ކުޑަކުދިން އަޅުކަމަށް އާދަކުރުވުމަކީ މައިންބަފައިންގެ މަސްއޫލިއްޔަތެކެވެ. މިކަން މުހިންމު ވަނީ އެ ކުދިންގެ ހިތްތަކުގައި ދީނުގެ މަތިވެރި ގިޔަމުތައް (އަގުހުރި މަތިވެރި އުސޫލުތައް) ހަރުލެއްވުމަށް ބާރު ލިބޭތީ އެވެ. ފަރުދީ ޒިންމާ ނަގަން ދަސްކުރުވޭތީ އެވެ. ﷲ އާ އޮންނަ ގުޅުން އިތުރުކޮށް، ތަގުވާވެރިކަން އަށަގަންނުވަން އެހީތެރިވެދޭތީ އެވެ. ތަގުވާ އަކީ ﷲ ގެ ކޯފާ އަށް ބިރުވެތިވެ އެ އިން ސަލާމަތްވާނެ މަގު ހޯދުމަށް މަސައްކަތް ކުރުމެވެ. އަދި އަޅުކަމަކީ ދިރިއުޅުމުގެ ހަޔާތުގައި ކަންކަން ނިޒާމުން ކުރިއަށް ގެންދިއުމާއި ވަގުތަށް ފަރުވާތެރިވުމާއި އިޖުތިމާއީ ގުޅުންތައް ބަދަހިވުން ފަދަ ކަންކަންވެސް ހާސިލުވާނެ ކަމަކަށް ވާތީ އެވެ.
13 މާޗް 2025
ކުޑަކުދިން އަޅުކަމަށް އާދަކުރުވުމަކީ މައިންބަފައިންގެ މަސްއޫލިއްޔަތެކެވެ. މިކަން މުހިންމު ވަނީ އެ ކުދިންގެ ހިތްތަކުގައި ދީނުގެ މަތިވެރި ގިޔަމުތައް (އަގުހުރި މަތިވެރި އުސޫލުތައް) ހަރުލެއްވުމަށް ބާރު ލިބޭތީ އެވެ. ފަރުދީ ޒިންމާ ނަގަން ދަސްކުރުވޭތީ އެވެ. ﷲ އާ އޮންނަ ގުޅުން އިތުރުކޮށް، ތަގުވާވެރިކަން އަށަގަންނުވަން އެހީތެރިވެދޭތީ އެވެ. ތަގުވާ އަކީ ﷲ ގެ ކޯފާ އަށް ބިރުވެތިވެ އެ އިން ސަލާމަތްވާނެ މަގު ހޯދުމަށް މަސައްކަތް ކުރުމެވެ. އަދި އަޅުކަމަކީ ދިރިއުޅުމުގެ ހަޔާތުގައި ކަންކަން ނިޒާމުން ކުރިއަށް ގެންދިއުމާއި ވަގުތަށް ފަރުވާތެރިވުމާއި އިޖުތިމާއީ ގުޅުންތައް ބަދަހިވުން ފަދަ ކަންކަންވެސް ހާސިލުވާނެ ކަމަކަށް ވާތީ އެވެ.
ކުޑަކުދިންނަކީ ރޯދަހިފުން ލާޒިމުވާ ބައެއް ނޫނެވެ. ނަމަވެސް ރަމަޟާން މަސް އައުމުން ބޮޑެތި މީހުން ރޯދަ ހިފާތީވެ، އެ ކުދިން ވެސް އެކަން ކޮޕީ ކުރަން ބޭނުންވެ އެވެ. އެހެންކަމުން މުކައްލަފަކަށް ނުވިއަސް އަޅުކަންތައް ކުރަން ދަސްކޮށްދޭން ފެށުމަކީ އިސްލާމް ދީން ބާރު އަޅާ ކަމެކެވެ.
ނަމާދަށް ކުދިން އާދަކުރުވުމަށްޓަކައި ކުއްޖާގެ އުމުރުން ހަތް އަހަރުގައި ނަމާދު ކުރަން ބުނުން އޮވެ އެވެ. މި ބުނުން ނުވަތަ ހަނދާން ކޮށްދިނުން ގާތްގަނޑަކަށް 5،310 ފަހަރު ތަކުރާރު ކުރެވެ އެވެ. އަދި ކުދިން ނަމާދު ކުރަމުން ގެންދާ ނަމަ އެ ކުދިންނަށް ހިތްވަރު ވެސް ދެވިފައި ވާން ޖެހޭނެ އެވެ. މިގޮތަށް އަމަލު ކުރުމުން ނަމާދަކީ ދޫކޮށްލެވޭނެ ކަމެއް ނޫންކަން ކުއްޖާގެ ސިކުނޑީގައި ބިންވަޅު ނެގިގެން ދާނެ އެވެ. ނަމަވެސް މިގޮތަށް އަމަލު ކުރީމާ ވެސް މި މަގުސަދު ހާސިލު ނުވާ ނަމަ އިސްލާމް ދީން އިރުޝާދު ދެނީ ކުއްޖާއާ މުނާސަބު ލުއި އަދަބެއް ދީގެން (ނަސޭހަތް ދިނުން ވެސް ހުއްޓާނުލައި) ނަމާދު ކުރުވުމެވެ. ނަމާދު ކުރުވަން ނުބުނެ އެ ތިން އަހަރު ދިއުމުން ދެން 10 އަހަރު ވިއަސް އަދަބު ދިނުމުގެ ހައްގެއް މައިންބަފައިންނަކަށް ނުލިބޭނެ އެވެ.
