ވަރިވުމުގެ ކުރިން ދެމަފިރިންގެ މެދުގައި އަސާސީ މަޝްވަރާތައް ކުރުން ދިވެހި އާއިލާތަކުގެ ތެރޭގައި މަދު ކަމަށާއި ޒަވާޖީ ހަޔާތުގެ އުފާވެރިކަން ދަމަހައްޓަން އެދޭ ނަމަ ދެމަފިރިންގެ އުދާސްތައް ބޭރުކުރަންވީ ތަނަކީ ސޯޝަލް މީޑިއާ ނޫން ކަމަށް ފެމިލީ ކޯޓުގެ އިސް ގާޒީ އިބްރާހިމް މާހިރު މިއަދު ވިދާޅުވެއްޖެ އެވެ.
15 މެއި 2025
ވަރިވުމުގެ ކުރިން ދެމަފިރިންގެ މެދުގައި އަސާސީ މަޝްވަރާތައް ކުރުން ދިވެހި އާއިލާތަކުގެ ތެރޭގައި މަދު ކަމަށާއި ޒަވާޖީ ހަޔާތުގެ އުފާވެރިކަން ދަމަހައްޓަން އެދޭ ނަމަ ދެމަފިރިންގެ އުދާސްތައް ބޭރުކުރަންވީ ތަނަކީ ސޯޝަލް މީޑިއާ ނޫން ކަމަށް ފެމިލީ ކޯޓުގެ އިސް ގާޒީ އިބްރާހިމް މާހިރު މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރަމުން އަންނަ ބައިނަލްއަގްވާމީ އާއިލާތަކުގެ ދުވަހާ ގުޅުވައިގެން އިސް ގާޒީ ނެރުއްވި ހިތާބެއްގައި ވަނީ ދެމަފިރިއަކަށް ކޯޓުގައި ދިމާވި ކަމެއް ހިއްސާ ކުރައްވައިފަ އެވެ.
ގާޒީ ވިދާޅުވީ، ވަރީގެ މައްސަލައެއްގައި ކޯޓަށް ދެމަފިރިއަކު ހާޒިރުވި ކަމަށާއި އެކަމަކު ކުރިން ތާވަލުކުރި އަޑުއެހުންތައް ދިގުލައިގެން ދިއުމުގެ ސަބަބުން އެ މީހުންގެ ޝަރީއަތް ފެށޭ ވަރުވީ ގަޑިއެއްހާއިރު ފަހުން ކަމަށެވެ.
އެކަމަކު، އިސް ގާޒީ ވިދާޅުވިގޮތުގައި، ޝަރީއަތުގެ މަޖިލީހުގައި އެ މީހުން އެދުނީ މައްސަލަ ކުރިއަށް ނުގެން ގޮސް ދައުވާ ފޯމު ބާތިލް ކޮށްދޭށެވެ. އެ ދެމަފިރިން ކިޔައިދިން ގޮތުގައި އެ މީހުންގެ މެދުގައި މައްސަލަ ޖެހި، ކޯޓަށް މައްސަލަ ހުށަހެޅުމާ ހަމައަށް ވެސް ހަގީގަތުގައި އެ މައްސަލާގައި ވާހަކަ ދައްކައިފައެއް ނުވެ އެވެ.
"ކޯޓުގައި ހޭދަވި ވަގުތުވީ އެ މީހުންނަށް އަގުހުރި ވަގުތުކޮޅެކެވެ. ކޯޓުގައި ތިބެ ދެމީހުން ވާހަކަ ދެއްކީ މަޑުމައިތިރިކަމާ އެކުގަ އެވެ. ގަދަބަސް ބުނެ، އަނެކާ ދައްކާ ވާހަކަ ހުއްޓުވާކަށް ނޫޅެ އެވެ. އެކަަކު އަނެކަކު ކުށްވެރިނުކޮށް މައްސަލަތަކާ މެދު ފުންކޮށް ވިސްނާލުމުގައި ވަގުތުކޮޅެއް ހޭދަވުމުގެ ނަތީޖާއަކަށްވީ އަދިވެސް އުފާވެރި ދިރިއުޅުމެއް އެކުގައި އުޅެވިދާނެ ކަމަށް ދެމީހުންނަށް ގަބޫލުކުރެވުމެވެ،" އިސް ގާޒީގެ ހިތާބުގައި ވިދާޅުވި އެވެެ.
މާހިރު ވިދާޅުވީ ރޫޅިގެންދާ ކޮންމެ ކައިވެންޏެއްގެ ހާލަތަކީ އެއީ ކަމަށް ނުވިޔަސް ގިނަ މައްސަލަތަކުގައި ފާހަގަވާ ކަމަކީ ކޯޓާ ހިސާބަށް ދާއިރު ވެސް މުހިއްމު ކަން ކަމާ މެދު މަޝްވަރާ ކޮށްފައި ނުވާ ކަން ކަމަށެވެ. ވަރިވުމަށް ފަހު ދެން ދިރިއުޅުން ކުރިއަށް ގެންދާނެ ގޮތާ މެދު ވެސް ހިޔާލު ބަދަލު ނުކުރާ ކަމަށް ވިދާޅުވި އެވެ.
