އަށް ވަނަ ބައި
އަށް ވަނަ ބައި
"މަގޭ ދަރިފުޅަށް ޒިލާލު ކަހަލަ ކުއްޖަކު ލިބުންއެއީ ހަމަ ލެއްވި ބޮޑު ނަސީބެއް!" ޚަނީފު ބުނެލިއެވެ. އެކަމާއި އެއްބަސްވުމުގެ ގޮތުން އަލީ ރަޝީދުވެސް ބޯޖަހާލިއެވެ.
ޕާޓީ ނިމިގެން ޒުހުދާ އާއި ޙަމީދުއާއި ދެމީހުންވެސް ދިޔައީ ޝިއުނާމެންގެއަށެވެ. އެމީހުންނަށް ލިބިފައިވާ ހަދިޔާތައް ހިފައިގެންނެވެ. އެއެއްޗެތި ގޭތެރެއަށް ލައިދީފާ އެދެމީހުންވެސް ދާން ނުކުންނަން ފެށީމާ ޝިއުނާއާއި ޒިލާލު އާއި ދެމީހުން އެމީހުންނާއި އެކީގައި ދޮރާށި ކައިރިއަށް ދިޔައެވެ.
"އަހަރުމެންގެ އަސްލު ހަދިޔާ ދޭނީ އަދި ދުވަސްކޮޅެއް ފަހުން އިނގޭ" ޒުހުދާ ހިނގައިގަންނަން އުޅެފައި ބުނެލިއެވެ.
"ހަދިޔާއެއް ނުދިނަސް އޯކޭ އޭ.. އަހަރުމެން ބޭނުންވީ ޒުހޫމެން މިރޭ މިތަނަށް އަންނަން ދޯ ޒިލާ!.. " "އެކަމަކުވެސް މި ހަދިޔާއަށް މިހާރު އޯޑަރު ދެވިއްޖެ.. ތައްޔާރުވަމުން ދަނީ .. އަދި ދުވަސް ނަގާނެ ދޯ ޙަމީދޫ"
އެއީ އަނެއްކާ ކޯޗެއްހޭ ޝިއުނާއަށް އަހާލެވުނެވެ. އެޔާއިއެކު ޒުހުދާގާތަށް ހިނިއަންނަ ގޮތްވިއެވެ.
"ދެން ކެތްކުރޭ އަދި ހަތްމަސް ފަހުން ލިބޭނީ!"
"ހަތްމަހޭ؟" ޝިއުނާއާއި ޒިލާލުއާއި ދެމީހުންނަށް އެއްފަހަރާ ކަހަލަ ގޮތަކަށް ބުނެލެވުނެވެ.
"އާނ... މިއޮތީ" އޭނާ ޒުހުދާގެ ބަނޑުގައި އަތް ޖައްސާލިއެވެ. "އިރާދަ ކުރެއްވިއްޔާ މީގެ ހަތްމަސް ފަހުން އަހަރުމެންނާއި ހަމައަށް މީނަ އަންނާނެ!"
ޒުހުދާ އެކީ އެއްޗެއް ވިސްނުނީ އެހިސާބުންނެވެ. ޝިއުނާއާއި ޒިލާލު އާއި ދެމީހުންވެސް އުފަލުން ތެޅިފޮޅިގަތެވެ. ކޮންގްރެޓްސް އޭ ކިޔާފައި ޒުހުދާގައިގަ ބައްދާލިއެވެ. ތިއަށްވުރެ ވަކިން ރަނގަޅު ހަދިޔާއެއް ނުދެވޭނެއޭ ޒިލާލު ބުނެލިއެވެ.
ޢަލީ ރަޝީދު ގޮވައިގެން ޙަނީފު ދިޔައީ މާފަންނު ކޮޅުގައި ހުރި ކެފޭއަކަށެވެ. އެތަނަށް ވަދެ ފުރެޝް ޖޫހަކަށް އޯޑަރު ދިނުމަށްފަހު ދެމީހުން މޭޒެއްގެ ދޮށުގައި އިށީނެވެ. ޢަލީ ރަޝީދުއާއި ޙަނީފުއާއި ދެމީހުން އަލުން ގުޅުން ބަދަހިވީފަހުން ޢަލީ ރަޝީދު މާލެ އައި މިއީ ފުރަތަމަ ފަހަރެވެ. ފޯނުން ގުޅައިގެން ނުދެއްކި ހުރި ވަރަށް ގިނަ ވާހަކަ އޭނާ ޢަލީ ރަޝީދަށް ކިޔައިދިނެވެ. ފަރީޝާގެ އެންމެ ފަހުވަގުތުކޮޅު ކަންތައް ހިނގާ ދިޔަގޮތެވެ.
