Roadha Mihaaru
ވަރި ގިނަ ވަނީ ކިޔަމަންނުވުމާއި ވަގުތު ނުދޭތީ: ގާޒީ

ގިނައިން ވަރި ވަނީ އަނބިމީހާ ކިޔަމަން ނުވުމާއި ފިރިމީހާ ވަގުތު ނުދޭތީ: އިސް ގާޒީ

15 މެއި 2024

ރާއްޖޭގައި ވަރިވާން އެންމެ ގިނަ އަންހެނުން ކޯޓަށް ދަނީ ފިރިމީހާ ވަގުތު ނުދޭ ކަމަށް ބުނެ ކަމަށާއި އަނބިމީހާ ވަރި ކުރާ ސަބަބެއް ކަމަށް ގިނަ ފިރިހެނުން ބުނަނީ ކިޔަމަން ނުވާތީ ކަމަށް ފެމިލީ ކޯޓުގެ އިސް ގާޒީ އިބްރާހިމް މާހިރު މިއަދު ވިދާޅުވެއްޖެ އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ރާއްޖޭގައި ވަރިވާން އެންމެ ގިނަ އަންހެނުން ކޯޓަށް ދަނީ ފިރިމީހާ ވަގުތު ނުދޭ ކަމަށް ބުނެ ކަމަށާއި އަނބިމީހާ ވަރި ކުރާ ސަބަބެއް ކަމަށް ގިނަ ފިރިހެނުން ބުނަނީ ކިޔަމަން ނުވާތީ ކަމަށް ފެމިލީ ކޯޓުގެ އިސް ގާޒީ އިބްރާހިމް މާހިރު މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރަމުން އަންނަ އާއިލާތަކުގެ ދުވަހާ ގުޅިގެން ގާޒީ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ފެމެލީ ކޯޓަށް ހުށަހަޅާ މައްސަލަތަކަށް ބަލާއިރު ޒަވާޖީ ހަޔާތަށް މިއަދުގެ ޒުވާނުން ހޭލުންތެރިކަން ކުޑަ ކަމަށާއި އެ ހާލަތު ރަނގަޅު ކުރަން ތައުލީމީ މަރުހަލާތަކުގައި ޒަވާޖީ ހަޔާތަށް ހޭލުންތެރިކަން އިތުރު ކުރަންޖެހޭ ކަމަށެވެ.

ވަރަށް ގިނަ ކައިވެނިތައް ރޫޅެނީ، ގާޒީ ވިދާޅުވި ގޮތުގައި ޖެހޭ މައްސަލަތަކުގެ ބޮޑު ވަރަށް ވުރެ ކުދިކުދި މައްސަލަތައް ހައްލު ނުކުރެވި ގިނަ ދުވަސްވުމުގެ ސަބަބުންނެވެ. އަދި މައްސަލަތައް ހައްލު ކުރުމަށް އެކަށީގެންވާ މަސައްކަތެއް ނުކުރެވޭ ކަމަށާއި ކަންކަން ހިއްސާ ކުރަން ޖެހޭ ގާތް މީހުންގެ މަޝްވަރާ ވެސް ނުހޯދާ ކަމަށް ގާޒީ މާހިރު ވިދާޅުވި އެވެ.

ގާޒީ ވިދާޅުވީ އަނބިމީހާ ވަރިކުރަން އެދި ހުށަޖަޅާ މައްސަލަތަކުގައި އެކުގައި ދިރިއުޅެން ބޭނުން ނުވާ މައިގަނޑު ސަބަބަކީ އަނބިމީހާ ކިޔަމަންތެރި ނުވާތީ އާއި ފިރިމީހާގެ ބަސް އަނބިމީހާގެ ކުރިމަތީ ނުވިކޭތީ އަދި ފިރިމީހާއަށް އިހުތިރާމް ނުކުރާތީ ކަމަށް ވަރަށް ގިނަ ފިރިހެނުން ފާހަގަކުރާ ކަމަށެވެ.