މާފަންނު ސްޓޭޑިއަމްގައި ބޮޑު ޖަމާއަތުގައި ކުރި ފިތުރު އީދު ނަމާދަށް ފަހު ކުޑަކުދިންތަކެއް ގޮވައިގެން ބަޔަކު ދަނީ.---ފައިލް ފޮޓޯ: ނިޝާން އަލީ| މިހާރު
ނަމާދާ ޚިލާފަށް، ރޯދައިގެ އަޅުކަމަށް އާދަ ކުރުވަން މިގޮތަށް އިރުޝާދެއް އައިސްފައި ނުވެ އެވެ. އެކަމަކު، ﷲ އާއި ރަސޫލާ އާއި ކީރިތި ޤުރްއާނަށް (އެބަހީ މުޅި ދީނަށް) ކުދިންގެ ހިތުގައި ލޯބި ޖެއްސުމަށް ކީރިތި ރަސޫލާ ﷺ އަންގަވާފައި ވާތީ މި މަގުސަދު ހާސިލު ކުރުމަށްޓަކައި އަދި މިކުދިން ބާލިޣުވާ އިރު، ރޯދަހިފަން ފަރިތަ ކުރުވުމަށްޓަކައި ކުޑައިރު ރޯދަހިފަން އާދަ ކުރުވުމަކީ މުހިންމު ކަމެކެވެ. އުމުރުން ހަތް އަހަރުގައި މިކަމަށް ފަށައިގަނެވިދާނެ އެވެ. ނަމަވެސް އެއީ ފިޔަވަޅަކުން ފިޔަވަޅަކުން ކުރިއަށް ދާ ގޮތަށް ހަމައެކަނި ފަށައިގަތުމެއްގެ ގޮތުގަ އެވެ.
ކުޑަކުދިން އަޅުކަމަށް އާދަކުރުވަން ތަފާތު ގޮތްތަކާއި ވަސީލަތްތައް ބޭނުން ކުރެވިދާނެ އެވެ. އެންމެ މުހިންމީ ރިވެތި ނަމޫނާ އެ ކުދިންނަށް ފެނުމެވެ. ދެން ހިތްވަރު ދިނުމާއި އުފާވެރި ޚަބަރު ދިނުމެވެ. އަދި އަޅުކަމާ ދުރުވުމުން ހުރި ގެއްލުމުގެ ޚަބަރު ދިނުމެވެ. ނަމަވެސް މި ޚަބަރު ދޭ އިރު އަބަދުވެސް އެއާ ގުޅުވައިގެން އުފާވެރި ޚަބަރު ދޭން ވާނެ އެވެ. ކީރިތި ޤުރުއާނުގެ އުސްލޫބަކީ އެއީ އެވެ. އަޅުކަންތަކަށް އާދަ ކުރުވާއިރު ފިޔަވަޅަކުން ފިޔަވަޅަކުން ކުރިއަށް ދިއުމަކީ ވެސް މުހިންމު ކަމެކެވެ. އަޅުކަމާ ގުޅޭ ކަންކަން ދަސްކޮށްދިނުމުގައި އަދި އެކަމަށް ހިތްވަރު ދިނުމުގައި ވާހަކަތަކާއި ހާދިސާތަކާއި މިސާލުތަކުގެ ބޭނުން ކުރުމަކީ ޝައުގުވެރިވާނެ ގޮތްތަކެވެ. ކުދިންގެ ވަށައިގެންވާ މާހައުލަކީ ދީނީ ކަންކަމަށް ފަރުވާތެރިވާ މާހައުލަކަށް ވާން ޖެހޭނެ އެވެ. އެ ކުދިން ވަކިން ކުރުމަށް ވުރެ އެންމެން ވެގެން ކުރާ ކަމެއްގެ ގޮތުގައި އަޅުކަން ކުރުން މުހިންމެވެ. މިކަމުގައި ކުދިންނަށް ކާމިޔާބު ލިބޭތޯ ދުއާ ކުރުމަކީ ވެސް ވަރަށް މުހިންމު ކަމެކެވެ.
