Roadha Mihaaru

އެކްސިޑެންޓުވި މީހާގެ ބޯމަތިން ސައިކަލެއް ދިޔަ ވީޑިއޯއެއް އާއްމުވެއްޖެ

ސިނަމާލެ ބްރިޖު ހައިވޭގައި ހުޅުމާލެއިން މާލެއަށް އަންނަ ލޭނުގައި މީހަކު އެކްސިޑެންޓުވެފައި އޮއްވައި އޭނާގެ ބޯމަތިން ސައިކަލެއް ދާ ވީޑިއޯއެއް އާންމުވެއްޖެ އެެވެ.

އަނިޔާވި މީހާގެ ބޯމަތިން ސައިކަލެއް ދިޔަ ވީޑިއޯއެއް
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

04 ފެބުރުއަރީ 2025

ސިނަމާލެ ބްރިޖު ހައިވޭގައި ހުޅުމާލެއިން މާލެއަށް އަންނަ ލޭނުގައި މީހަކު އެކްސިޑެންޓުވެފައި އޮއްވައި އޭނާގެ ބޯމަތިން ސައިކަލެއް ދާ ވީޑިއޯއެއް އާންމުވެއްޖެ އެެވެ.

މިދިޔަ ހޮނިހުރު ދުވަހު ހެނދުނު 8:19 ހާއިރު އެކްސިޑެންޓު ހިނގީ ހައިވޭގެ އެއް ފަރާތެއްގައި ބަހައްޓާފައިވާ ސޯލާ ޕެނަލްތަކުގެ މަސައްކަތްކުރާތީ އެކަން އަންގައިދޭން ބަހައްޓާފައި ހުރި ކޯނެއްގައި ސައިކަލެއް ޖެހިގެންނެވެ.

އެ ހާދިސާގައި އަނިޔާވި ބަންގްލަދޭޝް ފިރިހެނަކަށް އައިޖީއެމްއެޗުގައި ފަރުވާދެމުން ދަނިކޮށް ހަމަ އެ ދުވަހު ވަނީ މަރުވެފަ އެވެ.

އެ އެކްސިޑެންޓާ ގުޅިގެން ފުލުހުން އެންމެ ފުރަތަމަ ބުނީ ކޯނެއްގައި ޖެހި ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެފައިވާ ކަމަށެވެ. އިތުރު އެހެން އަނިޔާތަކެއް އޭނާއަށް ލިބުނު ކަމަށް ނުބުނެ އެވެ.

އެކަމަކު ރޭ އާންމުވި ވީޑިއޯގައި ފެންނަނީ ސައިކަލުގައި ދިޔަ މީހާ، ކޯނެއްގައި ޖެހި ވިއްސައިގެންދާ މަންޒަރެވެ. ހަމަ އެ ވަގުތު އޭނާ ތެދުވަން މަސައްކަތްކުރަނިކޮށް ބާރަށް ދުއްވާފައި އައި ސައިކަލެއް ދަނީ އޭނާގެ ބޯމަތިންނެވެ.

އެއީ އެކްސިޑެންޓުވި މީހާ ވެއްޓުނު ވަގުތާ ބަލާ ނަމަ، ގާތްގަނޑަކަށް ދެތިން ސިކުންތުގެ ތެރޭގައި ހިނގި ކަމެކެވެ.

އަނިޔާވެފައިވާ މީހާގެ ބޯމައްޗަށް އެރުނު ނަމަވެސް ސައިކަލު ދިޔައީ މަޑުނުކޮށެވެ.

އެ މައްސަލައާ ގުޅިގެން ސުވާލުކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ ސައިކަލު ދުއްވީ 60 އަހަރުގެ އަންހެނެއް ކަމަށެވެ. އެކަމާ ގުޅިގެން އޭނާއާ ސުވާލުކޮށްފައިވާ ކަމަށާއި އެމީހާގެ ލައިސަންސް ހިފަހައްޓައި ސައިކަލު ޓޯކޮށްފައިވާ ކަމަށެވެ.

އިތުރު ތަފްސީލެއް ނުދެ އެވެ.

ފުލުހުން ބުނި ގޮތުގައި އެ މައްސަލަ ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.