންނަ މީހުން، އާއްމުކޮށް ބޭނުންކުރާ ބޭހެއް ކަމުގައިވާ ސިލްޑަނަފިލް ކިޔާ ބޭހެއްގެ އަސްލު ވައްތަރު ދެނެގަތުމަށްޓަކައި އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަނުން ކޮށްފައިވާ މަސައްކަތެކެވެ. ބަލާބެލުމަށް މި ދެބޭސްގުޅައިން އެއްވެސް ތަފާތެއް ނުފެނެ އެވެ. އެތައް ފަހަރަކު އެތައް ވަރަކަށް އެންލާޖް ކޮށްގެން ނުވަތަ ބޮޑުކޮށްގެން ބެލުމުން ވެސް އެއްވެސް ތަފާތެއް ފާހަގައެއް ނުކުރެވެ އެވެ. ދެން އެއަށް ފަހު އެއް ބޭހުގެ ފޮޓޯ މައްޗަށް އަނެއް ބޭހުގެ ފޮޓޯލައި ބެލުމުން، އަކުރެއްގެ ތަފާތު ފާހަގަވެގެން ދިޔަ އެވެ. މަތީގައިވާ ފޮޓޯއިން އެ ފެންނަ "ޖީ" އަކުރަކީ މި ދެންނެވި ތަފާތުވި އަކުރެވެ. ފަހަރުގައި ރަހުމަތްތެރިޔާ އެ ބުނާ ބާޒާރުމަތިން ލިބޭ ބޭހަކީ މިފަދަ ބާވަތުގެ ބޭސް ކަމުގައި ވެސް ވުން އެކަށީގެންވެ އެވެ. އާއްމުކޮށް މިފަދަ ބޭސް ބައެއް މީހުން ގަންނަނީ އިންޓަނެޓް މެދުވެރިކޮށެވެ.

ޔޫއެސްޕީ، ބީޕީ އަދި އައިޕީ އަކީ ކޮން އެއްޗެއް ހެއްޔެވެ؟

ޔުނައިޓަޑް ސްޓޭޓްސް ފާމަކޯޕީއަ (ޔޫއެސްޕީ ) ބުރިޓިޝް ފާމަކޯޕީއަ (ބީޕީ ) އަދި އިންޑިއަން ފާމަކޯޕީއަ (އައިޕީ) އަކީ ޑޮކްޓަރީ ބޭސް އުފެއްދުމުގައި، ބޭހުގައި ހުންނަންޖެހޭ އެންމެހައި ކަންކަމާއި އުފައްދާފައިވާ ގޮތާއި ބޭހުގެ ފެންވަރު ވަޒަން ކޮށްފައިވާ ބޭސްތަކުގެ ލިސްޓާއި އަދި މި ނޫނަސް ބޭހާ ގުޅޭ ވަރަށް ގިނަ މައުލޫމާތު ހިމެނޭ ފޮތެކެވެ. ބޭހުގައި ޔޫއެސްޕީ ލިޔެފައިވާ ނަމަ އޭގެ މާނަ އަކީ އެ ބޭހަކީ އެމެރިކާ ގަބޫލުކުރާ ފެންވަރަށް ތައްޔާރު ކޮށްފައި ބޭހެކެވެ. ބީޕީ ލިޔެފައިވާ ނަމަ އެ ބޭހަކީ އިނގިރޭސި ވިލާތް ގަބޫލުކުރާ ފެންވަރަށް ތައްޔާރު ކޮށްފައިވާ ބޭހެކެވެ. އަދި އައިޕީ ލިޔެފައިވާ ނަމަ އެ ބޭހަކީ އިންޑިއާ ގަބޫލުކުރާ ފެންވަރަށް ތައްޔާރު ކުރެވިފައިވާ ބޭހެކެވެ. މި އަކުރުތައް ނޫނަސް ބައެއް އެހެން އަކުރުތައް ހުންނަ ބައެއް ބޭސް ފެނުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. ބޭސް ގަންނައިރު މި ދެންނެވި އަކުރުތައް ލިޔެފައި ހުރިތޯ ބެލުން ބުއްދިވެރި އެވެ. އަދި މި އަކުރުތައް ނެތްނަމަ އެފަދަ ބޭހެއް ގަތުން އެހާ ރަނގަޅެއް ނޫނެވެ. ބައެއް ފަހަރު ބޭސް ފޮށީގައި މި އަކުރުތައް ހުރެފައި ބޭސްކާޑުގައި ނުވަތަ ބޭސްފުޅީގައި ނުހުރެދާނެ އެވެ. މިހެން ވެއްޖެނަމަ އެބޭހަކާ މެދު ޝައްކު ކުރުމުގެ ފުރުޞަތު އެބައޮތެވެ.

