Roadha Mihaaru

ޔާމީނަށް ވަރަށް އިހުތިރާމްކުރަން، ޝަރީއަތަށް ނުފޫޒެއް ނުފޯރުވަން: ރައީސް

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ވަރަށް އިހުތިރާމް ކުރައްވަން ކަމަށާއި އެމަނިކުފާނުގެ ޝަރީއަތަށް އެއްވެސް ނުފޫޒެއް ނުފޯރުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ޔާމީންގެ ޝަރީއަތަށް ނުފޫޒެއް ނުފޯރުވަން: ރައީސް
އައިޝަތު ނުޒުހާ
އައިޝަތު ނުޒުހާ

03 މެއި 2025

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ވަރަށް އިހުތިރާމް ކުރައްވަން ކަމަށާއި އެމަނިކުފާނުގެ ޝަރީއަތަށް އެއްވެސް ނުފޫޒެއް ނުފޯރުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ގިނަ ދުވަސްތަކަކަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، އިންތިހާބުވި ފުރަތަމަ ދުވަހު އިއުލާނުކުރެއްވި ގޮތަށް ޖުޑީޝަރީއަށް އެއްވެސް ނުފޫޒެއް ފޯރުވާފައިނުވާ ކަމަށާއި އެއީ އެމަނިކުފާނުގެ ޟަމީރު ގަބޫލުކުރައްވާ ކަމެއް ވެސް ނޫން ކަމަށެވެ.

ޔާމީންގެ މައްޗަށް ކޮށްފައިވާ ދައުވާއާ ގުޅިގެން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، ފުއްގިރި މައްސަލާގައި އަޑުއެހުންތައް އަލުން ފެށި ވާހަކަ ވެސް ފެނުނީ ނޫހުން ކަމަށާއި ޕީޖީ އޮފީހަކީ މިނިވަންކޮށް ހިނގާ ތަނެއް ކަމަށެވެ.

"އަޅުގަނޑު ނުފޫޒެއް ނުފޯރުވަން ރައީސް ޔާމީންގެ ކޭސް އަކަށް. އަދި އެހެން އެއްވެސް މީހެއްގެ ކޭސް އަކަށް ވެސް. އަޅުގަނޑު ކުރާނެ ކަމެއް ނޫން އެއީކީ. އަޅުގަނޑު ވަރަށް ރެސްޕެކްޓް ކުރާ ބޭފުޅެއް ރައީސް ޔާމީނަކީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ޔާމީންގެ ވެރިކަމުގައި މިނިސްޓަރަކަށް ހުންނެވިއިރު ވެސް ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމަށާއި ހަޔާތުގައި ވެސް އެންމެ ގިނަ މަސައްކަތް ކުރެވިފައިވަނީ ޔާމީންގެ ވެރިކަން ދިފާއުކޮށްދިނުމަށް ކަމަށެވެ.

ރައީސް ވަނީ ޔާމީންގެ ޝަރީއަތަށް ވެސް އަދި ގުޅުން ހުރި ހެއްކަކަށް ވެސް ނުފޫޒު ފޯރުވާފައި ނުވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފަ އެވެ. އަދި، މިއަދު އެމަނިކުފާނު ގޭގައި ހުންނެވީ ރައީސް ކަމަށް ވަޑައިގެންނެވި ދުވަހުން ފެށިގެން ކުރެވުނު މަސައްކަތުން ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"އެމަނިކުފާނު މިނިވަން ވެފައި އެހެރީ އަޅުގަނޑު ސިޔާސީ ނުފޫޒު ނުފޯރުވާތީ. އެއީ ސިޔާސީ ދައުވާއެއް ކޮށްގެން ޖަލަށް ލާފައި ހުރީމާ، ސިޔާސީ ނުފޫޒު ނުފޯރުވާތީ ހުކުމަކުން މިނިވަން ވެފައި އެހުރީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، އެންމެ ފުރަތަމަ ދުވަހުން ފެށިގެން ޔާމީނަށް އިހުލާސްތެރިއެއްގެ ގޮތުގައި ހުންނެވި ކަމަށް ޔާމީން ގަބޫލުކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. ޔާމީނާ ކައިރީގައި ތިއްބެވި ބޭފުޅުން މިކަމާ ގުޅުވައި ދޮގު ވާހަކަ ފަތުރާތީ ވަރަށް ދެރަވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް މިހެން ވިދާޅުވީ ޔާމީނަށް ކުރާ ދައުވާގައި ހިމެނޭ ފައިސާއަކީ ޑޮލަރު މާރުކުރުމަށް ހޯދި ފައިސާއެއް ކަން ސާބިތުކޮށްދޭން ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވާ، ޔޫތު މިނިސްޓަރުގެ އެޑްވައިޒަރު އަދި މާލޭގެ ކުރީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ހެކިބަސް ނުދޭން ނިންމާފައިވާތީ ދެކެވޭ ވާހަކަތަކާ ގުޅިގެންނެވެ.

ނަރީޝް ހެކި ބަސް ނުދޭން ނިންމެވި އިރު، އޭނާ އާއި ޔާމީނާ ދެމެދު އޮތް ސިޔާސީ އެކުވެރިކަން މިހާރު ވަނީ ގެއްލިފަ އެވެ. ޕީއެންސީގެ މެންބަރެއްގެ ގޮތުގައި ނަރީޝް ހުރިއިރު، ޔާމީން ގެންދަވަނީ މި ސަރުކާރަށް ތާއިދު ނުކުރާކަން ހާމަކުރައްވައި ދެކޮޅަށް ވާހަކަ ދައްކަވަމުންނެވެ.