Roadha Mihaaru

ގޮނޑި ގެއްލޭ އިސްލާހު މިހާރުގެ މެންބަރުންނަށް ނުހިނގާނެ ގޮތް ހަދަން އެދިއްޖެ

ސިޔާސީ ޕާޓީން ވަކިވެއްޖެނަމަ ނުވަތަ ވަކިކޮށްފި ނަމަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީ އަށް ގެނައި އިސްލާހު މިހާރުގެ މަޖިލިސް މެންބަރުންނަށް ނުހިނގާނެ ކަމަށް ކަނޑައަޅައިދޭން ސުޕްރީމް ކޯޓުގައި އެދިއްޖެ އެވެ.

ގޮނޑިގެއްލޭ އިސްލާހު މިހާރުގެ މެމްބަރުންނަށް ނުހިނގާނެ
ނާޒިމް ހަސަން
ނާޒިމް ހަސަން

17 ފެބުރުއަރީ 2025

ސިޔާސީ ޕާޓީން ވަކިވެއްޖެނަމަ ނުވަތަ ވަކިކޮށްފި ނަމަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީ އަށް ގެނައި އިސްލާހު މިހާރުގެ މަޖިލިސް މެންބަރުންނަށް ނުހިނގާނެ ކަމަށް ކަނޑައަޅައިދޭން ސުޕްރީމް ކޯޓުގައި އެދިއްޖެ އެވެ.

މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް މިދިޔަ އަހަރު ގެނައި އިސްލާހު ބާތިލްކުރަން ސުޕްރީމް ކޯޓަށް ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ވަކީލް އަލީ ހުސައިން ހުށަހެޅުއްވި މައްސަލައިގެ އަޑުއެހުންތައް މިއަދު ވަނީ ފަށައިފަ އެވެ.

އެ މައްސަލަ ހުށަހަޅުއްވަމުން އަލީ ހުސެއިންގެ ވަކީލް މަހުފޫޒު ސައީދު ވިދާޅުވީ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހަކީ ބާތިލް އިސްލާހެއް ކަމަށް ކަނޑައަޅައިދޭން އެދޭ ކަމަށެވެ. އެއީ އެ އިސްލާހު ގާނޫނުއަސާސީގެ ހަތަރު ވަނަ މާއްދާ އާއި ފަސް ވަނަ އަދި އަށް ވަނަ މާއްދާއާ ވެސް ހިލާފުވާތީ އަދި 73 ވަނަ މާއްދާ އާއި 90 ވަނަ މާއްދާއާ ވެސް ހިލާފްވާ ކަމަށް ބުނެ އެވެ.

އެ އިސްލާހަކީ މިހާރު ތިބި މަޖިލީހުގެ މެންބަރުންނަށް އެއްވެސް ގޮތަކުން އެޕްލައި ކުރެވޭނެ އިސްލާހެއް ނޫން ކަމަށް ކަނޑައަޅައިދިނުމަށް ވެސް އަލީ ހުސެއިންގެ ފަރާތުން ސުޕްރީމް ކޯޓުގައި އެދިފައިވެ އެވެ.

މަހުފޫޒު ވިދާޅުވީ ގާނޫނަކީ ފަހަތަށް ރަޖްއީކޮށް ހިންގޭނެ އެއްޗެއް ނޫން ކަމަށާއި އެއީ ގާނޫނު ހެދުމުގެ އެންމެ މައިގަނޑު އެއް އަސާސް ކަމަށެވެ. މިހާރުގެ މަޖިލީހުގެ މެންބަރުން ޕާޓީގެ ޓިކެޓެއް ހޯދައި، އިންތިހާބުވިއިރު ޕާޓީން ވަކިވެއްޖެނަމަ، ގޮނޑި ގެއްލޭނެ ކަން އެއީ ތަސައްވުރު ކުރެވިފައި އޮތް ކަމެއް ނޫން ކަމަށް މަހުފޫޒު ވިދާޅުވި އެވެ. އެހެންވެ، ގާނޫނުއަސާސީއަށް ގެނައި ހަ ވަނަ އިސްލާހު ދެމި އޮންނަ މުއްދަތުގައި ވެސް މިހާރުގެ މެންބަރުންނަށް އެ އިސްލާހުގެ އުސޫލު ނުހިނގާނެ ކަމަށް ކަނޑައަޅަން މަހުފޫޒު އެދިވަޑައިގަތެވެ.