ފަރީޝާ ނިޔާވިފަހުން ޝިއުނާއަށް އަދި އިރާދަކުރެއްވިއްޔާ އެއްވެސް ބިރުވެރި ހުވަފެނެއް ނުފެންނަ ވާހަކައެވެ.
"އާނ މީހަކު ބުނީ މ. މުލީގައި ރުޤްޔާ ކުރާ ވަރަށް މޮޅު މީހަކު އުޅޭ ވާހަކަ" ޢަލީ ރަޝީދު ބުނެލިއެވެ.
"ޙަނީފު ބޭނުމިއްޔާ އެމީހާ ހޯދިދާނެ"
" ނޫނޭ އަދި އިހަށް މަޑުކޮށްލާ.. ކުރިން ދިމާވި މީހާ ބުނިގޮތަށް ޖިންނި ޝައިތޯނުންގެ ކިބައިން ސަލާމަތްވާން ހުރިހާ ދުޢާތަކާއި އެއްޗެތިވެސް ކިޔައިގެން މަގޭ ދަރިފުޅުވެސް އުޅެނީ.. އަހަރެން ދޭތެރެއަކުން އަހަން.. އަނެއްކާ ހަމަ ބަރާބަރަށް ފަތިހުވެސް ތެދުވާނެ ނަމާދު ކުރަންވެސް" ޙަނީފު ކިޔައިދިނެވެ.
"ކިތަންމެހާވެސް ރަނގަޅު އެކަހަލަ ގޯނާއެއް ނުވެއްޖިއްޔާ" ޢަލީ ރަޝީދު ބުނެލިއެވެ.
އިބްރާހިމްބެ ދިރިއުޅުނު ހިސާބު މިހާރު ވަރަށް އަމާން ކަމުގައި ޢަލީ ރަޝީދު ބުނެދިނެވެ. ނިކަގަސް ވެސް ކޮންމެވެސް ވަރަކަށް ކޮށާލާފައި އޮތީމާ އެހިސާބު އެހާ އަނދިރިކަމަކަށް ނުދައްކާކަމުގައި މީހުންބުނާ ވާހަކަ ޢަލީ ރަޝީދު ބުނެލިއެވެ.
ޙަނީފު އެދިގެން އިބްރާހިމްބެ އުޅުނު ގެ ތަޅާލުމުގެ މަސައްކަތް ޢަލީ ރަޝީދު ވަނީ ބަޔަކާ ޙަވާލުކޮށްފައެވެ. އެމަސައްކަތުގައި އުޅޭ ބަނގުލަދޭޝް މީހުންގެ ފަރާތުންވެސް އެކަހަލަ އެއްވެސް ޝަކުވާއެއް ނާންނަކަމުގައި އޭނާ ބުނެލިއެވެ.
"ތެދައް ބުނަންޏާ މަށަށް ވަރަށް ނުދެވޭ އެހިސާބަށް!..." ޢަލީރަޝީދު ބުނެލި އެވެ.
ޙަނީފު ބޯޖަހާލި އެވެ. ޢަލީ ރަޝީދަކީ ޖިންނި ޝައިތޯނުންގެ ކަންތަކުގައި އޭރުވެސް ވަރަށް ބިރުގަންނަ މީހެކެވެ. އޭނާ އިބްރާހިމްބެ ދެކެވެސް ވަރަށް ބިރުގަންނާނެއެވެ. އެހެންވީމާ އޭނާ ކޮންމެހެން އެތަނަށް ނުދިއަޔަސް އެކަން ކޮށްދެނިކޮށް އެނިމުނީ ކަމުގައި ޙަނީފު ބުނެލިއެވެ.
