Roadha Mihaaru

އިންތިހާބުތަކުގައި އެންމެ ބޮޑު ނުރައްކަލަކީ ދޮގު މައުލޫމާތާއި ސޯޝަލް މީޑިއާގެ ނުފޫޒު: ތިންކް ޓޭންކް

ދޮގު މައުލޫމާތު ފެތުރުމާއި ނަތީޖާއަށް އަސަރުކުރާ ގޮތަށް ސޯޝަލް މީޑިއާ އެލްގޯރިދަމްތައް އޮޅުވާލުމަކީ އިންތިހާބީ ކެމްޕެއިންތަކުގައި މިހާރު ޑިމޮކްރަސީތަކަށް އޮތް ވަރަށް ބޮޑު ނުރައްކަލެއް ކަމަށް ސްޓޮކްހޯމްގެ ތިންކް ޓޭންކެއް ކަމަށްވާ "އިންޓަނޭޝަނަލް އައިޑިއާ" ގެ ރިޕޯޓެއްގައި ބުނެފި އެވެ.

"ދޮގާއި ސޯޝަލް މީޑިއާއިން ޑިމޮކްރަސީއަށް ނުރައްކާވޭ"

ދޮގު މައުލޫމާތު ފެތުރުމާއި ނަތީޖާއަށް އަސަރުކުރާ ގޮތަށް ސޯޝަލް މީޑިއާ އެލްގޯރިދަމްތައް އޮޅުވާލުމަކީ އިންތިހާބީ ކެމްޕެއިންތަކުގައި މިހާރު ޑިމޮކްރަސީތަކަށް އޮތް ވަރަށް ބޮޑު ނުރައްކަލެއް ކަމަށް ސްޓޮކްހޯމްގެ ތިންކް ޓޭންކެއް ކަމަށްވާ "އިންޓަނޭޝަނަލް އައިޑިއާ" ގެ ރިޕޯޓެއްގައި ބުނެފި އެވެ.

މި ރިޕޯޓްގައި ބުނެފައިވާ ގޮތުގައި އިންތިހާބުތަކަށް ބޭރުގެ ނުފޫޒު ފޯރުވުމަކީ ވެސް ހަގީގީ ކަންބޮޑުވުމެކެވެ. ނަމަވެސް ބައެއް ފަހަރު ޑިމޮކްރަސީތަކުން އެތެރޭގެ މައްސަލަތަކުން ފޯކަސް ގެއްލުވާލުމަށް ބަހަނާއެއްގެ ގޮތުގައި ބޭރުގެ ނުފޫޒުގެ ވާހަކަ ދައްކާ ކަމަށް އެ ރިޕޯޓްގައި ބުނެފައިވެ އެވެ.

އެ ރިޕޯޓުގައި ޗައިނާ، ރަޝިއާ އަދި އީރާން ފަދަ ގައުމުތަކަށް އިޝާރާތްކޮށް ބުނެފައިވަނީ އެފަދަ ކަންކަމުގައި ބައިވެރިވުމަށް ގައުމުގެ އެތެރެއިންނާއި ބޭރުން ވެސް ޝައުގުވެރިވާ ކަމަށެވެ. އަދި މިއީ ބޭރު ގައުމުތަކުގެ އިތުރުން އަމިއްލަ ބައެއް މީހުން ވެސް ބައިވެރިވާ، ނުރައްކާ ބޮޑު މައްސަލައެއް ކަމަށް ބުނެފައިވެ އެވެ.

"2024 ވަނަ އަހަރު މޮނިޓަކުރި 54 އިންތިހާބުގައި 80 ޕަސެންޓް މީހުން ވަނީ އިންތިހާބުގެ ނަތީޖާއަށް ނުފޫޒު ފޯރުވުމުގެ މަގްސަދުގައި ގަސްދުގައި ދޮގު މައުލޫމާތު ދިނުމުގެ ކެމްޕޭންތައް ހިންގުމުގެ ނަތީޖާ ތަޖުރިބާކުރަން ޖެހުނު ކަމަށް ބުނެފައި،" އައިޑީއާގެ ސެކްރެޓަރީ ޖެނެރަލް ކެވިން ކަސަސް-ޒަމޯރާ އޭއެފްޕީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިންތިހާބުގެ ނަތީޖާ އަންނަ ގޮތަކުން، އެއީ ބޭރުގެ ނުފޫޒާ ހެދި ދިމާވި ގޮތް ކަމަށް ބުނެ ސިޔާސީ މީހުން އަސްލު މައްސަލައިގެ ފޯކަސް ގެއްލުވާލާ ކަމަށެވެ. އަދި އިންތިހާބުގައި އެ މީހަކު ކުރި ކެމްޕެއިން ކާމިޔާބުތޯ ނުވަތަ ނޫންތޯ ވެސް ޔަގީން ނުކުރެވޭ ކަމަށް ވިދާޅުވި އެވެ.

