Roadha Mihaaru

އިންޑިއާގެ ނުފޫޒުގަދަ ސިޔާސީ މީހަކު ރޭޕްގެ ކުށުގައި އުމުރަށް ޖަލަށް

އިންޑިއާގެ ކަރްނާޓަކާ ސްޓޭޓްގެ މަޝްހޫރު އަދި ނުފޫޒު ގަދަ ސިޔާސީ މީހަކު އޭނާގެ މުވައްޒަފުން ރޭޕްކުރި ކަމުގެ ކުށް ސާބިތުވެ އުމުރަށް ޖަލަށް ލުމަށް ދެކުނު އިންޑިއާގެ ކޯޓަކުން ހުކުމްކޮށްފި އެވެ.

އިންޑިއާގެ ސިޔާސީ މީހަކު ރޭޕްގެ ކުށަށް އުމުރަށް ޖަލަށް

އިންޑިއާގެ ކަރްނާޓަކާ ސްޓޭޓްގެ މަޝްހޫރު އަދި ނުފޫޒު ގަދަ ސިޔާސީ މީހަކު އޭނާގެ މުވައްޒަފުން ރޭޕްކުރި ކަމުގެ ކުށް ސާބިތުވެ އުމުރަށް ޖަލަށް ލުމަށް ދެކުނު އިންޑިއާގެ ކޯޓަކުން ހުކުމްކޮށްފި އެވެ.

އެ ސްޓޭޓުގެ ނުފޫޒު ގަދަ ސިޔާސީ އާއިލާއަކަށް ނިސްބަތްވާ ޕްރަޖްވާލް ރެވާނާގެ މައްޗަށް ހުކުމް އިއްވީ އޭނާގެ ކުރީގެ މުވައްޒަފުން ރޭޕްކުރި ކަމުގެ ކުށް ސާބިތުވިތާ އެއް ދުވަސް ފަހުން އިއްޔެ އެވެ.

އުމުރުން 34 އަހަރުގެ، ކުރީގެ ޕާލަމެންޓް މެމްބަރުގެ މައްސަލަ ފެންމަތިވީ 2023 ވަނަ އަހަރު އޭނާގެ ބަދުއަހުލާގީ އަމަލުތަކުގެ ވީޑިއޯތައް ސޯޝަލް މީޑިއާގައި ފެތުރެން ފެށި ހިސާބުންނެވެ. އެ ވީޑިއޯތަކާ ގުޅިގެން މުޅި ގައުމުގައި އާންމުންގެ ރުޅިވެރިކަން އުފެދުނެވެ.

ރެވާނާ ވަނީ އޭނާގެ މައްޗަށް ކުރި ތުހުމަތުތަކަށް އިންކާރުކޮށްފަ އެވެ. އެކަމަކު ކުށް ސާބިތުވާ ކަމަށް ހުކުރު ދުވަހު ކަނޑައެޅުމާ އެކު ކޯޓުގައި ރޮއެ އާދޭސްކޮށް، ލުއި އަދަބަކަށް އެދުނެވެ.

އުމުރު ދުވަހުގެ ހުކުމް އިސްތިއުނާފުކުރުމުގެ ފުރުސަތު އަދި އެބަ އޮތެވެ.

ރެވާނާ އަކީ މިހާރުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ބީޖޭޕީގެ ކޯލިޝަނުގައި ހިމެނޭ، ޖަނަލާ ދާލް ޕާޓީގެ ލީޑަރު އިންޑިއާގެ ކުރީގެ ބޮޑުވަޒީރު އެޗްޑީ ދޭވްގައުދާއަށް ކާފަ ކިޔާ މީހެކެވެ. މިފަދަ އާއިލާއަކަށް ނިސްބަތްވާ ސިޔާސީ މީހަކަށް މި ފަދަ މައްސަލައެއްގައި ކުށް ސާބިތުވުމަކީ އިންޑިއާގައި އާންމު ކަމެއް ނޫނެވެ.

ރެވާނާ ޖިންސީ ކުށްތަކާ ގުޅޭ އެތައް ސަތޭކަ ވީޑިއޯތައް ލީކުވެ ދައުރުވާން ފެށުމާ އެކު ޑިޕްލޮމެޓިކް ޕާސްޕޯޓްގައި މިދިޔަ އަހަރުގެ އޭޕްރީލް މަހު ގައުމުން ފުރައިގެން ޖަރުމަނަށް ދިޔަ އެވެ. އެ ވީޑިއޯތަކާ ބެހޭ ގޮތުން އޭރު އޭނާ ވާހަކައެއް ނުދައްކަ އެވެ. އެކަމަކު އޭނާގެ އޮފީހުން ވަނީ އެއީ ހަދާފައި ހުރި ވީޑިއޯތަކެއް ކަމަށް ބުނެފަ އެވެ.

ރެވާނާ ގައުމު ދޫކޮށް ދިޔަތާ މަސް ދުވަސް ފަހު އެނބު އައުމާ އެކު ހައްޔަރުކުރި އެވެ.

ރެވާނާގެ މައްޗަށް އަދިވެސް ރޭޕްގެ އިތުރު ދެ ދައުވާއަކާއި ޖިންސީ ފުރައްސާރައިގެ ދައުވާއެއް އެބަ އޮތެވެ. މި ދައުވާތަކަށް ވެސް އޭނާ އިންކާރު ކުރެ އެވެ.