މެންޗެސްޓާ ޔުނައިޓެޑް ހިންގުމުގައި އޭނާ ފެއިލް ވެއްޖެނަމަ އަމިއްލަ އަށް އިސްތިއުފާ ދޭނެ ކަމަށް އެ ކްލަބްގެ ކޯ އޯނަރު ޖިމް ރެޓްކްލިފް ބުނެފި އެވެ.
18 މާޗް 2025
މެންޗެސްޓާ ޔުނައިޓެޑް ހިންގުމުގައި އޭނާ ފެއިލް ވެއްޖެނަމަ އަމިއްލަ އަށް އިސްތިއުފާ ދޭނެ ކަމަށް އެ ކްލަބްގެ ކޯ އޯނަރު ޖިމް ރެޓްކްލިފް ބުނެފި އެވެ.
ޔުނައިޓެޑް ހިންގުމުގައި ރެޓްކްލިފް ގެންދަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެ ކްލަބްގެ ވަޒީފާތަކުން 200 އަށް ވުރެ ގިނަ މުވައްޒަފުން ވަކި ކުރި އެވެ. ޑިޔުޓީގައި މުވައްޒަފުންނަށް ދޭ އަގުބޮޑު ކެއުން އޭނާ ހުއްޓުވާލި އެވެ. އަދި މިހާރު ވަނީ ޔުނައިޓެޑްގެ ސީޒަން ޓިކެޓްގެ އަގު ވެސް ފަސް ޕަސަންޓަށް ވަނީ ބޮޑުކޮށްފަ އެވެ.
ޔުނައިޓެޑްގެ 28.94 ޕަސަންޓް ހިއްސާއާ އެކު ކްލަބްގެ ފުޓްބޯޅައާ ގުޅޭ ކަންކަން މެނޭޖްކުރުމުގެ ހުރިހާ ބާރެއް ރެޓްކްލިފް ވަނީ ހޯދައިފަ އެވެ. ޔުނައިޓެޑްގެ މެޖޯރިޓީ ހިއްސާދާރުންނަކީ އެމެރިކާގެ ގްލޭޒާ ފެމެލީ އެވެ.
"(މިއަޅާ ފިޔަވަޅުތަކުން) އަހަރެން ފެއިލް ވެއްޖެއްޔާ އިސްތިއުފާ ދޭނަން. އެކަމަކު އަހަންނަކަށް ހީއެއް ނުވޭ އަހަރެން ފެއިލް ވާނެ ހެނެއް،" އިނިއޯސް ކުންފުނީގެ ޗެއާމަން ބުންޏެވެ.
ޓައިމްސް އަށް ދިން އިންޓަވިއުގައި ރެޓްކްލިފް ބުނީ ގްލޭޒާގެ އާއިލާއިން ހެދި އެންމެ ބޮޑު ގޯހަކީ ފުޓްބޯޅަ ނުވެސް ދަންނަ ބަޔަކަށް އެގްޒެކެޓިވް މަގާމުތައް ދީ ކްލަބް ދުވަހުން ދުވަހަށް ހިންގުން ހަވާލު ކުރުން ކަމަށެވެ.
ގްލޭޒާގެ އާއިލާއިން 2005 ގައި ޔުނައިޓެޑް ގަތުމަށް ފަހު ކްލަބްގެ އެގްޒެކެޓިވް ވައިސް ޗެއާމަނަކަށް އެޑް ވުޑްވާޑް ހަމަޖެއްސި އެވެ. އަދި ފަހުން ޗީފް އެގްޒެކެޓިވްގެ ނަމުގައި މަގާމެއް އުފައްދައި ރިޗަޑް އާނޯލްޑާ ހަވާލު ކުރި އެވެ.
"ރިޗަޑް [އާނޯލްޑް] އަކީ ރަގްބީގެ މީހެއް. އޭނާ އަށް ފުޓްބޯޅަ ރަނގަޅަށް އޮޅުންވެސް ނުފިލާނެ. ކްލަބެއް ހިންގާނެ ގޮތުގެ އުސޫލުތަކެއް އެޑް [ވުޑްވާޑް] އަތުގައެއް ނެތް. އޭނާއަކީ ވިޔަފާރީގެ މީހެއް. ބޭންކަރެއް. އެކައުންޓެއްޓެއް. އޭނާ އަކީ ޗީފް އެގްޒެކެޓިވްއެއް ނޫން،" ގްލޭޒާގެ އާއިލާއިން ހެދި ގޯހެއްގެ ގޮތުގައި ސިފަކޮށް ރެޓްކްލިފް ވާހަކަ ދެއްކި އެވެ.