އޭގެ ތެރޭގައި ކުއްޔަށް ހިފައިގެން އާއިލާ ދިރިއުޅެމުންދާ ތަނުން ނުކުންނާނީ ކާކުތޯ އާއި ދަރިން ތިބޭނީ ކާކުގެ ގާތުގައިތޯ އާއި ދަރިންގެ ހަރަދު ހަމަޖައްސާނީ ކިހިނެއްތޯ އާއި ދަރިންނާ ދުރަށްދާ މީހާ، ދަރިންނަށް ޒިޔާރާތްކޮށް އެ ކުދިންނާ އެކު ވަގުތު ހޭދަކުރާނެ ގޮތާ މެދު ނުވިސްނާ ކަމަށް އިސް ގާޒީ ވިދާޅުވި އެވެ.
ފެމިލީ ކޯޓުގެ އިސް ގާޒީ މާހިރު: ދިގުމުއްދަތެއް ހޭދަވެފައިވާ ކައިވެނި ރޫޅުން މިހާރު އިތުރު ކަމަށް އޭނާ ވިދާޅުވި.
"ވަރިވުމުގެ ކުރިން މިފަދަ އަސާސީ ކަންކަމާ މެދު މަޝްވަރާކުރެވޭ ނަމަ، ކައިވެނި މަތީގައި ދެމިތިބެންޖެހޭ އެތައް ސަބަބެއް ފެންނާނެ އެވެ. ޒަވާޖީ ހަޔާތުގެ އުފާވެރިކަން ދަމަހައްޓަން އެދޭ ދެމަފިރިއަކު ނަމަ، އެ މީހުންގެ އުދާސްތައް ބޭރުކުރަންވީ ތަނަކީ ސޯޝަލް މީޑީއެއް ނޫނެވެ. ދެމީހުން އެކަކު އަނެކަކު އަހަންވީ އެވެ،" މާހިރު ވިދާޅުވި އެވެ.
އޭނާ ވިިދާޅުވީ ކައިވެނި ދަމަހައްޓަން އެދޭ ނަމަ ކުދިންނާ ވާހަކަ ދައްކައި، އެ ކުދިންގެ ވާހަކަ އަހައި، އާއިލާއާ އެކުގައި ހޭދަކުރާ ވަގުތު އިތުރުކުރަންޖެހޭ ކަމަށެވެ.
ގާޒީ ވިދާޅުވީ ވަރީގެ މައްސަލަތަކުގައި މިފަހަކަށް އައިސް ފާހަގަވާ ކަމަކީ ދިގު މުއްދަތެއްވެފައިވާ ކައިވެނިތައް ރޫޅުން ގިނަވަމުންދާ ކަމަށެެވެ. ދަރިން ބެލުމުގެ ބުރަ ޒިންމާ އަދާކޮށް، ހިންދެމިލުމުގެ ނޭވާއެއްލައި، ދެމަފިރިން އެކުގައި ގިނަ ވަގުތު ހޭދަކުރަން ލިބޭ އުމުރުގައި ކައިވެނިތައް ރޫޅެން ދިމާވަނީ ކަނޑައެޅިގެން ވަކި ސަބަބަކާ ހުރެ ކަމަށް ދަންނަވަން އުނދަގޫ ކަމަށާއި އެކަމަކު އެއީ ސަމާލުކަން ދޭންޖެހޭ ކަމެއް ކަމަށް ވިދާޅުވި އެވެ.
"ޒަވާޖީ ހަޔާތުގެ ދިގު ދަތުރުގައި އަނެކާގެ ކިބައިން ފެނުނު އުނި ސިފަތައް ހަނދާން އާކުރުމުގެ ބަދަލުގައި މި އުމުރުގައި ހަނދާން ކުރަންޖެހޭ ކަމަކީ ރަނގަޅު ކަމެކެވެ. ދިރިއުޅުމުގައި އަނަކާވީ ގުރުބާނީ އެވެ،" އިސް ގާޒީ ވިދާޅުވި އެވެ.
މާހިރު ވިދާޅުވި ގޮތުގައި އާއިލީ މައްސަލަތަކުގައި އަދުލުވެރިކަން ގާއިމުކުރުމުގެ އިތުރުން ކޯޓުން ބާރު އަޅަނީ އާއިލީ ދިރިއުޅުން އުފާވެރިކުރާށެވެ. އަދި މައްސަލަތަކެއްގެ ތެރޭގައި ހިތްދަތި ދިރިއުޅުމެއް ތަހައްމަލުކުރަން ކޯޓުން ބާރު ނާޅައި ކަމަށާއި އެކަމުން ސަލާމަތްވެވޭނެ މަގެއް ވެސް ކޯޓުން ހޯދައިދޭނެ ކަމަށް ވިދާޅުވި އެވެ.