ނަމާދަށް ކުދިން އާދަކުރުވުމަށްޓަކައި ކުއްޖާގެ އުމުރުން ހަތް އަހަރުގައި ނަމާދު ކުރަން ބުނުން އޮވެ އެވެ. މި ބުނުން ނުވަތަ ހަނދާން ކޮށްދިނުން ގާތްގަނޑަކަށް 5،310 ފަހަރު ތަކުރާރު ކުރެވެ އެވެ. އަދި ކުދިން ނަމާދު ކުރަމުން ގެންދާ ނަމަ އެ ކުދިންނަށް ހިތްވަރު ވެސް ދެވިފައި ވާން ޖެހޭނެ އެވެ.
ރޯދައިގެ އަޅުކަމަށް ކުޑަކުދިން ފަރިތަ ކުރުވުމަށްޓަކައި އެންމެ އެދެވޭ ގޮތަކީ އެ ކުދިންގެ އުމުރުން ހަތް އަހަރު ވުމުން ރޯދަ ހިފުމަށް އާދަކުރުވުމަށްޓަކައި އެންމެ ފުރަތަމަ ދިގު މުއްދަތަކަށް ކެއިންބުއިމުން ދުރހެލިވެ ހުންނަން ފަރިތަ ކޮށްދިނުމެވެ. މިގޮތުން ބައި ދުވަހު އެ ކުދިން "ރޯދަ" އަށް ބޭތިއްބިދާނެ އެވެ. މިއީ ސީދާ ރޯދަ ނޫން ކަން ކުދިންނަށް އެނގެން ވާނެ އެވެ. އެއީ ރޯދައާ މެދު ނުބައި ތަސައްވުރެއް ކުދިންނަށް ނުދިނުމަށްޓަކަ އެވެ. މިގޮތުން ރޯދަހިފަން ފަރިތަ ކުރުމަކީ ވެސް ހެޔޮކަމެއް ކަމަށް ބުނެދެވިދާނެ އެވެ. މިގޮތަށް ފަށައިގަނެ ކުދިންނަށް ބައި ދުވަހު ތިބުން އެއީ ދަތިކަމަކަށް ނުވާ ހިސާބުން މުއްދަތު އިތުރުކޮށް، ހަތަރުބައިކުޅަ ތިންބައި ދުވަހުގެ މުއްދަތަށް ބޭތިއްބިދާނެ އެވެ. އަދި މިވަރަށް ފަރިތަ ވީމާ އަސްލު ރޯދަހިފުމަކަށް ބަދަލު ކޮށްލެވިދާނެ އެވެ.
ކުޑަކުދިންނަށް ރޯދަހިފަން ފަރިތަ ކުރުވުމަށްޓަކައި ދެން ކުރަން ޖެހޭނެ ކަމަކީ އެ ކުދިންނަށް ހިތްވަރު ދިނުމެވެ. ތައުރީފުގެ ބަސްތައް ބުނެވިދާނެ އެވެ. އެ ކުދިންނަށްޓަކައި ހެޔޮ ދުއާ ކޮށްދެވިދާނެ އެވެ. އަދި ބައެއް މާއްދީ ކުދިކުދި ހަދިޔާވެސް ދެވިދާނެ އެވެ.
ތިންވަނަ ކަމަކީ ރޯދަހިފުމަކީ ވަރަށް އުފާވެރި ތަޖުރިބާއެއް ކަމުގައި އެ ކުދިންނަށް ހަދައިދިނުމެވެ. މިގޮތުން ރޯދަ ވީއްލަން އެ ކުދިންނަށް މީރުވާނެ (އެހެން ނަމަވެސް ސިއްހީ ގޮތުން ރަނގަޅު) ކާތަކެތި ލިބޭނެ ގޮތް ހަދައިދެވިދާނެ އެވެ. އަދި ކާތަކެތި ތައްޔާރު ކުރުމުގެ މަސައްކަތުގައި އެ ކުދިން ބައިވެރި ކުރުވިދާނެ އެވެ. ރޯދައިން ލިބޭ ދަރުމައިގެ ވާހަކަ ތަކުރާރުކޮށް ކިޔައިދީ އޭގެ އުފާވެރި ޚަބަރު ދިނުމަކީ ވެސް ކުދިން އުފާވާނެ ކަމެކެވެ.
