Roadha Mihaaru

ރާއްޖޭގެ ޑިޖިޓަލް ބަދަލުތައް ހަލުވިކުރުމުގެ ހާއްސަ ޕްރޮގްރާމެއް

ރާއްޖޭގެ ޑިޖިޓަލް ނިޒާމު ވަރުގަދަ ކުރުމުގެ ހާއްސަ ޕްރޮގްރާމެއް މިއަދު އިފުތިތާހުކޮށްފި އެވެ.

ޑިޖިޓަލް ބަދަލުތައް ހަލުވިކުރުމުގެ ޕްރޮގްރާމެއް
އައިޝަތު ޖަޒްލީ
އައިޝަތު ޖަޒްލީ

10 އޯގަސްޓް 2025

ރާއްޖޭގެ ޑިޖިޓަލް ނިޒާމު ވަރުގަދަ ކުރުމުގެ ހާއްސަ ޕްރޮގްރާމެއް މިއަދު އިފުތިތާހުކޮށްފި އެވެ.

މިއީ ބީއެމްއެލް އާއި ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓްރީ އާއި އެންސީއައިޓީ އަދި މާސްޓާކާޑް ގުޅިގެން ހިންގާ 'މޯލްޑިވްސް ޑިޖިޓަލް ޕާޓްނާޝިޕް ޕްރޮގްރާމް' އެކެވެ.

ބީއެމްއެލް އިން ބުނީ، ފަސް އަހަރުގެ މުއްދަތަށް ހިންގާ އެ ޕްރޮގްރާމްގެ ބޭނުމަކީ ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން އިތުރަށް ހަލުވި ކުރުން ކަމަށެވެ.

"މި ސްޓްރެޓެޖިކް ޕްރޮގްރާމްގެ މަގްސަދަކީ، ދިވެހި ސަރުކާރުގެ ޑިޖިޓަލް ހިދުމަތްތަކަށް ފަހި ރާއްޖެ އަށް ބިނާ ކުރުމުގެ ތަސައްވުރަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ. އެގޮތުން ޒަމާނީ ޑިޖިޓަލް އިންފްރާސްޓްރަކްޗާއެއް އެކުލަވާލުމަށް އެހީތެރިވެދިނުމާއި ރައްކާތެރި އަދި ފުރިހަމަ ޑިޖިޓަލް ހިދުމަތްތައް ފޯރުކޮށްދޭ މިންވަރު އިތުރުކުރުން ހިމެނެ އެވެ،" ބީއެމްއެލް އިން ނެރުނު ބަޔާނެއްގައި ވެ އެވެ.

އެއްބަސްވުމުގެ ދަށުން ހިންގާނެ ކަންކަން:

● އިތުރު ހިދުމަތްތަކާ އެކު ރައްކާތެރިކަން އިތުރަށް ފުރިހަމަކޮށް ޑިޖިޓަލް އައިޑެންޓިޓީ އަދި ޕޭމަންޓް ސިސްޓަމް ޒަމާނީ ކުރުން.

● އޭއައި ބޭނުންކޮށްގެން ސައިބާސެކިއުރިޓީ ވަރުގަދަކުރުން.

● ޑިޖިޓަލް ޕޭމަންޓްގެ ނިޒާމު އިތުރަށް ފުޅާކޮށް، ސަރުކާރުންދޭ ހިދުމަތްތަކާއި މުހިންމު އެހެން ދާއިރާތަކުގެ ހިދުމަތްތައް ޑިޖިޓަލައިޒް ކުރުން

● ދަތުރުފަތުރުގެ ނިޒާމުގައި ބޭނުންކުރާ ޕޭމަންޓް ސިސްޓަމް މިހާރަށް ވުރެ ފަސޭހަކޮށް، ޒަމާނީ ކުރުން.

● ޓޫރިޒަމް ސިނާއަތާއި އިގްތިސާދީ ކުރިއެރުމަށް މަގުފަހިކުރާ އެހެނިހެން ދާއިރާތަކަށް، އަމަލީ ގޮތުން މަސައްކަތް ކުރެވޭނެ މައުލޫމާތު އުފެއްދުމަށް ޑޭޓާ އެނަލިޓިކްސް ބޭނުންކުރުން.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، ރާއްޖެ އަށް އިންގިލާބީ ބަދަލެއް ގެނައުމަށް މާސްޓަކާޑާއި އެންސީއައިޓީއާ އެކު ކުރާ މަސައްކަތުގައި ބައިވެރިވުމަކީ އެ ބޭންކަށް ލިބޭ ވަރަށް ބޮޑު ފަހުރެއް ކަމަށެވެ. އަދި މި ޕްރޮގްރާމްގެ ސަބަބުން މިހާރަށް ވުރެ ބޮޑަށް އެންމެންނަށް ރައްކާތެރި އަދި ޑިޖިޓަލް ގޮތުން ކުރިއަރާފައިވާ މުޖުތަމައެއް ބިނާކުރުމަށް އެހީވެދޭނެ ކަމަށް ވިދާޅުވި އެވެ.