ކައިވެންޏަށް ފަހު ޒިލާލުއާއި ޝިއުނާއާއި ދެކުދިން ގެނެސް ބައިތިއްބާފައި ޙަނީފުމެން ނަސޭހަތް ދިނެވެ. ދިރިއުޅުމެއް ތިފެށުނީ އަދިކިރިޔާ ކަމަށާއި އެކަކު އަނެކަކަށް ލޯތްބާއި އަޅާލުން އަބަދުވެސް ދޭންވާނެ ވާހަކައެވެ. ދެމަފިރިން ދޭތެރޭގައިވެސް ދެބަސްވާ ކަންކަމާއިވެސް ދިމާވާނެކަމަށާއި އަބަދުވެސް ސުލްޙަވެރިކަމާއިއެކު ކަންކަން ޙައްލުކޮށްގެން ކުރިއަށްދާން މަސައްކަތް ކުރަންވާނެއޭ ކިޔާ ނަސޭޙަތްތެރިވިއެވެ. ޙަނީފު އެންމެ ބޮޑަށް ބާރުއެޅީ މިހާރެކޭވެސް އެއްފަދައިން ދީނީ ކަންކަމަށް ފަރުވާތެރިވެ ބަރާބަރަށް އެކަންކަން ކުރުމަށެވެ.
ޒިލާލު އެންމެ ހިތްހަމަޖެހުނީ އޭނާ ކުރިންއުޅުނު ތަނުން ނުކުމެވުނީމައެވެ. އޭނާ އެހެންވަޒީފާއެއް ހޯދަން ވިސްނަން ފެށިއެވެ. އެކަމަކު މާލެއިންނެވެ. ޝިއުނާ ދޫކޮށްލާފައި ރަށުން ބޭރަށް ވަޒީފާއަށްދާކަށް އެނާ ބޭނުމެއްނޫނެވެ.
ކޮންމެއަކަސް، ޝިއުނާއާއި ޒިލާލު އެކީގައި ހަޔާތެއްފަށާ ނުހަނު އުފަލުގައި ދުވަސްތައް ހޭދަކުރަމުން ގެންދިޔައެވެ. ދެމީހުން ސައިކަލު ދުއްވަންގޮސް، އަޒީމާމެންނާއި އެކީ ކުރިއެކޭ އެއްގޮތަށް މަޖަލުގައި ވަގުތުތައް ހޭދަކުރަމުން ގެންދިޔައެވެ.
އެންމެ ފުރަތަމަ ދުވަހުން ފެށީގެންވެސް ޚަނީފު ޒިލާލު އާއި ވަރަށް ގަޔާވިއެވެ. އޭނާ ޝިއުނާއާއި ކައިވެނި ކުރި ހިސާބުން އޭނާގެ ވިޔަފާރީގައި ޒިލާލު ބައިވެރި ކުރުމުގެ ޚިޔާލު އޭނާ ގެންގުޅެން ފެށިއެވެ. އެމީހުންގެ ފިރިހެންދަރިފުޅު ޝަހުދު ވިޔަފާރިއަށް ކުޑަކޮށްވެސް ޝައުގުވެރިކަމެއް ނެތީތީ މިއޮއް ހާދުވަހު ޙަނީފު ހުރީ ވަރަށް މާޔޫސްވެފައެވެ.
ޒިލާލު އެގެއަށް އަންނަން ފެށުމާއިއެކު ޙަނީފުގެ ސިކުނޑިއަށް އެޙިޔާލު ވަދެއްޖެއެވެ. ޝިއުނާގެ ފިރިއަކަށް އޭނާ ވީ ހިސާބުން އޭނާ އެވާހަކަ ހުސްނާއާއި ހިއްސާ ކުރިއެވެ. ހުސްނާއަށްވެސް އެއީ ވަރަށް ރަނގަޅު ޚިޔާލަކަށްވިއެވެ. އެކަމަކު، އެހާ އަވަހަށް މަޖްބޫރުން އޭނާ ލައްވާ ކަންކަން ކުރުވަން އުޅުމަކީ އެހާ ބުއްދިވެރިކަމެއް ނޫންކަމަށް ހުސްނާ ބުނެލިއެވެ.
އެހެންކަމުން ހަނީފު ޒިލާލު ކައިރީގައި ވިޔަފާރީގެ ވާހަކަ ދައްކަން ފެށީ މަދު މަދުންނެވެ. ބާޒާރު މަތީ ހިނގި ކޮންމެވެސް ކަމެއްގެ ވާހަކައެއް ނޫނީ ކޮންމެވެސް އެއްޗެއްގެ އަގު އުފުލުނު ވާހަކައެއް ކަހަލަ ކޮންމެވެސް ވާހަކައެއް ދޭތެރެއަކުން ހިއްސާކޮށްލާ ހަދާލަނީއެވެ.
