Roadha Mihaaru

އެމްޑީޕީގެ އެއްވުމުގައި ހިނގި ކަންކަން ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުން ކުށްވެރިކޮށްފި

އިދިކޮޅު އެމްޑީޕީން މާލޭގައި ސިލްސިލާކޮށް ބާއްވާ އެއްވުންތަކުގެ ތެރެއިން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި އެއްވުމުގައި ކުޑަކުއްޖެއްގެ ކަރާމާތަށް އުނިކަން އަތުވެދާނެ ފަދަ ގޮތަކަށް ވާހަކަދައްކާ މަންޒަރު ފެންނަ ވީޑިއޯ ބްރޮޑްކާސްޓުކޮށް، ދައުރުކުރަމުން ދާތީ ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުން މިއަދު ކަންބޮޑުވުން ފާޅުކޮށް، އެކަން ކުށްވެރިކޮށްފި އެވެ.

އެމްޑީޕީގެ އެއްވުމުގައި ހިނގި ކަންކަން ކުށްވެރިކޮށްފި
އިފްރާޒް އަލީ
އިފްރާޒް އަލީ

16 މާޗް 2025

އިދިކޮޅު އެމްޑީޕީން މާލޭގައި ސިލްސިލާކޮށް ބާއްވާ އެއްވުންތަކުގެ ތެރެއިން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި އެއްވުމުގައި ކުޑަކުއްޖެއްގެ ކަރާމާތަށް އުނިކަން އަތުވެދާނެ ފަދަ ގޮތަކަށް ވާހަކަދައްކާ މަންޒަރު ފެންނަ ވީޑިއޯ ބްރޮޑްކާސްޓުކޮށް، ދައުރުކުރަމުން ދާތީ ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުން މިއަދު ކަންބޮޑުވުން ފާޅުކޮށް، އެކަން ކުށްވެރިކޮށްފި އެވެ.

ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުން ނެރުނު ނޫސްބަޔާނެއްގައި ބުނީ ގާނޫނުއަސާސީގައި ކުޑަކުދިންނަކީ އާއިލާގެ ފަރާތުންނާއި ދައުލަތުގެ ފަރާތުން ހާއްސަ އެހީތެރިކަމާއި ހާއްސަ ރައްކާތެރިކަން ލިބެން ޖެހޭ ބައެއް ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ. އިސްލާމްދީނުގެ އަސްލަކާ ހިލާފު ނުވާ ގޮތަށް ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ގާނޫނުއަސާސީން ކޮންމެ މީހަކަށް ލިބިދީފައި ވިޔަސް، އެ ހައްގު ބޭނުންކުރުމުގައި އެއްވެސް މީހެއްގެ ކަރާމާތަށް އުނިކަމެއް ނާންނާނެ ގޮތަށް އަމަލުކުރަން ޖެހޭ ކަމަށް އެ ބަޔާނުގައި ބުންޏެވެ.

އެ ބަޔާނުގައި ބުނީ ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކުރުމުގެ ގާނޫނުގެ ދަށުން ކުޑަކުއްޖެއްގެ އަބުރު ރައްކާތެރިކުރުމަށް މުހިންމު އުސޫލުތައް ކަނޑައަޅާފައިވާއިރު އަދި ގާނޫނުއަސާސީގައި ކޮންމެ މީހަކަށް ވެސް އެމީހެއްގެ އަބުރު ރައްކާތެރިކުރުމުގެ ހައްގު ދީފައިވާ ހިނދު، ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ސިޔާސީ ޕާޓީއަކުން ހިންގި ހަރަކާތެއްގައި ކުޑަކުއްޖެއް ކަރާމާތަށް އުނިކަން އަތުވެދާނެ ފަދަ ގޮތަކަށް ވާހަކަދެއްކުން ކުށްވެރިކުރާ ކަމަށެވެ.

ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މީޑިއާއަކުން އެ މަންޒަރާއި އަޑު ދައްކާފައި ވާތީ، ކުޑަކުއްޖަކާ މެދު ހިންގާފައިވާ އެ އަމަލު ކުށްވެރިކުރާ ކަމަށް އެ ބަޔާނުގައި ބުންޏެވެ.

"ކުޑަކުދިންނާ މެދު ހިންގާ މިފަދަ އަމަލުތަކަކީ އޭގެ ސަބަބުން އެ ކުދިންގެ އަމިއްލަ ނަފުސަށް ކުރާ އިތުބާރު ކުޑަވެ، ނަފުސާނީ ގޮތުން އެ ކުދިންނަށް ބޮޑެތި ނޭދެވޭ އަސަރުތައް ތަހައްމަލުކުރުވާ ފަދަ ކަންކަމެވެ،" އެ ބަޔާނުގައިވެ އެވެ.

ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުން ވަނީ ކުޑަކުދިންގެ ކަރާމާތަށް އުނިކަމެއް އަތުވެދާނެ މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށް މުޖުތަމައު އާއި ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް އިލްތިމާސްކޮށްފަ އެވެ. އަދި އެމްޑީޕީގެ އެއްވުމުގައި ހިނގި ކަންކަން ކަމާބެހޭ އިދާރާތަކުގެ ސަމާލުކަމަށް ގެނެސް، މި މައްސަލަ ގާތުން ބަލަމުން އަންނަ ކަމަށް އެ އޮފީހުން ބުންޏެވެ.

އެމްޑީޕީގެ އެއްވުންތަކުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލަކަށް ނިސްބަތްކޮށް ވާހަކަދެއްކި މައްސަލާގައި އެ ޕާޓީގެ އިސް އެކްޓިވިސްޓެއް ކަމަށްވާ މަރިޔަމް ޒުބެއިރު (މަންދީ)ގެ އާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލާއި އެ ޕާޓީގެ މައްޗަށް ދައުވާކުރަން ރައީސްގެ އާއިލާއިން ވަނީ ނިންމައިފަ އެވެ.