ފޭކު ބޭހެއް ކެވިއްޖެނަމަ ވާނީ ކިހިނެއް؟

ފޭކު ބޭހެއް ކެވިއްޖެނަމަ ޞިއްހީ ގޮތުން އެ މީހަކު އެތައް ނުރަކަލަކަށް ހުށަހެޅިގެންދެ އެވެ. އޭގެ ތެރޭގައި އެލާޖިކް ވުމާއި ބަލި އިތުރަށް ބޮޑުވެގެން ދިއުމާއި ބޭހަށް ނުގުޑުމާއި ވިހަވުމާއި ފުރާނަ އަށް ނުރައްކާވުން ފަދަ ކަންކަން ހިމެނެ އެވެ. އެހެންކަމުން ފޭކު ބޭހެއް ކެވިއްޖެނަމަ ނުވަތަ ޝައްކުވެއްޖެ ނަމަ ވީހާ ވެސް އަވަހަށް ޑޮކްޓަރަކަށް ދައްކަވާށެވެ. އަދި ކަމާ ގުޅޭ މުއައްސަސާއަށް ރިޕޯޓް ކުރާށެވެ.

ފޭކު ބޭހުން ރައްކާތެރިވާނީ ކިހިނެއް؟

ޑޮކްޓަރުގެ ބޭސް ސިޓީއާ ނުލައި އެއްގޮތަކަށް ވެސް ބޭސް ނުނަންގަންނަވާށެވެ. އަބަދުވެސް ބޭސް ގަންނަނީ ސަރުކާރުން ހުއްދަ ދީފައިވާ ނުވަތަ ލައިސަންސް ދީފައިވާ ބޭސް ފިހާރައަކުން ކަމުގައި ހައްދަވާށެވެ. ބޭސް ލިބިލެއްވުމުން އެއްވެސް ބަލާލުމެއް ނެތި ޗެކް ކުރުމެއް ނެތި ބޭސް ފިހާރައިން ނުނިކުންނާށެވެ. ފޭކު ބޭހެއްގައި ހުންނަ ކަންކަން ފެނޭތޯ އަމިއްލަފުޅަށް ޗެކް ކުރައްވާށެވެ. ޔޫއެސްޕީ، ބީޕީ އަދި އައިޕީ ޖަހާފައި ހުރިތޯ ބަލާށެވެ. އަދި ޝައްކުވާ ފަދަ ކަމެއް ފެނިއްޖެނަމަ ފާމަސިސްޓް ގާތުގައި އަހާށެވެ. ނުވަތަ ޑޮކްޓަރު ގާތުގައި އަހައި އޮޅުން ފިލުވާށެވެ. އިންޓަނެޓް މެދުވެރިކޮށް އެއްގޮތަކަށް ވެސް ބޭސް ނުގަންނާށެވެ.