މަހެއްހާ ދުވަސް ފަހުން ޒުހުދާ ޑޮކްޓަރަށް ދައްކާލަންވެގެން މާލެ އައެވެ. އެޕޮއިންޓުމަންޓު ހަދާފައިއޮތީ ހަވީރު ހަތަރެއް ޖަހާ އިރަށެވެ. އެހެންނަމަވެސް އެގަޑި ޖެހެންވާއިރަށް ޙަމީދަށް ރިސޯޓުން ނާދެވުމުން އޭނާއާއި އެކީގައި ޝިއުނާ ގޮސްދޭން ނިންމިއެވެ. ޒިލާލު ޑިއުޓި ނިންމާފައި ގެއަށް އައިއިރު ޒުހުދާ އެގޭގައި އިނެވެ. އޭނާއާއި ޝިއުނާއާއި ދެމީހުން ހޮސްޕިޓަލަށް ދާން ޓެކްސީއަށް ގުޅައިގެންނެވެ.
ޒިލާލު ފެންވަރައިގެން ނުކުތްއިރު ކޮޓަރި ތެރެއިން ފޯނެއް ރިންގުވާ އަޑު އިވެމުން ދިޔައެވެ. އެއީ ޒުހުދާގެ ފޯނެވެ. އޭނާ އޮތީ ފޯނު ޗާޖަށް ޖަހާފައި ބާއްވާފައެވެ. ޒިލާލު ގޮސް ފޯނު ބަލައިލީ އެ ގުޅާނީ ޙަމީދު ކަމަށް ހީކޮށެވެ. އެހެންނަމަވެސް ފޯނަށް އަރަމުން ދިޔައީ ގުރޭޝާގެ ނަމަވެ. ކުޑަ އިރުކޮޅަކު އެފޯނާއި ދިމާލަށް ބަލަހައްޓައިގެން ހުރުމަށްފަހު އަޅާވެސް ނުލާ ގޮސް ލޯގަނޑު ކައިރިއަށް ހުއްޓި ރީތިވާން ފެށިއެވެ. އިރުކޮޅެއް ނުވަނީސް ޒުހުދާގެ ފޯނަށް މެސެޖެއް އައިއަޑު އިވުނެވެ. ޒިލާލު ގޮސް އެފޯނު ނެގިއެވެ. އޭނާއަށް ޒުހުދާގެ ފޯނުގެ އަންލޮކް ޕެޓާން އިނގޭތީ އެޖަހައިގެން ފޯނު ހުޅުވާލިއެވެ. އޭރު ޒުހުދާއަށް އައީ ގުރޭޝާގެ ވަޓްސްއަޕް މެސެޖެކެވެ. އެވަޤުތު ޒިލާލުއަށް އޭނާގެ ކޮއްކޮއާއި ގުރޭޝާއާއި ދެމީހުން ދައްކާފައި ހުރި ވާހަކަތައް ބަލަން ޝައުގުވެރިވެވުނެވެ. ތަންކޮޅަކަށް ސްކްރޯލު ކޮށްލިތަނާ ފެނުނީ ގުރޭޝާގެ ސެލްފީއެކެވެ. އޭނާ ހުރީ ދިގުހެދުމެއް ލަފާއެވެ. ޒިލާލުއަށް އެފޮޓޯ ބޮޑުކޮށްގެން ގުރޭޝާގެ މޫނަށް ބަލަން އެތައް އިރަކު ހުރެވުނެވެ.
ދެން މާގިނަ މެސެޖެއް ނެތެވެ. ހުރީ "ކޮބާ ކޮންތާކު؟" "މިދަނީ" އެކަހަލަ ކުދި ކުދި މެސެޖްއެވެ. އޭގެ ތަންކޮޅެއް ކުރިއަށް ބަލައިލިއިރު ހުރީ ވޮއިސް މެސެޖް ތަކެކެވެ. ޒިލާލު ކުޑަކޮށް ޖެހިލުންވެހުރެ އެއިން މެސެޖެއް އަޑު އަހާލިއެވެ.