"މި އެއްބަސްވުމުގެ ސަބަބުން މާސްޓާކާޑުގެ ބައިނަލްއަގުވާމީ ފެންވަރުގެ ގާބިލުކަމާއި ދިވެހި ފަންނުވެރިކަން ގުޅުމުން ރާއްޖޭގެ މުސްތަގުބަލަށް ހަރުދަނާ ބިންގަލެއް އެޅިގެން ދާނެ،" ޝަރީފު ވިދާޅުވި އެވެ.

ރާއްޖޭގެ ޑިޖިޓަލް ނިޒާމު ވަރުގަދަ ކުރުމުގެ އެއްބަސްވުމުގައި ބީއެމްއެލް އާއި ހޯމް މިނިސްޓްރީ އާއި އެންސީއައިޓީ އަދި މާސްޓަކާޑުން ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތަށް ފަހު އެ އިދާރާތަކުގެ އިސްވެރިން ފޮޓޯއަކަށް ހުއްޓި ވަޑައިގެން.

ރާއްޖޭގެ ޑިޖިޓަލް ނިޒާމު ވަރުގަދަ ކުރުމުގެ އެއްބަސްވުމުގައި ބީއެމްއެލް އާއި ހޯމް މިނިސްޓްރީ އާއި އެންސީއައިޓީ އަދި މާސްޓަކާޑުން ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތަށް ފަހު އެ އިދާރާތަކުގެ އިސްވެރިން ފޮޓޯއަކަށް ހުއްޓި ވަޑައިގެން.

އެންސީއައިޓީގެ އިސްވެރިޔާ ޑރ. މުހައްމަދު ކިނާނަތު ވިދާޅުވީ މޯލްޑިވްސް ޑިޖިޓަލް ޕާޓްނާޝިޕް ޕްރޮގްރާމްގެ ދަށުން، މާސްޓާ ކާޑާއި ބީއެމްއެލްއާ ގުޅިގެން މަސައްކަތް ކުރުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތަސައްވުރާ އެއްގޮތަށް މޯލްޑިވްސް 2.0 ގެ ދަށުން ރާއްޖޭގެ އިގްތިސާދީ ކުރިއެރުމަށާއި ދެފުށް ފެންނަ ނިޒާމެއް ގާއިމުކޮށް، ހިންގުން ހަރުދަނާކޮށް، ރައްޔިތުންނަށް ފުރިހަމަ ހިދުމަތެއް ދިނުމަށް ރާއްޖެ އަށް ޑިޖިޓަލް ޓްރާންސްފޮމޭޝަނެއް ގެންނަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

މާސްޓާކާޑުގެ ފަރާތުން ސްރީ ލަންކާ އާއި ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ މެނޭޖަރު ސަންދުން ހަޕުގޮޑާ ވިދާޅުވިގޮތުގައި، ޑިޖިޓަލް އިނޮވޭޝަންގެ ސަބަބުން ހުޅުވޭ އިގްތިސާދީ ފުރުސަތުތަކާއި ފަހި ބަދަލުތަކަށް އޮތް ފުރުސަތު މާސްޓާކާޑުން ބަލައިގަނަން ކަމަށެވެ.

"މޯލްޑިވްސް ޑިޖިޓަލް ޕާޓްނާޝިޕް ޕްރޮގްރާމްގައި ބައިވެރިވުމަކީ އަޅުގަނޑުމެންނަށް ލިބޭ ޝަރަފެއް، ޑޭޓާ އާއި ޓެކްނޮލޮޖީ ބޭނުންކޮށްގެން ރައްޔިތުންނަށް ބޭނުންތެރި ނަތީޖާތަކެއް ހޯދުމަށާއި ޑިޖިޓަލް އިގްތިސާދު ކުރިއެރުވުމަށް އެހީތެރިކަން ފޯރުކޮށްދީ، ޑިޖިޓަލް އެކޮނޮމީއަކަށް ކުރާ ދަތުރު އަވަސްކުރުމަށް އަޅުގަނޑުމެން އެހީތެރިވެދޭނަން،" އޭނާ ވިދާޅުވި އެވެ.