ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލަ އިދިކޮޅު ފަރާތްތަކުން ހުށަހެޅީ، ފ. އަތޮޅު ތަރައްގީ ކުރުމަށް ސައޫދީ އަރަބިއްޔާ އިން ރާއްޖެ އަށް ގެންނަން އުޅޭ ބިޔަ މަޝްރޫއު ދެކެ ބިރުން ކަމަށް ޕީޕީއެމް ކޯލިޝަނުން މިއަދު ބުނެފި އެވެ.
08 މާޗް 2017
ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލަ އިދިކޮޅު ފަރާތްތަކުން ހުށަހެޅީ، ފ. އަތޮޅު ތަރައްގީ ކުރުމަށް ސައޫދީ އަރަބިއްޔާ އިން ރާއްޖެ އަށް ގެންނަން އުޅޭ ބިޔަ މަޝްރޫއު ދެކެ ބިރުން ކަމަށް ޕީޕީއެމް ކޯލިޝަނުން މިއަދު ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ޕީޕީއެމާއި އެމްޑީއޭ އާއި ޑީއާރުޕީގެ ބައެއް މެމްބަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން ވިދާޅުވީ، މަޖިލިހުގެ ރައީސްކަމުން މަސީހް ވަކިކުރަނީ ސައޫދީގެ ރަސްގެފާނުގެ ޒިޔާރަތުގެ ސަބަބުން މިއިން ޒަމާނަކު ވެސް ނުލިބޭހާ ތަރައްގީ ރާއްޖެ އަށް ލިބޭނެކަން އެނގި، އިދިކޮޅު މީހުން މޭކަރާތީ ކަމަށެވެ.
މަސީހުގެ މައްޗަށް ނަގާ އިތުބާރު ނެތް ކަމުގެ ވޯޓު ފަސޭހަކަމާއެކު ޕީޕީއެމް ކޯލިޝަނުން ނާކާމިޔާބު ކޮށްލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލިހުގެ ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ވިދާޅުވީ، ސައުދީގެ އިންވެސްޓްމެންޓްތަކެއް ރާއްޖެ އަތުވެއްޖެ ނަމަ، ޕީޕީއެމާއި އެމްޑީއޭ އާއި ޑީއާރުޕީގެ ވާހަކަ ނޫން ވާހަކައެއް ނުދައްކާނެ ކަމަށެވެ.
"މިއުޅެނީ މަސީހު އެއްވެސް ކަމެއް ކުރައްވައިގެންނެއް ނޫން. މިއީ ތިން ވަނަ ހަފުތާގައި އޮންނަ [ސައޫދީގެ ރަސްގެފާނުގެ ދަތުރުފުޅު] ދަތުރުފުޅު ދެކެ ގަންނަ ބިރެއްގެ ސަބަބުން ކުރި ކަމެއް،" އާރިފް ވިދާޅުވި އެވެ.
މަސީހާ ދެކޮޅަށް ނަގާ މި ވޯޓު އޭނާ ސިފަ ކުރެއްވީ ދިވެހި ރައްޔިތުންނާ އިދިކޮޅަށް، ރައްޔިތުންނަށް ޣައްދާރުވާ ބަޔަކު ކުރާ ކަމެއްގެ ގޮތުގަ އެވެ.
ނިހާން ވިދާޅުވީ މިއީ ޒާތީ ހަސަދައެއް ކަމަށާއި މިކަމުގައި އިސްކޮށް އުޅެނީ، ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތަށް އެންމެ ފުރަތަމަ މަސީހު ގެންނަވަން އުޅުނުއިރު، ދެކޮޅު ހެދި ބޭފުޅުން ކަމަށެވެ. އޭނާ ވިދާޅުވީ އެއީ ވަކި ކަންތައްތައްތަކެއް ހާސިލް ކުރުމަށް، ވަކި އެދުމެއްގައި ކުރާކަމެއް ކަމެއް ކަމަށެވެ.