މާހިރު ވިދާޅުވީ ފެމިލީ ކޯޓަށް ހުށަހެޅޭ ޙަޟާނަތާއި ދަރިންނާ ބައްދަލުކުރުމުގެ މައްސަލަތަކާއި ހަރަދާ ގުޅޭ މައްސަލަތަކާއި ގެވެށި އަނިޔާ ހުއްޓުވުމުގެ މައްސަލަތަކާއި ކުޑަކުދިންގެ ހައްގުތަކާ ގުޅޭ މައްސަަލަތަކާއި އެ ނޫން ވެސް އާއިލީ މައްސަލަތައް އަވަސް މިނެއްގައި ބަލައި ފިޔަވަޅު އެޅި އަމުރުތައް ނެރެވެމުން ދިއުމަކީ ކޯޓުން އުފާކުރާ ކަމެއް ކަމަށެވެ.
މާހިރު ވިދާޅުވި ގޮތުގައި ކޯޓަށް ހުށަހަޅާ މައްސަލަތަކުގެ ތެރެއިން އެކަށީގެންވާ ދާއިމީ ހައްލެއް ހޯދަން ޖެހިފައިވާ އެއްބާވަތަކީ ދަރިންގެ ހަރަދާ ގުޅޭ މައްސަލަތަކެވެ. މިހާރު ކޯޓަށް އޮތް ބާރުތަކުގެ ތެރެއިން އަޅާ ފިޔަވަޅުތަކުން އެކަނި އެ މައްސަލައަށް ފުރިހަމަ ހައްލެއް ނުލިބޭ ކަމަށާއި ހަރަދު ދިނުމަށް އަންގައި ކޯޓުން ހުކުމް ކުރުމުން، އެ ހުކުމް ތަންފީޒުކުރަން އެތައް ފިޔަވަޅެއް އަޅާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޒަވާޖީ ހަޔާތުގެ ދިގު ދަތުރުގައި އަނެކާގެ ކިބައިން ފެނުނު އުނި ސިފަތައް ހަނދާން އާކުރުމުގެ ބަދަލުގައި މި އުމުރުގައި ހަނދާންކުރަންޖެހޭ ކަމަކީ ރަނގަޅު ކަމެކެވެ. ދިރިއުޅުމުގައި އަނެކާވީ ގުރުބާނީ އެވެ: އިސް ގާޒީ
އޭގެ ތެރޭގައި އެ މީހުންގެ މުސާރައިން ކަނޑަން އަންގާ ކަމަށާއި ހަރަދު ދޭންޖެހޭ މީހާގެ ބޭންކު އެކައުންޓް ފްރީޒް ކުރުން ހިމެނޭ ކަމަށް ވިދާޅުވި އެވެ. އަދި އެ މީހުންގެ ޕާސްޕޯޓު ހިފަހައްޓައި، ފުރުން މަނާކުރުމާއި ވިއްކާނެ މުދަލެއް ހުރިތޯ ނުވަތަ އެ މީހަކަށް ފައިސާ ލިބޭ އެހެން މަގެއް ވެސް އޮތްތޯ ބަލާ ކަމަށް ކަމަށް މާހިރު ވިދާޅުވި އެވެ.
އަރުވާލުމާއި ގޭބަންދު ކުރުމާއި ޖަލަށް ލުމުގެ ބާރު ވެސް ކޯޓަށް އޮންނަ ކަމަށާއި އެކަމަކު އެއިން އެއްވެސް ފިޔަވަަޅަކީ ހަރަދު ލިބެންވާ ނިކަމެތި މައިމީހާ އަށް ކަށަވަރުކަމާ އެކު ހަރަދުގެ ފައިސާ ލިބޭ މަގެއް ނޫން ކަމަށާއި އެ މައްސަލަައަށް ދާއިމީ ހައްލެއް ހޯދޭނީ ދަރިންގެ ހަރަދު ހޯދުމަށް ހުރި އިންތިޒާމުތައް ބަދަލު ކޮށްގެން ކަމަށް ވެސް މާހިރު ވިދާޅުވި އެވެ.
ވަރި ގިނަ ވަނީ ކިޔަމަންނުވުމާއި ވަގުތު ނުދޭތީ: ގާޒީ
މިދިޔަ މަހު 171 ކައިވެނި، 132 މީހުން ވަރި
މައިން ރޮނީ ހަރަދުނުދޭތީ، ބައްޕަ ރޮނީ ދަރި ނުފެންނާތީ
ފެމިލީ ކޯޓުން މައްސަލަ ނިންމާ މުއްދަތު އަވަސްވެއްޖެ
މިދިޔަ މަހު 195 ކައިވެނި، 127 މީހުން ވަރިކުރި
މިދިޔަ މަހު މާލޭގައި 190 ކައިވެނި، 117 ވަރި
ބޭރުގައި ކައިވެނި ކުރުން:ނިޒާމު ހަރުދަނާކުރަން ޖެހިިފައި
ކޯޓުން ބޭނުންވަނީ ދަރިންގެ ހަރަދު ގާޒީން ކަނޑައަޅަން
ހަރަދުނުދޭ މީހުންގެ ނަން ހާމަކުރުން:ހަމަހަމަކަމެއް ނެތް
މުދާ ހޯދަނީ ދެމަފިރިން، ވަރިއަށްފަހު އެކަކު ހުސްއަތާ!