Roadha Mihaaru

ސަލްޓަންޕާކު ރީތިކޮށް އަލުން ހަދާނީ އެންމެންނަށް ހިތްހަމަޖެހުން ލިބޭ ގޮތަށް: ރައީސް

ބިޔަ ގަސްތަކުން ފެހި, ސަލްޓަންޕާކު އަލުން ތަރައްގީކުރާނީ އެއް ގަހުން އަނެއް ގަހަށް ދެވޭ ގޮތަށް, ހުރިހާ އުމުރުފުރައެއްގެ މީހުންނަށް ވެސް ހިތްހަމަޖެހުން ލިބޭނެ ގޮތަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ހިތްހަމަޖެހުން ލިބޭ ގޮތަށް ސަލްޓަންޕާކަށް ރީތި ބަދަލެއް
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

02 އެޕްރީލް 2025

ބިޔަ ގަސްތަކުން ފެހި, ސަލްޓަންޕާކު އަލުން ތަރައްގީކުރާނީ އެއް ގަހުން އަނެއް ގަހަށް ދެވޭ ގޮތަށް, ހުރިހާ އުމުރުފުރައެއްގެ މީހުންނަށް ވެސް ހިތްހަމަޖެހުން ލިބޭނެ ގޮތަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

"ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގައި ރައީސް ވިދާޅުވީ ބަލިތަކުން ދުރުކުރުވަން ކުރަން ޖެހޭ މުހިއްމު މަސައްކަތްތަކުގެ ތެރޭގައި ހަރަކާތްތެރިވެ އުޅެވޭނެ ގޮތްތަކާއި ހިތްހަމަޖެހޭނެ މާހައުލެއް ގާއިމްކޮށްދިނުން ހިމެނޭ ކަމަށެވެ. ކުޑަ ކުދިން ގޭތެރޭގައި ބަންދުވެފައި ތިބުމުގެ ބަދަލުގައި އާއިލާ އެކު ނުކުމެ މާލޭގައި ވެސް ހިތްހަމަޖެހިލެވޭނެ މާހައުލެއް ފަހިވާން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެހެންވެ ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ, ރައީސް ވިދާޅުވި ގޮތުގައި, މާލޭގައި ވެސް ހަލާކުވެފައި ހުރި ޕާކުތައް ވެސް އަލުން ހަދައި އެފަދަ މާހައުލުތައް ހޯދައިދިނުމަށެވެ. އޭގެތެރޭގައި ސަލްޓަންޕާކު އިތުރަށް ރީތިކޮށް، ފުރިހަމަކުރުން ހިމެނޭ ކަމަށް ރައީސް ވިދާޅުވި އެވެ.

"ސަލްޓަން ޕާކް ވެސް އަޅުގަނޑުމެން މިއުޅެނީ އަލުން ރީތިކޮށް ހަދާލަން. ކުރިއަށްވުރެ ގިނަ ކަންކަން ހިމަނާފައި އިނގޭތޯ. އަޅުގަނޑުމެން ހަދާއިރުގައި ސަލްޓަން ޕާކުގައި މިހާރު ގަސް ހުންނަ ތަނެއްވީމާ، އެއް ގަހުން އަނެއް ގަހަށް މަތީގައި އެކިކަހަލަ އެކްޓިވިޓީޒްތައް ހިމަނާފައި އެކަހަލަ ބައިބައި ހިމަނާފައި ކުރަން ނިންމާފައި މިއޮތީ އިނގޭތޯ. ތަންކޮޅެއް ޝައުގުވެރިވާ ކަހަލަ ގޮތަކަށް." ރައީސް ވިދާޅުވި އެވެ.

"ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގައި ރައީސް ވާހަކަފުޅު ދައްކަވަނީ.

"ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގައި ރައީސް ވާހަކަފުޅު ދައްކަވަނީ.

ސަލްޓަންޕާކު މިހާރު އޮތް ގޮތަށް ތަރައްގީކުރީ އެމަނިކުފާނު ހައުސިން މިނިސްޓަރަކަށް ހުންނެވި އިރެވެ. އެތަން އޭރު ތަރައްގީކުރީ ސްނޯ ޕާކަކާ ވެސް އެކުގަ އެވެ.

ރައީސް ވިދާޅުވީ ސަލްޓަންޕާކު އަލުން މަރާމާތުކުރާނީ ހުރިހާ އުމުރުފުރައެއްގެ މީހުންނަށް ވެސް ބޭނުން ކުރެވޭނެ ގޮތަށް ކަމަށެވެ.

"އެއްގަހުން އަނެއް ގަހަށް ގޮސްލައި ހަދައިލެވޭކަހަލަ، ތަންކޮޅެއް އެޑްވެންޗަރަސްއޭ މި ކިޔާކަހަލަ ތަންތަން. ބިންމަތީ ލެވެލްގެ އިތުރަށް، މަތީގައި ކުޑަ ޕާކެއް އަންނާނެ ކަމަށް ބައްލަވަންވީ އިނގޭތޯ. ދެން އޭގެއިތުރަށް ވެސް ކަންތައްތައް ހިމެނޭގޮތަށް ޕާކުތައް ހެދޭނެ. މިއީ ވަރަށް މުހިންމު ކަމެއް." ރައީސް ވިދާޅުވި އެވެ.

ގިނަ ކުޅިވަރުތައް ކުޅެވޭނެ ގޮތަށް ސަލްޓަންޕާކު ތަރައްގީކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގައި ސަރުކާރުން ވަނީ ބުނެފަ އެވެ.