Roadha Mihaaru
އެމްޑީޕީގެ ވިސްނުމަކީ ޔާމީން 10 އަހަރަށް ޖަލުގައި ބޭއްވުން: ފަލާހު

އެމްޑީޕީގެ ވިސްނުމަކީ ޔާމީން 10 އަހަރަށް ޖަލުގައި ބޭއްވުން: ފަލާހު

06 އޯގަސްޓް 2024

މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބު އިދިކޮޅު އެމްޑީޕީ އަށް ކާމިޔާބު ކުރެވުނު ނަމަ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަދިވެސް ހުންނާނީ ޖަލަށް ލާފައި ކަމަށާއި އެމްޑީޕީގެ ވިސްނުމަކީ 10 އަހަރު ވަންދެން ޔާމީން ޖަލުގައި ބެހެއްޓުން ކަމަށް ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު މިރޭ ވިދާޅުވެއްޖެ އެވެ.

މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބު އިދިކޮޅު އެމްޑީޕީ އަށް ކާމިޔާބު ކުރެވުނު ނަމަ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަދިވެސް ހުންނާނީ ޖަލަށް ލާފައި ކަމަށާއި އެމްޑީޕީގެ ވިސްނުމަކީ 10 އަހަރު ވަންދެން ޔާމީން ޖަލުގައި ބެހެއްޓުން ކަމަށް ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު މިރޭ ވިދާޅުވެއްޖެ އެވެ.

ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން ފަލާހު ވިދާޅުވީ، މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒަށް އެ ވާދަވެރި އިންތިހާބު މިދިޔަ އަހަރު ކާމިޔާބުވުމާ އެކު، އެ ދުވަހުގެ ރޭ ޔާމީން ނިދިކުރެއްވީ ޖަލުގެ ބަދަލުގައި އަމިއްލަފުޅު ގެކޮޅުގައި ކަަމަށެވެ.

"މިހާރު އެ ހުރީ [ޖަލުން] މިނިވަން ވެފައި. އެހެން ނޫން ނަމަ މިއަދު ވެސް އެމްޑީޕީ އަށް ވެރިކަން ލިބުނު ނަމަ އެ މަނިކުފާނު އޮންނާނީ ޖަލުގައި. އެމްޑީޕީގެ ވިސްނުމަކީ ކުރިއަށް އޮތް 10 އަހަރު ވެސް ރައީސް ޔާމީން ޖަލުގައި ބޭއްވުން،" އިނގުރައިދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ފަލާހު ވިދާޅުވި އެވެ.

ރައީސް މުއިއްޒަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު 30 ގައި ވެރިކަން ކާމިޔާބު ކުރެއްވުމާ އެކު، އެ މަނިކުފާނުގެ ވައުދާ އެއްގޮތަށް ޖެހިގެން އައި ދުވަހު ޔާމީން ޖަލުން ގޭ ބަންދަށް ބަދަލުކުރި އެވެ. ރިޝްވަތާއި މަނީލޯންޑަރިންގެ ކުށް ސާބިތުވެގެން 11 އަހަރުގެ ޖަލު ހުކުމެއް އޭރު ތަންފީޒު ކުރައްވަމުން ގެންދެވި ޔާމީން މިދިޔަ އަހަރު އޮކްޓޫބަރު 1 ގައި ގޭ ބަންދަށް ބަދަލުކުރީ ސީދާ މުއިއްޒުގެ އެދިވަޑައިގަތުމަށް، އެ އިންތިހާބުން ނާކާމިޔާބުވި އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

ޔާމީން ޖަލުން ގެ އަށް ބަދަލުކުރުމާ ގުޅިގެން އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެސް މުއިއްޒު ޝުކުރު އަދާކުރެއްވި އެވެ. އޭރުގެ އިންތިހާބީ ރައީސްގެ ހައިސިއްޔަތުން މުއިއްޒު ވިދާޅުވީ، ޔާމީން ގެއަށް ބަދަލުކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމެވީ ގައުމުގެ މަސްލަހަތަށްޓަކައި ކަމަށާއި އެކަމަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ.

މިރޭގެ ޖަލްސާގައި ފަލާހު ވިދާޅުވީ، ޔާމީން ދިގު މުއްދަތަކަށް ޖަލަށް ލާން އެމްޑީޕީގެ ސަރުކާރުން ބޭނުންވި ސަބަބުތައް ވެސް ހުރި ކަން ފަހުން އެނގިވަޑައިގެންނެވި ކަމަށެވެ. އެ ސަބަބުތައް ފަލާހު ގުޅުވީ ޔާމީންގެ ވެރިކަމުގެ ދުވަސްވަރު ފައިސާގެ މުއާމަލާތްތައް ހިންގެވި ގޮތުގެ މިސާލު ޖައްސަވަ އެވެ.

