މި އަހަރުގެ ޔޫރޯވިޝަން ކާމިޔާބުކުރި އޮސްޓްރިއާގެ ލަވަކިޔުންތެރިޔާ ޔޮހާނެސް ޕީޓްސިކް (ޖޭޖޭ)، އެ މުބާރާތުގައި އިޒުރޭލަށް ބައިވެރިވުމުގެ ފުރުސަތު ނުދޭން ގޮވާލައިފި އެވެ.
މި އަހަރުގެ ޔޫރޯވިޝަން ކާމިޔާބުކުރި އޮސްޓްރިއާގެ ލަވަކިޔުންތެރިޔާ ޔޮހާނެސް ޕީޓްސިކް (ޖޭޖޭ)، އެ މުބާރާތުގައި އިޒުރޭލަށް ބައިވެރިވުމުގެ ފުރުސަތު ނުދޭން ގޮވާލައިފި އެވެ.
ޔޫރޯވިޝަންއަކީ މުޅި ދުނިޔޭގެ ސަމާލުކަން ކޮންމެ އަހަރަކު ވެސް ލިބޭ، ޔޫރަޕްގައި ބާއްވާ އެންމެ ވަރުގަދަ ލަވަކިޔުމުގެ މުބާރާތެވެ.
އެ މުބާރާތް ޖޭޖެ ކާމިޔާބުކުރީ އިޒުރޭލުގެ ލަވަކިޔުންތެރިޔާ ޔުވަލް ރަފައެލްއާ ވާދަކޮށެވެ. ވޯޓުގެ ނަތީޖާއިން އެންމެ ކުރީގައި އިޒުރޭލުގެ ލަވަކިޔުންތެރިޔާ އުޅުނު ނަމަވެސް، ޖޫރީގެ ނިންމުން ތަފާތުވެ އެ މުބާރާތުން މޮޅުވީ ޖޭޖޭ އެވެ.
މުބާރާތުން މޮޅުވުމަށް ފަހު ސްޕެއިންގެ މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ޖޭޖޭ ވަނީ އެ މުބާރާތުގައި އިޒުރޭލަށް ވާދަކުރުމުގެ ފުރުސަތު އަންނަ އަހަރު ނުދޭން ގޮވާލައިފަ އެވެ.
"އަހަރެން ބޭނުންވަނީ އަންނަ އަހަރުގެ ޔޫރޯވިޝަން ވިއޭނާގައި ބާއްވާއިރު، އިޒުރޭލު ނުލައި އެ މުބާރާތް ބާއްވަން. އެކަމަކު ގޮތެއް ނިންމާނީ ޔޫރަޕިއަން ބްރޮޑްކާސްޓިން ޔޫނިއަނުން (މުބާރާތް އިންތިޒާމުކުރާ ފަރާތް). އަހަރެމެން ފަންނާނުންނަށް ހަމައެކަނި މި މައްސަލާގައި އަޑު އުފުލޭނީ،" ޖޭޖެ ބުންޏެވެ.
އިޒުރޭލާ ދެކޮޅަށް ޖޭޖޭ ވާހަކަދެއްކި އިރު، ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް އެންމެފަހުން ބޭއްވި ކޮންފަރެންސްގައި ވެސް ވަނީ ޔޫރޯވިޝަން އިން އިޒުރޭލަށް ފުރުސަތު ދޭތީ ފާޑުވިދާޅުވެފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި، ރަޝިއާ-ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ރަޝިއާއަށް އެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނުދިން ނަމަވެސް، އިޒުރޭލަށް އެ ފުރުސަތު ދިނުމުން ސުވާލު އުފެދެ އެވެ.
މިފަހަރުގެ މުބާރާތުގައި އިޒުރޭލުގެ ލަވަކިޔުންތެރިޔާއަށް އެންމެ ގިނައިން ވޯޓު ލިބުމުގައި ވެސް އޮޅުވާލުންތަކެއް ހުރި ކަމަށް ބުނެ އާންމުންގެ ފާޑުކިޔުން ވަނީ ބޮޑުވެފަ އެވެ. އަދި ވޯޓިން ސިސްޓަމްގެ ހަގީގަތް ހާމަކުރުމަށް ދަނީ ގޮވާލަމުންނެވެ.
ބައެއް މީހުން ބުނި ގޮތުގައި، އެ ސުވާލު އުފައްދަން ޖެހުނީ އިޒުރޭލާ ދެކޮޅަށް އެންމެ ގިނައިން އަޑުއުފުލާ އެއް ގައުމު ކަމަށްވާ އައިލެންޑުން އެންމެ ގިނައިން ވޯޓު ދިނީ އިޒުރޭލުގެ ލަވަކިޔުންތެރިޔާއަށް ކަމަށް ވޯޓިން ސިސްޓަމުން ދެއްކުމުންނެވެ. އަދި އިޒުރޭލުގެ ލަވަކިޔުންތެރިޔާއަށް އެންމެ ގިނައިން ވޯޓު ދިން ގައުމަކީ ސްޕެއިން ކަމަށް ވެސް ވޯޓިން ސިސްޓަމުން ދައްކާތީ އެވެ.
ބައެއް ނޫސްތަކުން ރިޕޯޓްކުރި ގޮތުގައި، އިޒުރޭލުގެ ލަވަކިޔުންތެރިޔާ ސްޓޭޖުގައި ޕާފޯމްކުރަމުން ދިޔަ ވަގުތުގައި އޯޑިއެންސްގައި ތިބި މީހުން "ފްރީ ޕެލަސްޓައިން"އޭ ގޮވި އަޑުތައް ވެސް އެ މުބާރާތް ބްރޮޑްކާސްޓް ކުރި އިރުގައި ވަނީ ސެންސަރުކޮށްފަ އެވެ.
މިއީ ޔޫރޯވިޝަން ބޭއްވި 69 ވަނަ އަހަރެވެ. މިފަހަރުގެ މުބާރާތް ބޭއްވި ސްވިޒަލޭންޑުގަ އެވެ.
އިޒްރޭލް ކުށްވެރިކޮށް ޝީ އާއި ޕުޓިންގެ އިންޒާރެއް!
ހާމަނާއީ އަވަހާރަކޮށްލައިފިނަމަ ރަޝިއާ މަޑަކުން ނޯންނާނެ
އިޒްރޭލަށް ވޭންހުރި ބޮޑެތި ގެއްލުންތަކެއް އިރާނުން ދީފި
އިރާނަށް ހަމަލާ ދިނުމުގެ ޕްލޭނަށް ޓްރަމްޕްގެ ރުހުން
އިރާނުގެ ނިއުކްލިއާ މަރުކަޒަކަށް އިޒްރޭލުން ހަމަލާ ދީފި
އިރާނުގެ މިސައިލެއް އިޒްރޭލްގެ ހޮސްޕިޓަލަކަށް!
އިރާނުން މިސައިލް ހަމަލާތަކުގެ އަދަދު މަދުކޮށްފި
އިޒްރޭލަށް މިހާ އުނދަގޫ ދުވަސްވަރެއް ކުރިއަކުން ނާދޭ
ސައްދާމަށް ވީގޮތް ހާމަނާއީއަށް ވެދާނެކަމުގެ އިންޒާރުދީފި
ޝަރުތަކާ ނުލައި އިރާނުން އަމާން ދޭންޖެހޭ: ޓްރަމްޕް