އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ޝައުގުވެރިވެވަޑައިގަންނަވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
04 ޖޫން 2025
އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ޝައުގުވެރިވެވަޑައިގަންނަވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު އެކަން ހާމަކުރެއްވީ އެމްޑީޕީ އާއި ޑިމޮކްރެޓްސްގެ ބައެއް އިސް ބޭފުޅުންނަށް ފޮނުއްވި މެސެޖެއްގަ އެވެ. އެ މެސެޖުގައި ނަޝީދު ވިދާޅުވީ އިންތިހާބަށް ކުރިމަތިލުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށެވެ.
"ކިހިނެއްތޯ ފެންނަނީ؟، ކޮންމެ ގޮތަކަށް ޖަވާބު ދެއްވި ނަމަވެސް އަޅުގަނޑުމެންގެ ގުޅުމަށް ބުރޫނާރާނެ،" ނަޝީދު ވިދާޅުވެފައިވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ވެސް ފުރުއްވުމަށް ފަހު، ރާއްޖޭގެ ސިޔާސީ ދާއިރާއިން މި ވަގުތު ދުރުގައި ހުންނެވި ނަޝީދަކީ ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް) ގެ ސެކްރެޓަރީ ޖެނެރަލެވެ. އެ މަސްއޫލިއްޔަތުތައް އަދާކުރެއްވުމަށް މީގެ އަހަރެއް ކުރިން އެ މަނިކުފާނު ވަނީ ގާނާއަށް ބަދަލުވެވަޑައިގެންފަ އެވެ. އަދި އެ މަގާމުގައި ހުންނަވައި، އެމްޑީޕީ އަދި ޑިމޮކްރެޓްސްގައި ވެސް ސިޔާސީ މަަސައްކަތް، އަމަލީ ގޮތުން ނުކުރައްވާ ކަމަށް ވިދާޅުވެފައިވެ އެވެ.
ރާއްޖޭގައި 30 އަހަރު ވެރިކަން ކުރެއްވި ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމް އިންތިހާބުން ބަލިކުރައްވައި ނަޝީދު ވެރިކަމަށް ވަޑައިގަތީ 2008 ވަނަ އަހަރު އެވެ. އެކަމަކު، އެމަނިކުފާނުގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ބަންދުކުރި މައްސަލާގައި، ހިނގި ހަމަނުޖެހުންތަކަށް ފަހު، 2012 ވަނަ އަހަރު ރައީސަކަމުން އިސްތިއުފާ ދެއްވީ އެވެ.
އޭގެފަހުން 2013 ވަނަ އަހަރު އޮތް ރިޔާސީ އިންތިހާބުގައި ވެސް ނަޝީދު ވާދަކުރެއްވި އެވެ. ނަމަވެސް، އެ އިންތިހާބު ބޮޑު ކޯލިޝަނަކާ އެކު ކާމިޔާބު ކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ. ޔާމީންގެ ވެރިކަމުގައި ޓެރަރިޒަމްގެ ކުށުގައި، ނަޝީދު 13 އަހަރަށް ޖަލަށްލާން ހުކުމްކުރި އެވެ. އެ ހުކުމާ ގުޅިގެން 2018 ވަނަ އަހަރު އޮތް ރިޔާސީ އިންތިހާބުގައި ނަޝީދަށް ވާދައެއް ނުކުރެއްވުނެވެ.
އެ އިންތިހާބުގައި ނަޝީދުގެ ވެސް ތާއީދާ އެކު ވެރިކަމަށް ވަޑައިގަތީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އެ ވެރިކަމުގައި ނަޝީދު ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގަ އެވެ. ނަމަވެސް، އެމްޑީޕީގެ ރައީސްގެ މަގާމުގައި ހުންނަވަނިކޮށް، ޕާޓީގެ ކޮންޓްރޯލް ގެއްލި ދެ ބޭފުޅުންގެ ދެމެދުގައި ގުޅުން ވަރަށް ބޮޑަށް ގޯސްވި އެވެ.
ދެ ބޭފުޅުންގެ ދެމެދުގައި އުފެދުނު ހިޔާލުތަފާތުވުންތައް ބޮޑުވެ އެންމެ ފަހުން ނަޝީދު އެމްޑީޕީން ވަކިވެވަޑައިގެން އާ ޕާޓީ، ޑިމޮކްރެޓްސް އުފެއްދީ ޖޫން، 2023 ގަ އެވެ. ނަޝީދު އޭރު ވަނީ އެމްޑީޕީ "ރޫޅާލާނަން" ކަމަށް ވިދާޅުވެ އެ ޕާޓީއަށް ރިޔާސީ އިންތިހާބު ކާމިޔާބުވިޔަ ނުދިނުމަށް މަސައްކަތް ކުރައްވައިފަ އެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ޑިމޮކްރެޓްސް އިން ކެންޑިޑޭޓަކު ނެރެ ވަކިން ވާދަކުރިއަސް މާ ބޮޑު ކާމިޔާބީއެއް ނުލިބުނެވެ. އޭގެ ފަހުން، ބޭއްވި މަޖިލިސް އިންތިހާބުގައި ވެސް ޑިމޮކްރެޓްސްއަށް އެންމެ ގޮނޑިއެއް ވެސް ނުހޯދުނެވެ.
އެކަމަކު މި ފަހުން، ނަޝީދު ވަނީ ރާއްޖެ އާއި އެމްޑީޕީ އަދި ޑިމޮކްރެޓްސް އަށް ވެސް އެންމެ ރަނގަޅު ގޮތަކީ އެ ދެ ޕާޓީ ގުޅުން ކަމަށް ވިދާޅުވެފަ އެވެ. އޭގެ ފަހުން ޑިމޮކްރެޓްސްގައި އިސްކޮށް ތިއްބެވި ބައެއް ބޭފުޅުން ވަނީ އެމްޑީޕީއާ އަލުން ގުޅިވަޑައިގެންފަ އެވެ.
ނަޝީދު ރިޔާސީ ރޭހަށް ނުކުންނަވާތީ ނިޔާގެ ނުރުހުން!
ނަޝީދު، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒާ ބައްދަލުކޮށްފި
ޑިމޮކްރެޓްސްގެ މެމްބަރުންނަށް އިބޫގެ މަރުހަބާ
ނަޝީދާއި ޑިމޮކްރެޓްސްގެ މެމްބަރުން އެމްޑީޕީއާ ގުޅުމަކީ ލިބުނު އިތުރު ހިތްވަރެއް: ފައްޔާޒު
އެމްޑީޕީން ޑިމޮކްރެޓްސްގެ ނިންމުމަށް މަރުހަބާ ކިޔައިފި
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ނުރަސްމީ ޖަލްސާއެއް މިރޭ
ނަޝީދާއި އެހެން މެމްބަރުން އެމްޑީޕީއާ ގުޅެނީ!
ރަނގަޅު ގޮތަކީ އެމްޑީޕީ/ޑިމޮކްރެޓްސް ގުޅުން: ނަޝީދު
"ގާނޫނުއަސާސީ ބަދަލުކުރުމުގެ ބާރު އޮތީ ރައްޔިތުންނަށް"
ނަޝީދު މި ވަގުތު ޕާޓީއެއްގައި މަސައްކަތެއް ނުކުރައްވާނެ