ކާފަ އާއި މާމަ، ބޮޑުބޭބެއިންނާއި ބޮޑުދައިތައިންނަށް ހެޔޮކޮށް ހިތައި އިހުތިރާމްކުރަން ދަރިންނަށް ދަސްކޮށްދޭށެވެ. އެ މަންޒަރު މައިންބަފައިންނަށްގެ ފަރާތުން ދަރިންނަށް ދައްކުވައިދޭށެވެ. ރަނގަޅު ނޫން އޮއިވަރެއްގައި ޖެހުމުގެ ކުރިން ދަރިންނަށް ދީނުގެ ސާފު އަގީދާ ދަސްކޮށްދީ، ދީނީ އަޅުކަންތަކަށް ދަރިން ހާނުވާށެވެ."--- ގާޒީ

ވަރިވާން އެދޭ އަންހެނުންގެ ވާހަކަތަކަށް ބަލާއިރު ފިރިމީހާ އަނބިދަރިންނަށް އަޅާނުލުމަކީ މައިގަނޑު ސަބަބެއްގެ ގޮތުގައި ފާހަގަކުރާ ކަމަށް ގާޒީ ވިދާޅުވި އެވެ. ރައްޓެހިންނާ އެކު ކޮފީތަކުގައި އެތައް ވަގުތެއް ފިރިމީހާ ހޭދަކުރާއިރު އަނބިމީހާ އަށް ވަގުތު ނުދޭ ކަމާއި އަނބިމީހާގެ އުދާސްތައް ބޭރުކޮށްލަން އޭނާގެ ވާހަކަ އަހާނެ ކަންފަތެއް ގޭތެރޭގައި ނުލިބޭކަމީ ވެސް ވަރަށް ގިނަ އަންހެނުން ކުރާ ހައްގު ޝަކުވާއެއް ކަމަށް ގާޒީ ވިދާޅުވި އެވެ.

ގާޒީ ވިދާޅުވި ގޮތުގައި މައްސަލަތައް ހައްލުކޮށް ދަރިންނާ އެކު އުފާވެރި އާއިލީ ވެއްޓެއް ހޯދުމަށް ހިތްވަރު ދިނުމުގެ ބަދަލުގައި، މިފަހަކަށް އައިސް ފާހަގަވާ ކަމަކީ އަންހެނުންގެ ހައްގުތައް ހޯދައިދިނުމުގެ ނަމުގައި ކައިވެނިތައް ރޫޅާލުމަށް ހިތްވަރުދެ އެވެ.

"..އޭގެ ސަބަބުން އެތައް އަންހެނަކު އިތުރަށް ނިކަމެތިވުމާއި ކުޑަކުދިންގެ ހައްގުތަކުން ދަރިން މަހުރޫމްވުމަށް މަގުފަހިވެ އެވެ. ކޯޓަށް މިކަން ފާހަގަވަނީ ވަރިވުމަށް ފަހު ދަރިންބެލުމާއި ދަރިންގެ ހަރަދާއި ދަރިންނާ ބައްދަލުކުރުމާ ގުޅޭ ގޮތުން ހުށަހެޅޭ މައްސަލަތަކުގައި މީހުން ދައްކާ ވާހަކަތަކުންނެވެ." ގާޒީގެ ބަޔާނުގަައިވެ އެވެ.

އިސް ގާޒީގެ ބަޔާނުގައި ވިދާޅުވީ:

- ކައިވެނި ރޫޅުމަށް ފަހު ދަރިންނާ ގުޅުންހުރި މައްސަލަތައް ގިނަ ވަނީ ދަރިންގެ ހައްގުތަކަށް ވުރެ އެހެން ކަންތައްތަކެއް އިސްކުރެވޭތީ އަދި އަނެއްކާގެ ކިބައިން ބަދަލުހިފުމާއި ޖެއްސުން ކުރުމުގެ ރޫހެއް ގެންގުޅެވޭތީ.