"ރިޔާސަތުގައި މަސީހު އިންނަވައިގެން އެ މީހުން ބޭނުންވާ ގޮތަކަށް، ބޭނުންވާ ފުރުސަތުތަކެއް ނުލިބޭނެކަން އެނގޭ. އެހެންވެ، އޭގެ ބަދަލުގައި ޖެއްސުން ކުރުމަށް ސަރުކާރަށް ހީނަރުކަން ގެނައުމުގެ ނިޔަތުގައި ކުރާ ކަމެއް މިއީ،" ނިހާން ވިދާޅުވި އެވެ.
މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލިހަށް ހުށަހެޅުމުގައި އެންމެ އިސްކޮށް ހުންނެވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން އަދި ރައީސް އަބްދުﷲ ޔާމީނަށް ބޮޑުބޭބެ ވިދާޅުވާ، ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނެވެ. މަސީހުގެ މައްސަލަ މަޖިލިހަށް ވެއްދުމުގެ ވިސްނުން ވެސް އައީ ޕީޕީއެމްގެ ރައީސް މައުމޫންގެ ފެކްޝަންގެ ތެރެއިން ކަމަށް ވެ އެވެ. މަޖިލީހުގެ ރައީސް ކަމުން މަސީހު ވަކި ކުރަން މަޖިލީހަށް ހުށަހެޅުއްވި 26 މެމްބަރުންގެ ތެރޭގައި ޕީޕީއެމްގެ ދެ މެމްބަރުން ހިމެނިވަޑައިގަންނަވަ އެވެ. އެއީ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) އާއި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދެވެ.
އެކަމަކު ލަތީފްއާ ހަވާލާދެއްވާ މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ނިހާން ވިދާޅުވީ އެއީ "މާކުރިން ސޮއިކޮށްފައިވާ އެއްޗެއް" ކަމަށާއި އެއީ ހިތްހަމަނުޖެހުމެއްގެ ތެރެއިން ހިނގި ކަމެއް ކަމަށެވެ. އަދި މިހާރު އެކަމެއް ނެތް ކަަމަށް ވެސް ލަތީފްއާ ހަވާލާ ދެއްވައި ނިހާން ވިދާޅުވި އެވެ.
މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މިދިޔަ އަހަރުގެ މާޗު މަހު ވެސް ހުށަހެޅި އެވެ. އެކަމަކު މަޖިލީހުގެ 22 މެމްބަރެއްގެ ސޮޔާއެކު ހުށަހެޅި އެ މައްސަލަ ވަނީ އަނބުރާ ގެންގޮސްފަ އެވެ. އެ މައްސަލަ އަށް މެމްބަރުންގެ މެދުގައި ބަހުސްކޮށް ވޯޓަށް އަހާފައެއް ނުވެ އެވެ.
މަޖިލީހުގެ މެމްބަރުން އެއް މަސް ދުވަހުގެ ޗުއްޓީއަކަށް
ރައީސްގެ މަގާމުން އިސްތިއުފާއެއް ނުދެން: މަސީހު
އެ އުޅެނީ ދައުލަތް ހުއްޓުވާލަން، ސަމާލުވޭ: ނިހާން
100 ފަހަރު ހުށަހެޅިއަސް ވޯޓު ފެއިލްކުރާނަން: ނިހާން
މެމްބަރުންނަށް ދައްކާނެ ބިރެއް ނެތް: ނިހާން
ހުރިހާ ވޯޓަކާ ނުބައްދަލު، ވަރުގަދަ ވޯޓެއް
މަސީހާ ދެކޮޅަށް އެންމެ ވޯޓެއް ވެސް ނުލިބޭނެ: ރިޔާޒް
މަސީހުގެ ވޯޓާ ގުޅިގެން ރައީސް ޔާމީންގެ ބައްދަލުވުމެއް
މަސީހުގެ އިތުބާރު ނެތް ކަމުުގެ ވޯޓު ކާމިޔާބުވާނެތަ؟
މަސީހާ ދެކޮޅު މަސައްކަތުގެ ތުހުމަތު މައުމޫނަށް