"އަސްލުވެސް އަހަރެން ހިތަކަށް ނާރާ ޒިލާ އިންނާނެ ކަމަކަށް" ގުރޭޝާގެ އަޑު އިވުނެވެ. އެއަޑުން އިވުނީ ހިތާމައިގެ އަސަރެވެ. އެމެސެޖް އައިސްފައި އޮތް ތާރީޚު އޭނާ ބަލައިލިއެވެ. އެއީ އޭނާގެ ކައިވެނީގެ ދުވަސް ނޫން އަނެއްދުވަހެވެ. ޒިލާލު ވަރަށް ޝައުޤުވެރިކަމާއިއެކު އޭނާ ފަތިފައްޗަށް ފޮނުވާފައި ހުރި މެސެޖުތައް އަޑުއަހާލިއެވެ. އޭގައި މުޅިންވެސް ހުރީ އޭނާ ޝިއުނާއާއި އިނީތީ އެކަމާ ދެރަވެގެން ދައްކާފައިހުރި ވާހަކައެވެ.
"ޒުހޫ މަ ﷲ ގަންދީ ހުވާކޮށްފައި މިބުނަނީ .. އަހަރެން އެވަރުގެ ގޯސްކަމެއް ނުކުރަން! ޒިލާ ޤަބޫލު ނުކުރިއަސް ޒުހޫ ޤަބޫލު ކޮށްބަލަ.. އަހަރެންގެ އިތްފަތްތެރިކަން އެއީ ޒިލާގެ އަމާނާތެއް.. އަހަރެންވެސް ދެކެމުން އައި ހުވަފެނަކީ އެއީ.. އޭނާ އާއި އިނދެގެން ....." އެހިސާބުން ދެން އިވުނީ ގުރޭޝާގެ ރުއިމުގެ އަޑެވެ. ޒިލާލުގެ ހިތަށް އުނދަގޫވެގެން ދިޔައެވެ.
"ބުނީމެއްނު އަހަރެންގެ ކައިރީ ތިވާހަކަ ނުދައްކާށޭ... ގުރޭޝާއަށް އެނގޭތަ ތި ދެއްކެނީ އަހަރެންގެ ބޭބެގެ ވާހަކައޭ" އޭގެ ޖަވާބުގައި ޒުހުދާ ވަރަށް ހިތްހަމަ ނުޖެހިފައި ބުނެފައި އޮތެވެ.
"ބޭބެ ގެ ދިރިއުޅުމަށް ގޮތް ނިންމާނީ ބޭބެ ދޯ.. އަހަންނަކަށް ކުރެވޭނެ އެއްކަމެއްވެސް ނޯންނާނެ .. ބޭބެ އުފަލުގައި އުޅެންޏާ އަހަންނަށް އެނިމުނީ.... އަހަރެންގެ ބޭބެގެ ވާހަކަ ދައްކަން ދެން މެސެޖް ނުކުރާތީ!" ޒުހުދާ އިތުރަށް ބުނެފައި އޮތެވެ.
އޭގެ ފަހުން ވަރަށް ގިނަ ދުވަސް ވަންދެން އެއްވެސް މުޢާމަލާތެއްކޮށްފައި ނެތެވެ. ގުރޭޝާ ދެން ވާހަކަ ދައްކާފައި އޮތީ ޙަފްތާއެއްހާ ދުވަސް ކުރިންނެވެ.
އެފޯނު އެނދުމަތީގައި ބާއްވާފައި ޒިލާލު އިށީނެވެ. އޭނާއަށް ފުންފުން ނޭވާއެއް ދޫކޮށްލެވުނެވެ. އާނއެކެވެ. އޭނާގެ މަޤްސަދު ކިތަންމެ ރީއްޗަކަށްވެސް ޙާޞިލުވެއްޖެއެވެ. އޭނާ އެހެންމީހަކާ އިނުމުން ގުރޭޝާ ދެރަވެއްޖެއެވެ. ވަރަށް ބޮޑަށް ހިތުގައި ޖެހިއްޖެއެވެ. އެކަމަކު ގުރޭޝާ ބުނެފައި އެންމެ އެއްޗެއް ޒިލާލުގެ ހިތުގައި ސުވާލަކަށް ވިއެވެ. ގުރޭޝާއާއި އެމީހާއާއި އެކަހަލަ ގުޅުމެއް ނުހިނގާ ހެއްޔެވެ؟ ޒިލާލުގެ ސިކުނޑިން އެ ސުވާލު ނެރެ އެއްލާލުމުގެ ނިޔަތުގައި ދެއަތަކަށް ބޯހޫރާލިއެވެ.
