Roadha Mihaaru
ރޯގާ ޖެހިގެން ދައްކާ މީހުން އަނެއްކާ ވެސް އިތުރުވެއްޖެ

ރޯގާ ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުން އަނެއްކާ ވެސް އިތުރުވެއްޖެ

19 މާޗް 2017

ހުން ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު އަނެއްކާ ވެސް އިތުރުވާން ފަށައިފި އެވެ. އަދި އެއް ދުވަސް ތެރޭ ނުވަ މީހަކު ވަނީ ސްވައިން ފްލޫއަށް ޕޮޒިޓިވް ވެފައިކަން ހެލްތް ޕްރޮޓެކްޝަން އޭޖެންސީގެ ތަފާސްހިސާބުން ދައްކައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހުން ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު އަނެއްކާ ވެސް އިތުރުވާން ފަށައިފި އެވެ. އަދި އެއް ދުވަސް ތެރޭ ނުވަ މީހަކު ވަނީ ސްވައިން ފްލޫއަށް ޕޮޒިޓިވް ވެފައިކަން ހެލްތް ޕްރޮޓެކްޝަން އޭޖެންސީގެ ތަފާސްހިސާބުން ދައްކައިފި އެވެ.

އެޗްޕީއޭއިން އާއްމުކުރި ތަފާސްހިސާބު ދައްކާގޮތުން މާލޭގެ އެކި ފްލޫ ކްލިނިކްތަކުން ޖުމްލަ 728 މީހުންނަށް ފަރުވާ ދިނެވެ. އޭގެ ކުރީ ދުވަހު އެ އަދަދު އުޅުނީ 680ގަ އެވެ. އަދި މިދިޔަ ހުކުރު ދުވަހު ރަށްރަށުން ހުމަށް 835 މީހުން ފަރުވާ ހޯދިއިރު އިއްޔެ އެ އަދަދު އުޅުނީ 1179ގަ އެެވެ.

މި ތަފާސްހިސާބުތަކަށް ބަލާއިރު، ހުން ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު އިތުރުވަމުންދާ ފާހަގަކޮށްލެ ވެ އެވެ.

އެޗްޕީއޭއިން އިއްޔެ އާއްމުކުރި މައުލޫމާތުތަކުން، ހުކުރު ދުވަހާ ހަމައަށް 114 މީހުން ސްވައިން ފްލޫއަށް ޕޮޒިޓިވް ވި އެވެ. އެކަމަކު އެއް ދުވަސް ތެރޭގައި އިތުރު ނުވަ މީހަކު ސްވައިން ފްލޫއަށް ޕޮޒިޓިވްވެ، އެ ބަލި ޖެހިފައިވާ މީހުންގެ އަދަދު ވަނީ 123އަށް ވަނީ އަރައިފަ އެވެ. އަދި އެޑްމިޓްކޮށްގެން 11 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ.

އަތޮޅުތަކަށް ބަލާއިރު، ރޯގާ ޖެހިފައިވާ މީހުން އެންމެ ގިނައީ ހދ. އަދި ރ. އަތޮޅުގަ އެވެ. ހދ.ގެ އެކި ރަށްރަށުން މުޅި ޖުމްލަ 111 ކޭސް ރިޕޯޓުކުރި އިރު ރ. އަތޮޅުން 126 ކޭހެއް ރިޕޯޓުކޮށްފައި ވެ އެވެ.

ސްވައިންފްލޫ ޖެހިގެން މި އަހަރުގެ މިހާތަނަށް ދެ މީހަކު ވަނީ މަރުވެފަ އެވެ.

ރާއްޖޭގައި ހުމާއި އަރިދަފުސް ރޯގާ ޖެހޭ މީހުންގެ އެވްރެޖް ނިސްބަތަަކީ ހަފުތާއަކު 3،000 މީހުންނެވެ. ނަމަވެސް މި އަހަރުގެ ފެބްރުއަރީ މަހުގެ ފަހުކޮޅު މި ނިސްބަތް އިތުރުވާން ފެށި އެވެ. އަދި މިހާރަކަށް އައިސް، އެވްރެޖް ގޮތެއްގައި ހަފުތާއަކު 5،000 އަށް ވުރެ ގިނަ މީހުންނަށް ހުމާއި އަރިދަފުސް ރޯގާ ޖެހިގެން ޑޮކްޓަރަށް ދައްކާފައިވާ ކަމަށް ރިކޯޑްތަކުން ދައްކަ އެވެ.