"މެންޗެސްޓާ ޔުނައިޓެޑްގެ ވެރިން އެ މީހުންނަށް ވަރަށް ބޮޑު ބާރެއް ދީފައި އޮތީ. ވެރިން ކަލްބް މެނޭޖްކޮށް ފުޓްބޯޅައިގެ ކަންކަމުން މުޅިން އަތްދޫކޮށްލާފައި އޮތީ. ބާރަ އަހަރުތެރޭގައި ވަރަށް ގިނަ ގޯސް ނިންމުންތަކެއް ނިންމާފައި އޮތީ. މޮޔަ ކަންތައްތަކެއް ކޮށްފައި އޮތީ. ގޯހުން ގޯހަށް ކަންކަން ގޮސްފައި އޮތީ."
ރެޓްކްލިފް ބުނީ އެލްކްސް ފާގަސަން 2013 ގައި ރިޓަޔާ ކުރުމުން، ޑޭވިޑް މޮއިސްއާ ކޯޗުކަން ހަވާލު ކުރުމަކީ ވެސް ހެދި ބޮޑު ގޯހެއް ކަމަށެވެ. އަދި ޔުނައިޓެޑްގެ ޗީފް އެގްޒެކެޓިވް ކަމުގައި ހުރި ޔޫއެފާގެ މިހާރުގެ ނައިބު ރައީސް ޑޭވިޑް ގިލްގެ ބަދަލުގައި އެޑްވުޑްވާޑް ހަމަޖެއްސުމަކީ ހެދި އަނެއް ގޯސް ކަމަށް ވެސް އޭނާ ބުންޏެވެ.
ކްލަބް ހިންގުމުގައި ގިނަ ގޯސްތަކެއް ހަދަމުން ދިޔަ އިރު ވެސް ވުޑްވާޑަށް ފުރުސަތު ދީގެން ތިބުމަކީ ގްލޭޒާ ފެމެލީން ހެދި އެންމެ ބޮޑު ގޯސް ކަމަށް ރެޓްކްލިފް ބުންޏެވެ.
ކްލަބް ހިންގުމުގައި ރަނގަޅު މިސާލެއްގެ ގޮތުގައި ރެޓްކްލިފް ދެއްކީ ރެއާލް މެޑްރިޑެވެ.
"އެއީ ރެއާލް މެޑްރިޑް ނަމަ އެފަދަ ނިންމުންތަކެއް ނުނިންމާނެ،" ރެޓްކްލިފް ބުންޏެވެ.
ނިއުކާސަލްގެ ކޯޗު ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި
ހެޓްރިކަށް ފަހު ޔުނައިޓެޑްގެ އޯނަރަށް ބްރުނޯގެ ރައްދު
ޔުނައިޓެޑްގެ އާ ސްޓޭޑިއަމް ހަދަން ޓްރެފޯޑް ތަޅާލަނީ
ލިވަޕޫލުގެ ކިޓް ޕާޓްނަރަކަށް އެޑިޑާސް
ތަށީގެ އުއްމީދު ގެއްލުނީއޭ ބުނަން އާޓެޓާ ބޭނުމެއް ނޫން
ޔުނައިޓެޑްގެ ވަޒީފާ ގެއްލިދާނެތީ އަމޯރިމް ކަންބޮޑެއްނުވޭ
ޔުނައިޓެޑުން އިތުރު 200 މުވައްޒަފުން ވަކި ކުރަނީ
ޔުނައިޓެޑްގެ ވެރިންނާ ދެކޮޅަށް ނިއުޒިލެންޑުން ކޯޓަށް
ރަޝްފޯޑަށްވުރެ 63 އަހަރުގެ ކޯޗު ވެސް ރަނގަޅު
މާޓިނޭޒްގެ ނަސީބު ގޯލުން ޔުނައިޓެޑަށް ހިނިތުންވުން