އެކަމާއިމެދު ޚިޔާލުކުރަންހުރެ ރީތިވެ ނިމުނުތަނާ އަނެއްކާވެސް އެފޯނު ރިންގުވާ އަޑު އިވެން ފެށިއެވެ. ފިނިވެފައިވާ ހިތަކާއިގެން އެނާ ގޮސް ފޯނު ބަލައިލިއެވެ. މިފަހަރު ގުޅީ ޙަމީދުއެވެ. ފޯނު ނަނގާފައި ޒުހު ދިޔައީ އޭނާގެ ފޯނު ޗާޖަށް ޖަހާފައި އެގޭގައި ބާއްވާފައިކަމަށް ޒިލާލު ބުނެދިނެވެ.
އޭރު ޙަމީދު އިނީ ލޯންޗުގައެވެ. މާލެ އައުމުގެ މަގުމަތީގައެވެ. އެހެންކަމުން އޭނާ ބަލާ ޒިލާލު ބޭންކް އޮފް މޯލްޑިވްސް ކައިރިއަށް ދާން ނައްޓާލިއެވެ.
ޙަމީދު އާއި ދެމީހުން ހޮސްޕިޓަލު ކައިރިއަށް ގޮސްފައި ގުޅާލިއިރު ނަމްބަރު ޖެހެން އަދި ހަތް މީހުން އެބަތިބި ކަމުގައި ޝިއުނާ ބުނެދިނެވެ. އެހެންކަމުން ޒިލާލުއާއި ޙަމީދުއާއި ދެމީހުން ދިޔައީ ކޮފީއަކަށެވެ. ކެފޭއެއްގެ ކައިރިއަށް މަޑުކޮށްލީމާ ސައިކަލުން ފައިބާފައި ޙަމީދު އޭ ތިއީ ވަރަށް ސަޅި ސައިކެއް ދޯ އޭ ބުނެލިއެވެ.
"ޝަޅިދޯ؟ މިއީ މަށަށް އެތަނުން އެންމެ ރީތިވި ސައިކު!" އޭނާގެ ބަފާބެ އޭނާއަށް ސައިކަލު ހޯދައިދިންގޮތުގެ ވާހަކަ ޒިލާލު ކިޔައިދިނެވެ.
"ކިހާ ރަނގަޅު!" ޙަމީދު އޭނާގެ ޅިޔަނަށްޓަކައި އުފާވިއެވެ.
އެހިސާބުން ޒިލާލުގެ ނަސީބު ރަނގަޅު ވާހަކަ ޙަމީދު ދައްކަން ފެށިއެވެ. ރަށު މީހުންވެސް އެވާހަކަ ދައްކާ ވާހަކައެވެ. މާލޭގެ މުއްސަނދި ވިޔަފާރިވެރިއެއްގެ ހުރި ހަމައެކަނި އަންހެން ދަރިފުޅާއި ކައިވެނިކުރި ވާހަކައެވެ. އެވާހަކަތައް އަޑުއަހަން ޒިލާލު އިނީ ވަރަށް ހެވިފައެވެ. އަމިއްލެއަށް ފަޚުރުވެރި ވެފައެވެ. (ނުނިމޭ)
ދިގު ވާހަކަ: ޑައިރީއަށް ފަހު - 9
ދިގު ވާހަކަ: ޑައިރީއަށް ފަހު - 7
ދިގު ވާހަކަ: ޑައިރީއަށް ފަހު - 6
ދިގު ވާހަކަ: ޑައިރީއަށް ފަހު - 5
ދިގު ވާހަކަ: ޑައިރީއަށް ފަހު - 4
ދިގު ވާހަކަ: ޑައިރީއަށް ފަހު - 3
ދިގު ވާހަކަ: ޑައިރީއަށް ފަހު
ދިގު ވާހަކަ: ޑައިރީއަށް ފަހު
މި ރަށު ކޮންމެ ގެއެއްގައި އުނދޯއްޔެއް!
އުމުރުން 17, އަމިއްލަ ވިޔަފާރީގެ ބޮޑު ވިސްނުމެއް