Roadha Mihaaru

ލޭ ހަދިޔާ ކުރުމުގެ ދުވަސް ފާހަގަކުރުމަށް ޓްރީ ޓޮޕް ހޮސްޕިޓަލާއި އިންޑިއަން ހައިކޮމިޝަންގެ ހާއްސަ ހަރަކާތެއް

ދުނިޔޭގެ ލޭ ހަދިޔާ ކުރުމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ޓްރީ ޓޮޕް ހޮސްޕިޓަލާއި ރާއްޖޭގައި ހުންނަ އިންޑިއަން ހައި ކޮމިޝަން ގުޅިގެން ލޭ ހަދިޔާކުރުމުގެ ހާއްސަ ހަރަކާތެއް ކުރިއަށް ގެންގޮސްފި އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ލޭ ހަދިޔާކުރުމުގެ ހަރަކާތެއް
އައިޝަތު ޖަޒްލީ
އައިޝަތު ޖަޒްލީ

14 ޖޫން 2025

ދުނިޔޭގެ ލޭ ހަދިޔާ ކުރުމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ޓްރީ ޓޮޕް ހޮސްޕިޓަލާއި ރާއްޖޭގައި ހުންނަ އިންޑިއަން ހައި ކޮމިޝަން ގުޅިގެން ލޭ ހަދިޔާކުރުމުގެ ހާއްސަ ހަރަކާތެއް ކުރިއަށް ގެންގޮސްފި އެވެ.

އެ ހަރަކާތުގައި އިންޑިއާގެ ހައި ކޮމިޝަނަރު ޖީ ބާލަސުބްރަމާނިއަމް، އިންޑިއަން ހައި ކޮމިޝަންގެ ޑިޕްލޮމެޓުންނާއި މުވައްޒަފުންގެ އިތުރުން ހެލްތު މިނިސްޓަރު، އަބްދުﷲ ނާޒިމް އިބްރާހިމް އާއި މިނިސްޓްރީގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވި އެވެ.

އޭގެ އިތުރުން އެ ހަރަކާތުގައި ޓްރީ ޓޮޕް ހޮސްޕިޓަލުގެ ސީއީއޯ ޑރ. ސްރިވަޓްސަން ސްރިދާރް ޖީ އާއި ހޮސްޕިޓަލުގެ އިސްވެރިންނާއި މުވައްޒަފުން ވެސް ބައިވެރިވި އެވެ.

ލޭ ހަދިޔާކުރުމަށް ބޭއްވި އެ ހަރަކާތް ފައްޓަވައިދެއްވަމުން ޓްރީ ޓޮޕް ހޮސްޕިޓަލުގެ ސީއީއޯ ޑރ. ސްރިވަޓްސަން ސްރިދާރް ޖީ ވިދާޅުވީ ލޭ ހަދިޔާކުރުމަކީ ފުރާނަ ސަލާމަތްކުރުމަށް ދެވޭ މަތިވެރި ހަދިޔާއެއްކަމަށެވެ.

އަދި މުޖުތަމައުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމަކީ މުހިންމުކަމެއް ކަމަށާއި، ލޭ ހަދިޔާކުރުމަކީ ގިނަ ބަޔަކަށް އެހީވުމަށް ލިބޭނެ ފުރުސަތެއް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ދުނިޔޭގެ ލޭ ހަދިޔާކުރުމުގެ ދުވަހާ ގުޅިގެން އިންޑިއާ ހައި ކޮމިޝަނާއެކު މަސައްކަތްކުރުމަކީ ލިބުނު ބޮޑު ޝަރަފެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.

އެ ހަރަކާތުގައި އިންޑިއަން ހައި ކޮމިޝަނުގެ ފަރާތުން ވަނީ ލޭ ހަދިޔާކުރުމުގެ ހާއްސަ ހަރަކާތެއްގައި ބައިވެރިވުމަކީ ދިވެހިންނަށް ދެވޭ ބޮޑު އެހީތެރިކަމެއް ކަމުގައި ގޮތުގައި ސިފަކޮށްފަ އެވެ.

އަދި މިއީ މިފަދަ ހަރަކާތެއްގައި އެ ހައި ކޮމިޝަނުން ބައިވެރިވާ ދެ ވަނަ އަހަރުކަން ވެސް ފާހަގަކުރި އެވެ. އަދި މިފަދަ ހަރަކާތްތަކުގެ ސަބަބުން ލޭ ހަދިޔާކުރުމުގެ މުހިއްމުކަން އާންމުންނަށް އޮޅުންފިލައި، ލޭ ހަދިޔާކުރުމަށް ޝައުގުވެރިވާ ފަރާތްތައް އިތުރުވެގެންދާކަމަށް ވެސް ބުންޏެވެ.

ދުނިޔޭގެ ލޭ ހަދިޔާކުރުމުގެ ދުވަހަކީ ކޮންމެ އަހަރެއްގެވެސް ޖޫން 14 ވަނަ ދުވަހު ފާހަގަކުރާ ދުވަހެކެވެ. މި ދުވަހަކީ ލޭ ހަދިޔާކުރުމުގެ މުހިއްމުކަމާމެދު އާންމުން ހޭލުންތެރިކުރުވުމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ، ޑަބްލިޔުއެޗްއޯއިން ކަނޑައަޅާފައިވާ ދުވަހެކެވެ.