- މައިންބަފައިންގެ ލޯތްބާއި އަޅައިލުން ލިބުމަކީ ދަރިންގެ ހައްގެއް ކަމާއި ކައިވެނި ރޫޅުނަސް އެ ކުދިންގެ ހައްގުތަކުން މަހުރޫމު ނުކުރުމުގެ ވިސްނުން އިސްކުރާ ނަމަ ވަރަށް ގިނަ މައްސަލަތައް ކޯޓާ ހިސާބަށް ނުގޮސް ހައްލު ވާނެ.

ގާޒީގެ ބަޔާނުގައި ވިދާޅުވި ގޮތުގައި ގެވެށި އަނިޔާގެ މައްސަލަތަކަށް ބަލާއިރު މައިންބަފައިންނަށް ދަރިންގެ ފަރާތުން ލިބޭ އަނިޔާތަކާއި ބޭބެއިންނާއި ދައްތައިންނާއި ކޮއްކޮއިންގެ މެދުގައި ހިނގާ ގެވެށިއަނިޔާގެ އަމަލުތައް ގިނަވަމުންދެ އެވެ. އަދި އެފަދަ މައްސަލަތަކުގައި ރައްކާތެރިކަމުގެ އަމުރުތައް ނެރެންޖެހޭ މިންވަރު އިތުރުވެފައިވާ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.

ގާޒީ ވިދާޅުވީ އާއިލާގެ އުފާވެރިކަމަށްޓަކައި އާއިލާ އެކުގައި ހޭދަކުރާ ވަގުތު ގިނަ ކުރަންޖެހޭ ކަމަށާއި ފަނާކުރުވާ ވިސްނުންތައް ދޫކޮށް، އިސްލާމްދީނުގެ ރިވެތި އުސޫލުތަކުގައި ހިފަހައްޓަންޖެހޭ ކަމަށެވެ.

ގާޒީ ވަނީ ފިރިމީހާ، އަނބިމީހާއަށް އެހީތެރިވުމާއި އަނބިމީހާއާ އެކު ވަގުތު ހޭދަކުރުމަކީ އަނބި ދަށުވުން ކަމުގައި ނުބެލުމަށް ވެސް އިލްތިމާސްކުރައްވައިފަ އެވެ. އަދި އަނބިމީހާ ފިރިމީހާއަށް ކިޔަމަންތެރިވުމާއި ހިދުމަތްކޮށް ދިނުމަކީ ފިރިމީހާގެ އަޅުވެތިވުން ކަމަށް ވެސް ނުބެލުމަށް ގާޒީ އިރުޝާދު ދެއްވި އެވެ.

"ކާފަ އާއި މާމަ، ބޮޑުބޭބެއިންނާއި ބޮޑުދައިތައިންނަށް ހެޔޮކޮށްހިތައި އިހުތިރާމްކުރަން ދަރިންނަށް ދަސްކޮށްދޭށެވެ. އެ މަންޒަރު މައިންބަފައިންނަށްގެ ފަރާތުން ދަރިންނަށް ދައްކުވައިދޭށެވެ. ރަނގަޅު ނޫން އޮއިވަރެއްގައި ޖެހުމުގެ ކުރިން ދަރިންނަށް ދީނުގެ ސާފު އަގީދާ ދަސްކޮށްދީ، ދީނީ އަޅުކަންތަކަށް ދަރިން ހާނުވާށެވެ." ގާޒީގެ ބަޔާނުގައިވެ އެވެ.

އާއިލީ ސިއްރުތައް ފާޅުކޮށް އުދާސްތައް ބޭރުކުރާ ތަނަކީ ސޯޝަލް މީޑިއާކަމުގައި ނަހަދައި، އަނެކާގެ ވާހަކަ ކަނުލައި އަޑުއަހާނެ ވެއްޓެއް އާއިލާގެ ތެރޭގައި އުފައްދަން މަސައްކަތް ކުރުމަށް ގާޒީ ނަސޭހަތްތެރިވެވަޑައިގެންނެވި އެވެ.