މި ރޯދަމަހު އިސްލާމީ މަރުކަޒުގައި މީހަކު ނަމާދުކުރާއިރު ކުޑަކުއްޖަކު ބަލަހައްޓައިގެން.---ފޮޓޯ: ނިޝާން އަލީ| މިހާރު
ހަތަރުވަނަ ކަމަކީ އެ ކުދިންގެ ހާލު އަބަދުވެސް ބަލަމުން ދިއުމެވެ. މިގޮތުން އެންމެ ފުރަތަމަ ފަށައިގަތް ހިސާބުން ފެށިގެން ފުރިހަމަ ރޯދައެއް ހިފަންދެން ވެސް ދުވާލުގެ ގަޑީގައި އެ ކުދިންނަށް އެއްވެސް ކަހަލަ ނިކަމެތިކަމެއް އައިސް ކުއްޖާ އަށް ނުހުރެވޭނެ ވަރު ވެދާނެތޯ ބަލަންވާނެ އެވެ. މިގޮތުން އެ ކުދިންނަށް ނުކުޅަދާނަ ވެއްޖެ ނަމަ ރޯދަ ދޫކޮށްލުވާނީ އެވެ. އަދި މިއީ މައްސަލައެއް ނޫން ކަމާއި ކުރިއަށް އޮތް ދުވަސްތަކުގައި ފުރިހަމަ ރޯދަހިފަން ދަސްކުރެވޭނެ ކަމަށް ބުނެދީ ހިތްވަރު ދޭންވާނެ އެވެ.
ކުޑަކުދިން ރޯދަހިފަން ފަރިތަ ކުރުވާ އިރު އެ ކުދިންގެ ސިއްހަތަށް ސަމާލުވުމަކީ ވެސް މުހިންމު ކަމެކެވެ. ހާރުކެއުމަށާއި ހާރުކެއުން ފަސް ކުރުމަށް ސަމާލުވާން ޖެހޭނެ އެވެ. ރޭގަނޑު ގަޑީގައި ގިނައިން ފެންބޮއެ، ދުވާލު ގެއްލޭ ބައި ހަމަކުރެވޭތޯ ބަލަން ވާނެ އެވެ. ސަރުބީ ގިނަ ނުވަތަ ތެލުލާފައި ހުންނަ ނުވަތަ ގިނައިން ހަވާދު އަޅާފައި ހުންނަ ކާތަކެތިން ދުރުހެލި ކުރުވޭތޯ ބަލަން ވާނެ އެވެ. ކުޑަކުދިން އެންމެ ލޯބިވާ ބައެއް ކާތަކެއްޗަކީ ފަހަރެއްގައި މިފަދަ ނޫން ތަކެތި ކަމުގައި ވެދާނެ އެވެ. އެހެން ވެއްޖެ ނަމަ އެ ކުދިންގެ ޝައުގަށް ވިސްނައިގެން އެކަމަކު ސިއްހަތަށް ގެއްލުން ނުލިބޭ ކާތަކެތި ތައްޔާރު ކުރެވޭތޯ ބެލިދާނެ އެވެ. ހަމައެއާ އެކު ވަޒަން ހަމަ ކޮއްތުތައް ތައްޔާރު ކުރަން ވިސްނަން ވާނެ އެވެ.
ރޯދައަކީ މަތިވެރި އަޅުކަމެއް ކަމަށް ވާއިރު ކުޑަކުދިންނަށް މިކަން ދަސްކޮށްދޭން ކުރުވާ މަސައްކަތަކީ މަންފާ ހުރި މަސައްކަތަކަށް ވޭތޯ ބަލަންވާނެ އެވެ. އީޖާބީ ތަޖުރިބާ އަކަށް ވާން ޖެހޭނެ އެވެ. ރުހާނިއްޔަތާއި އިންސާނިއްޔަތުގެ ގިޔަމުތައް ކުދިންނަށް ދަސްވާން ޖެހޭނެ އެވެ.
އަހަރެމެންގެ ގުނަވަންތައް ވެސް ރޯދައިގައި ބައިވެރިކުރުން
އިސްލާމް ދީނުގެ ފުރިހަމަކަމާއި ލުއިފަސޭހަކަން
ތަރާވީހު، ދަމުނަމާދުގެ ރަކްއަތްތަކުގެ އަދަދަކީ ކޮބާ؟
ނުކައި ނުބޮއެ ހުރުމަކީ ރޯދަހިފުމެއް ނޫން
ރޯދަ ހިފުމުން ލިބޭ ނަފްސާނީ ސިއްހަތުގެ ފައިދާ ހޯދަމާ
ވީ ކޮންމެ ތަނެއްގައި މާތް ﷲ އަށް ތަގުވާވެރިވުން
ރޯދަމަހާއެކު، ނަފުސު ކޮންޓްރޯލްކޮށް، މީހާ ތަރުތީބުވޭ
ﷲ ސުބްހާނަހޫ ވަތައާލާ އަށް ލަދުވެތިވުން
ﷲ ސުބްހާނަހޫ ވަތައާލާ އަށް ލަދުވެތިވުން
މަރްޙަބާ ޔާ ރަމަޟާން