ވަކީލް ވިދާޅުވީ ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ ސަބަބުން ގާނޫނުއަސާސީގެ މައިގަނޑު އަސާސްތަކާ ހިލާފުވާ ކަމަށާއި އެގޮތުން ދައުލަތުގެ ބާރުތައް ދެމިގެން ދާނީ ރައްޔިތުންގެ ކިބައިގައި ކަމަށް އޮންނަ އޮތުމާ ފުށުއަރާ ކަމަށެވެ. މިހާރު ދައުލަތުގެ ބާރުތައް އޮތީ ސިޔާސީ ޕާޓީތަކުގެ ވެރިންގެ އަތް މަތީ ކަމަށާއި ނަމަވެސް މެންބަރުން ވަކިކުރުމުގެ ބާރު އޮންނަން ވާނީ ރައްޔިތުންގެ އަތުގައި ކަަމަށް މަހުފޫޒު ވިދާޅުވި އެވެ.

މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގެނައި އިސްލާހާ އެކު ދައުލަތުގެ ނިޒާމް ގަޑުބަޑުވެފައިވާ ކަމަށް ވެސް މަހުފޫޒު ވިދާޅުވި އެވެ. ރާއްޖޭގައި އޮތީ ރިޔާސީ ނިޒާމް ކަމަށާއި ގާނޫނުއަސާސީ ވެސް ބައްޓަންކޮށްފައިވަނީ އެގޮތުގެ މަތިން ކަން އޭނާ ފާހަގަ ކުރެއްވި އެވެ. މަހުފޫޒު ވިދާޅުވި ގޮތުގައި ޕާޓީން ވަކިވެއްޖެ ނަމަ، ގޮނޑި ގެއްލުމަކީ ބަރުލަމާނީ ނިޒާމްގެ ސިފައެކެވެ.

މަހުފޫޒު ވިދާޅުވީ އިސްލާހުގެ ސަބަބުން ދައުލަތުގެ ބާރުތައް ވެސް މައްސުނިވެފައިވާ ކަމަށެވެ.

އަލީ ހުސެއިން މިއަދު ސުޕްރީމް ކޯޓަށް ވަޑައިގަންނަވަނީ: މިހާރުގެ މެންބަރުންނަށް އިސްލާހު ނުހިނގާނެ ގޮތް ހަދަން އެދުނު - ފޮޓޯ: ނިޝާން އަލީ / މިހާރު

އަލީ ހުސެއިން މިއަދު ސުޕްރީމް ކޯޓަށް ވަޑައިގަންނަވަނީ: މިހާރުގެ މެންބަރުންނަށް އިސްލާހު ނުހިނގާނެ ގޮތް ހަދަން އެދުނު - ފޮޓޯ: ނިޝާން އަލީ / މިހާރު

އޭނާ ވިދާޅުވީ މެންބަރަކު ޕާޓީ ބަދަލުކުރާ ކޮންމެ ފަހަރަކީ ނުރަނގަޅު ނިންމުމެއް ކަމަށް ބަލައި، އެއީ ނުކުރެވޭނެ ކަމެއް ގޮތަށް ގާނޫނުއަސާސީގައި ބަޔާން ކުރުމަކީ ގޯހެއް ކަމަށެވެ. ރައްޔިތުންގެ މަސްލަހަތު އިސްކޮށް ނުވަތަ ޕާޓީ ބަދަލުކުރަން މަޖުބޫރުވާ ހާލަތުގައި އެ މެންބަރަކު ބޭނުންވާ ނަމަ، އެކަން ކުރުމުގެ ފުރުސަތު އޮންނަންވާނެ ކަަމަށް މަހުފޫޒު ވިދާޅުވި އެވެ. އަދި އެކަން ނުކުރެވޭނެ ކަމަށް ބުނުން ގާނޫނުއަސާސީއާ ފުށުއަރާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން މަހުފޫޒު ވަނީ އެ އިސްލާހުތައް އަވަސް އަރުވާލައިގެން ފާސްކޮށްފައިވާތީ އެކަމުގެ ކަންބޮޑުވުން ވެސް ސުޕްރީމް ކޯޓާ ހިއްސާ ކުރައްވައިފަ އެވެ. ގާނޫނުއަސާސީއަށް މަޖިލީހުން އިސްލާހު ގެނެސް، އެ ބިލް ރައީސް ތަސްދީގު ކުރެއްވީ އެއް ދުވަސް ތެރޭގަ އެވެ.

މަހުފޫޒު ވިދާޅުވީ ގާނޫނުއަސާސީއަކީ މިހާ ފަސޭހައިން ބަދަލުކުރެވޭ އެއްޗަކަށް ވެގެން ނުވާނެ ކަމަށެވެ. އާންމުކޮށް މަޖިލީހުން ގާނޫނެއް ފާސްކުރާ ނަމަ، ކަމާ ގުޅޭ ފަރާތްތަކާ މަޝްވަރާކޮށް އާންމުންގެ ހިޔާލަށް ވެސް ހުޅުވާލާ ކަމަށާއި ގާނޫނުއަސާސީއަށް އިސްލާހު ގެނައިރު އެފަދަ އެއްވެސް އިޖުރާއަތެއް ހިންގާފައިނުވާ ކަމަށް މަހުފޫޒު ވިދާޅުވި އެވެ.