"ބޭރުގެ ނުފޫޒު ފޯރާ ވާހަކަ އާއި ދޮގު މައުލޫމާތުގެ ވާހަކަ ދައްކާއިރު އެންމެ ކުޑަމިނުން، ހަމަހަމަކަން ނެތުން، ސިޔާސީ ބޭފުޅުން ރައްޔިތުންގެ އަޑު ނާހައި ބާކީ ކޮށްލުމުގެ މައްސަލަ ފަދަ ކަންކަމަށް ވެސް ސިޔާސީ ބޭފުޅުން އިޖާބަދޭން އެބަ ޖެހޭ،" ކެވިން ކަސަސް-ޒަމޯރާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބޭރުގެ ނުފޫޒުގެ ވާހަކަ މާބޮޑަށް ބަހަނާއެއްގެ ގޮތުގައި ދެއްކުމަކީ ޑިމޮކްރަސީ އަލުން އިވެލުއޭޓްކޮށް، ރައްޔިތުންގެ ބޭނުންތައް ފުއްދައިދޭކަން ކަށަވަރުކުރުމުގެ މަސްއޫލިއްޔަތުން ރެކެން ސިޔާސީ ބޭފުޅުންނަށް ފަސޭހަ ސަބަބަކަށް ވެފައިވާ ކަމަށެވެ.

ސިޔާސީ މުއައްސަސާތަކުގެ އިތުބާރު ގެއްލެމުން ދިއުމުގެ މައްސަލައަށް އަވަހަށް އިޖާބަ ދިނުމަކީ ޑިމޮކްރަސީގެ ކުރިމަގާ މެދު ސީރިއަސްކޮށް ވިސްނާ ނަމަ އަވަސް ޖަވާބެއް ބޭނުންވާ ސުވާލެއް ކަމަށް ކެވިން ކަސަސް-ޒަމޯރާ ވިދާޅުވި އެވެ.

ސިޔާސީ ކަންކަމަށް އޮތް އިތުބާރު ކުޑަވެފައި ވިޔަސް މިދިޔަ އަހަރު ގައުމީ ފެންވަރުގެ 74 އިންތިހާބެއްގައި ގާތްގަނޑަކަށް 1.6 ބިލިއަން މީހުން ބައިވެރިވި ކަމަށާއި މިކަމުން ރައްޔިތުން އެ މީހުންގެ ހިޔާލު ފާޅުކުރުމަށް އޮތް ޝައުގުވެރިކަން ބޮޑުކަން ހާމަވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ބަހުސްކުރެވިދާނެ މައްސަލައެއް ނަމަވެސް، ސިޔާސީ ކަންކަމުގައި ރައްޔިތުންގެ އިތުބާރު އެންމެ ބޮޑަށް ގެއްލެމުންދާ އެއް ކަމަކީ ދައުލަތުން ރައްޔިތުންނަށް ފޯރުކޮށްދޭ މުދަލާއި ހިދުމަތުގައި ޔަގީންކަން ކުޑަވުން،" ކޮސްޓަރިކާގެ ކުރީގެ ސިޔާސީ ބޭފުޅެއް ކަމަށްވާ ކެވިން ކަސަސް-ޒަމޯރާ ވިދާޅުވި އެވެ.

"ސަބަބަކަށް ވަނީ މުއައްސަސާތަކާއި ރައްޔިތުން ގުޅުވައިދޭ ކަމަކީ އެއީ ކަމަށް ވާތީ."

-- އޭއެފްޕީ