ދިވެހިރާއްޖޭގައި ފޭކު ބޭހުގެ ނުރައްކާ އޮތީ ކިހާ މިންވަރަކަށް ހެއްޔެވެ؟

ކުރިން ވެސް ދެންނެވިހެން އަޅުގަނޑުމެންގެ ރާއްޖެ ހިމެނެނީ އެންމެ ގިނައިން ފޭކު ބޭހުގެ ވިޔަފާރިކުރާ އެއް ސަރަހައްދުގަ އެވެ. ބައެއް މީޑިއާތައް ސިފަކުރާ ގޮތުގައި އަވައްޓެރި އިންޑިއާ، ޕާކިސްތާން އަދި ބަންގުލަދޭޝް އަކީ ފޭކު ބޭހުގެ ހާލިތަކެކެވެ. އަޅުގަނޑުމެންގެ ރާއްޖެ އަށް އާއްމު ގޮތެއްގައި ބޭސް އެތެރެކުރަނީ އިންޑިއާ، ޕާކިސްތާން، ބަންގުލަދޭޝް އަދި މެލޭޝިއާ ފަދަ ގައުމުތަކުންނެވެ. ކޮންމެ ގައުމަކުން ރާއްޖެ އަށް އެތެރެކުރި ކަމުގައިވީ ނަމަވެސް އަޅުގަނޑުމެންގެ ގައުމުގެ ފެންވަރުން އެ ބޭހެއްގެ ފެންވަރު ވަޒަން ކުރެ އެވެ. ދާދި ފަހުން މޯލްޑިވްސް ފުޑް އެންޑް ޑުރަގް އެޑްމިނިސްޓްރޭޝަނުން އިންޑިއާގެ ބޭސް އުފައްދާ ކުންފުންޏެއް ކަމުގައިވާ ލެބެން ލެބޯރަޓަރީސް ޕްރައިވެޓް ލިމިޓެޑްގެ ބޭސް ރާއްޖެ އެތެރެކޮށް ވިއްކުން މަނާކޮށްފައިވާ ކަމީ މީގެ އެއް މިސާލެވެ. ނަމަވެސް އަޅުގަނޑުމެން ގަބޫލު ކުރަން ޖެހޭނީ ބޭރުގެ ކަނޑުތަކުގައި ދަމާ އޮއިވަރާއި ނަގާ ރާޅު އަޅުގަނޑުމެންގެ ރާއްޖޭގެ ކަނޑުތަކުގައި ވެސް ދަމާނެ ކަމެވެ. އަދި އެފަދަ ރާޅު ނަގައި ބިންދާނެ ކަމެވެ.

ބޭސް އުފައްދާ ރަނގަޅު ކުންފުނިތަކަކީ ކޮބާ ހެއްޔެވެ؟

މިއީ ޑޮކްޓަރުންނަށް ޖަވާބު ދޭން އުނދަގޫ ސުވާލެކެވެ. ސަބަބަކީ ވަކި ކުންފުންޏެއްގެ ނުވަތަ ވަކި ބުރޭންޑެއްގެ ބޭހެއް ޕްރޮމޯޓް ކުރުމަކީ ގާނޫނީ ގޮތުން ޑޮކްޓަރުންނަށް މަނާކަމެކެވެ. ވަކި ބްރޭންޑެއްގެ ނަން ބުނެފިނަމަ އެއީ އެހެން ބްރޭންޑްތަކަށް ކުރެވޭ ބޭއިންސާފަކަށް ވެދާނެތީ އެވެ. ކަން މިހެން ހުރި ކަމުގައިވީ ނަމަވެސް ބޭސް އުފައްދާ ރަނގަޅު ކުންފުނިތައް އިންޓަނެޓްގެ ޒަރިއްޔާ އިން ހޯދައި އޮޅުން ފިލުވުމަކީ މި ޒަމާނުގައި ވަރަށް ފަސޭހަކަމެކެވެ. ނަމަވެސް ބަލަންވީ ރަނގަޅު ބުރޭންޑްތަކުގެ ނަމުގައި ފޭކް ބޭސް ހުރެދާނެ ކަމެވެ. މިކަމުން ރައްކާތެރިވުމަށްޓަކައި ބޭސް އުފައްދާ ކުންފުނީގެ ވެބްސައިޓަށް ވަދެ އެ ކުންފުނީގެ އެ ބޭހެއްގެ ސައްހަ މައުލޫމާތު ހޯދާށެވެ.

ފޭކު ބޭހުން ސަލާމަތްވުމަށްޓަކައި ސައްހަ ބޭސް އުފައްދާ ކުންފުނިތަކުން ދަނީ ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ. ބާކޯޑު ނުވަތަ ސީރިއަލް ނަންބަރު ޖަހައި ނުވަތަ އެސްއެމްއެސް ކޮށްގެން ވެސް ބޭހުގެ ސައްހަކަން ޔަގީން ކުރެވޭނެ ގޮތްތައް ދަނީ ހޯދައި ބަލަމުންނެވެ. އަދި މިފަދަ ބައެއް ބޭސް މިހާރު ބާޒާރުގައި ލިބެން ހުރި ކަން ވެސް ފާހަގަކުރަމެވެ. ފޭކު ބޭހުގެ ވިޔަފާރި ހުއްޓޭނީ، އެކަންކުރާ ފަރާތްތައް ހޯދައި ހައްގު އަދަބު ދީގެންނެވެ. ތަކުރާރުކޮށް ފޭކު ބޭސް އެތެރެކުރުމުގެ ފުރުޞަތު ދިނުމަކީ އެއްވެސް ވަރަކަށް ބަލައިގަނެވޭނެ ކަމެއް ނޫނެވެ.