އަލީ ހުސެއިންގެ ފަރާތުން ހުށަހެޅުއްވި މި މައްސަލައަށް ބަންޑާރަ ނައިބުގެ އޮފީހުން މިއަދު ޖަވާބުދާރީވެފައެއް ނުވެ އެވެ. ނަމަވެސް، ދައުލަތުގެ ފަރާތުން މައްސަލަ ސުޕްރީމް ކޯޓަށް ނުބެލޭނެ ކަމަށް ކަނޑައަޅައިދޭން އިޖުރާއީ އިއުތިރާޒެއް ހުށަހެޅި އެވެ.

ސުޕްރީމް ކޯޓުގައި މިއަދު ފެށި އެ މައްސަލައިގެ އަޑުއެހުމުގައި ބަންޑާރަ ނައިބުގެ އޮފީހުގެ ވަކީލު ފާތިމަތު ހަލީމް ވިދާޅުވީ އެއީ ސުޕްރީމް ކޯޓަށް ބެލުމުގެ އިހްތިސާސް އޮތް މައްސަލައެއް ނޫން ކަމަށެވެ. އަލީ ހުސެއިން މައްސަލަ ހުށަހަޅުއްވާފައި ވަނީ ގާނޫނުއަސާސީ އަށް ގެނައި ގާނޫނު ގާނޫނުއަސާސީއާ ހިލާފު ކަމަށް ބުނެ ދުސްތޫރީ މައްސަލައެއްގެ ގޮތުގަ އެވެ. ނަމަވެސް، މިފަދަ މައްސަލަތައް ދުސްތޫރީ މައްސަލައިގެ ތަރަހައިގެ ތެރެއަށް ނުފެތޭ ކަމަށް ވަކީލް ވިދާޅުވި އެވެ.

ބަންޑާރަ ނައިބުގެ އޮފީހުގެ ވަކީލުން މިއަދު ސުޕްރީމް ކޯޓަށް ވަޑައިގަންނަވަނީ - ފޮޓޯ: ނިޝާން އަލީ / މިހާރު

ބަންޑާރަ ނައިބުގެ އޮފީހުގެ ވަކީލުން މިއަދު ސުޕްރީމް ކޯޓަށް ވަޑައިގަންނަވަނީ - ފޮޓޯ: ނިޝާން އަލީ / މިހާރު

ފާތިމަތު ވިދާޅުވި ގޮތުގައި ގާނޫނުއަސާސީ އަށް އިސްލާހު ގެންނަ ބިލްތަކަކީ ގާނޫނެއް ގޮތަށް ބަޔާން ކޮށްފައިވީ ނަމަވެސް އެއީ ގާނޫނެއްގެ ދަރަޖަ ދެވޭނެ އެއްޗެއް ނޫނެވެ. އެއީ ހާއްސަ އިޖުރާއަތެއްގެ ދަށުން ހާއްސަ އުސޫލަކުން ފާސްކުރާ އެއްޗެއް ކަމަށާއި އެ އަށް ގާނޫނެއްގެ ދަރަޖަ ދޭ ނަމަ އިޖުރާއީ ބޮޑެތި މައްސަލަތައް ވެސް ނުކުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ބަންޑާރަ ނައިބުގެ އޮފީހުން ދެކޭ ގޮތުގައި ގާނޫނުއަސާސީ އަށް ގެންނަ އިސްލާހުތަކަކީ ގާނޫނުއަސާސީގެ ބައެކެވެ. އެ މާނަ ކުރަން ޖެހޭނީ ވެސް އެގޮތަށް ކަމަށް އޭޖީ އޮފީހުން ދެކެ އެވެ.

ވަކީލް އެހެން ވިދާޅުވުމުން ގާނޫނުއަސާސީ އަށް ގެންނަ އިސްލާހުތަކުގެ މައްސަލަތައް ބެލޭނީ ކޮން ކޯޓަކަށްތޯ ފަނޑިޔާރު އައިޝާ ޝުޖޫން ސުވާލު ކުރެއްވި އެވެ. ވަކީލް ވިދާޅުވީ ގާނޫނުއަސާސީއަށް އިޖުރާއަތުގެ ތެރެއިން އުސޫލާ އެއްގޮތަށް ގެންނަ އިސްލާހުތައް އެއްވެސް ކޯޓަކަށް ބެލޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.