Roadha Mihaaru

އަމިއްލަ ތިން ދަރިން މެރި ގްރީކް އަންހެނަކަށް އުމުރު ދުވަހުގެ ތިން ހުކުމް

ގްރީކް އަންހެނަކު އޭނާގެ ތިން ދަރިން މެރިކަން ސާބިތުވެ އުމުރަށް ޖަލަށް ލުމުގެ ތިން ހުކުމް އިއްޔެ އިއްވައިފި އެވެ.

ތިން ދަރިން މެރުމުން އުމުރު ދުވަހުގެ ތިން ހުކުމް

ގްރީކް އަންހެނަކު އޭނާގެ ތިން ދަރިން މެރިކަން ސާބިތުވެ އުމުރަށް ޖަލަށް ލުމުގެ ތިން ހުކުމް އިއްޔެ އިއްވައިފި އެވެ.

އެތެންސްގެ ކޯޓަކުން އިއްޔެ ކުރި ހުކުމުގައި ވަނީ ރައުލާ ޕިސްޕިރިގޯ، 36، އޭނާގެ ތުއްތު އަންހެން ދަރިން ކަމަށްވާ މަލީނާ އާއި އިރީދާގެ 2019 ވަނަ އަހަރު އަދި 2021 ވަނަ އަހަރު މަރާލި ކަމަށާއި އެކަން ކުރީ ނޭވާ ހާސްކޮށްލައިގެން ކަމަށެވެ. އަދި އެއީ ޕިސްޕިރިގޯގެ ފިރިމީހާ އޭނާ ދޫކޮށްލާފައި އެތައް ފަހަރަކު ގޮސްފައި ވާތީ އެކަން އެހެން ވިޔަ ނުދިނުމުގެ ބޭނުމުގައި ހިންގި އަމަލެއް ކަމަށް ވެސް ބުނެފައިވެ އެވެ.

އެކަމަކު ޕިސްޕިރިގޯ ބުނަނީ އޭނާ ކުށެއް ނުކުރާ ކަމަށެވެ.

އުމުރުން ތިން އަހަރުގެ ކުއްޖަކާއި ހަ މަހުގެ ކުއްޖާގެ މަރުގެ މައްސަލަ ބަލަން ފެށީ ޕިސްޕިރިގޯގެ ނުވަ އަހަރުގެ އަންހެން ދަރިފުޅު ޖޯޖީނާ މަރާލި މައްސަލާގައި އޭނާގެ މައްޗަށް 2024 ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގައި އެހެން ކޯޓަކުން ކުރި ހުކުމަކަށް ފަހުގަ އެވެ. ތަމްރީނު ލިބިފައިވާ ނަރުހެއް ކަމަށްވާ ޕިސްޕިރިގޯ އޭނާގެ ދޮށީ ދަރިފުޅު މަރާލީ ވިހައެއް ދީގެންނެވެ. އެ ކުއްޖާ އެތައް ފަހަރަކު ހޮސްޕިޓަލްގައި އެޑްމިކޮށް ފަރުވާ ދީފައި ވާއިރު ހޮސްޕިޓަލްގައި އޮއްވައި ވެސް އެ ކުއްޖާ މަރާލަން މަސައްކަތްކުރި ކަމަށް އެއްބަސްވެފައިވެ އެވެ. ކުއްޖާ މަރުވީ ވެސް ހޮސްޕިޓަލްގައި އޮއްވަ އެވެ.

އެ ހުކުމަށް ފަހު ތުއްތު ދެ ކުދިންގެ މަރުގެ ހާދިސާ އަލުން ބެލި އިރު އެ ދެ ކުދިން މަރާލާފައި ވަނީ ނޭވާ ހާސްކޮށްލައިގެންނަން އެނގުނެވެ. އެކަމަކު ކުރިން ނިންމާފައި އޮތީ ހިތުގެ ހިނގުން ހުއްޓިގެން މަރުވީ ކަމަށެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ ޕިސްޕިރިގޯ އޭނާގެ ދަރިން މެރީ "ކައިވެނި ދެމެހެއްޓުމަށް" ކަމަށެވެ.