ޔާމީންގެ ވެރިކަމުގައި 2019 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގެ ކެމްޕެއިނަށް ސައޫދީ އަރަބިއްޔާ އިން ފަސް މިލިއަން ޑޮލަރު ލިބުނު ވާހަކަ ވެސް ވިދާޅުވީ، ސީދާ "ޔާމީންގެ ދޫފުޅުން" ކަން ފަލާހުގެ ވާހަކައިގައި ފާހަގަކުރެއްވި އެވެ. އޭރުގައި ތިއްބެވި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން އެކަމަށް ހެކިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއީ ދޮގެއް ނޫން. އެހެން ނަމަވެސް ފަސް މިލިއަން ޑޮލަރު ވެސް، ދިވެހި ފައިސާ އިން ގުނާ ކަމަށް ވަންޏާ 77 މިލިއަން ރުފިޔާގެ ވާހަކަ މި ދައްކަނީ. މި ވެސް ވީ ތަނެއް އަޅުގަނޑުމެންނަކަށް ނޭނގޭ. ރައްޔިތުން ސުވާލު އުފައްދަނީ ހަގީގަތުގައި 3،400 އަކަފޫޓުގެ ބިމެއް މާލޭގައި 12 ބުރިއަށް ނެގޭނީ ގާތްގަނޑަކަށް 80 ވަރަކަށް މިލިއަން ރުފިޔާ އަށް،" ޔާމީންގެ ގެކޮޅު ހެދި ގޮތާ މެދު ސުވާލު އުފައްދަވަމުން ފަލާހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި އެއްވެސް ލޯނެއް ނެގުމެއް ނެތި އެފަދަ ބޮޑެތި އިމާރާތްތައް ވެރިކަމުގައި ހުންނަވައިގެން ހެދުމުން ރައްޔިތުން އެ ކަމާ ސުވާލު އުފައްދާނެ އެވެ.

"އެފަދަ ވެރިންނެއް ރީއްޗެއް ނޫން ފާޑުފާޑުގެ ބޮޑު ސްކްރީން އަޅުވައިގެން ޖަމީލާއި މަލީހާ ދެ މީހުން ދެ ފަޅީގައި ބައިތިއްބައިގެން މިހެން ހަދާކަށް. އެއީ ހަޑިކަމެއް،" ޔާމީން އިސްވެ ހުންނަވައިގެން މިހާރު ބާއްވާ ޖަލްސާތަކުގައި ސަރުކާރަށް ފާޑުކިޔައި އަތްޖަހަމުން ދާތީ އެ ކަމަށް އިޝާރާތް ކުރައްވައި ފަލާހު ވިދާޅުވި އެވެ.

މިއީ ދޮގެއް ނޫން. އެހެން ނަމަވެސް ފަސް މިލިއަން ޑޮލަރު ވެސް، ދިވެހި ފައިސާ އިން ގުނާ ކަމަށް ވަންޏާ 77 މިލިއަން ރުފިޔާގެ ވާހަކަ މި ދައްކަނީ. މި ވެސް ވީ ތަނެއް އަޅުގަނޑުމެންނަކަށް ނޭނގޭ. ރައްޔިތުން ސުވާލު އުފައްދަނީ ހަގީގަތުގައި 3،400 އަކަފޫޓުގެ ބިމެއް މާލޭގައި 12 ބުރިއަށް ނެގޭނީ ގާތްގަނޑަކަށް 80 ވަރަކަށް މިލިއަން ރުފިޔާ އަށް،"--- ފަލާހު

އޭނާ ވިދާޅުވީ، މި ސަރުކާރުގެ އިސްވެރިން ޔާމީނަށް ފާޑު ވިދާޅުވެއްޖެ ނަމަ އެއީ "ނުކިޔަވާ" ތިއްބެވި ބައެއް ކަމަށް ވިދާޅުވެ، ޔާމީން ޖޯކު ޖައްސަވާ ކަމަށެވެ.

"އެ މަނިކުފާނުގެ ވެރިކަމުގައި އަޅުގަނޑުމެން ތިބީ ކިޔަވައިގެން. ޑރ. މުއިއްޒުގެ ވެރިކަމުގައި ނުކިޔަވާ. މިއީ އެއްގޮތަކަށް ވެސް ނޭނގޭ މިވާ ގޮތެއް. އެ މަނިކުފާނުގެ [ޔާމީން] ވެރިކަމުގައި އަޅުގަނޑު ވެސް ރައްޔިތުންގެ މަޖިލިހަށް އިންތިހާބުވީ. އިންތިހާބު ވީތާ ނުވޭ އެއް އަހަރު [ޕީޕީއެމް] ޕީޖީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރަކަށް ލައިފި އަޅުގަނޑު. އެ މަނިކުފާނު ލީ،" ފަލާހު ވިދާޅުވި އެވެ.

"އެކަމަކު މިއަދު ޑރ. މުއިއްޒުގެ ސަރުކާރުގައި ޕީޖީ ގުރޫޕުގެ ލީޑަރަކަށް އަޅުގަނޑު ވީމާ ކަމަކު ނުދޭ."

އަނެއް މިސާލަކަށް ފަލާހު ނެންގެވީ ރައްޔިތުންގެ މަޖިލިހުގެ މިހާރުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާ މެދު ޔާމީން އަމަލު ކުރެއްވި ގޮތެވެ. ޔާމީން ޖަލަށް ލުމުން ޕީޕީއެމާއި ޕީއެންސީ ވެސް ހިންގުން އަބްދުއްރަހީމާ އޭރު ހަވާލު ކުރައްވައި އެއީ ޔާމީންގެ އަރިހުގައި އޭރު ވަރަށް ގާބިލް ބޭފުޅަކަށް ވި ކަމަށް ފަލާހު ވިދާޅުވި އެވެ.

"މިއަދު ރައްޔިތުންގެ މަޖިލިހުގެ ރައީސަކަށް ވީމާ ގާބިލެއް ނޫން. އެހެންވީމާ ހަގީގަތުގައި [ޔާމީން] ކުޑަކުދިން ކައިރީގައި ދައްކާ ކަހަލަ ވާހަކަ ނުދައްކަވާ. ރައީސް ޔާމީން ވިޔަސް ކުޑަކުދިން ކައިރީގައި ދައްކާ ކަހަލަ ވާހަކަ ދެއްކީމާ ކުޑަކުދިން ހޭ ގޮތަށް އަޅުގަނޑުމެން ކައިިރިއަށް އަންނާނީ ހިނި،" ޔާމީނަށް ޖޯކު ޖައްސަވަމުން ފަލާހު ވިދާޅުވި އެވެ.