Roadha Mihaaru
އީރާނު ރައީސް ހުވާކުރި ރަސްމިއްޔާތުގައި ނައިބު ރައީސް

އީރާނުގެ އިންތިހާބީ ރައީސް ހުވާކުރެއްވުމުގެ ޖަލްސާގައި ނައިބު ރައީސް ބައިވެރިވެވަޑައިގެންފި

31 ޖުލައި 2024

އީރާނުގެ އިންތިހާބީ ރައީސް ޑރ. މަސްއޫދު ޕެޒެޝްކިއާން މަގާމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ މަންދޫބެއްގެ ހައިސިއްޔަތުން ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު އިއްޔެ ބައިވެރިވެވަޑައިގެންފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

އީރާނުގެ އިންތިހާބީ ރައީސް ޑރ. މަސްއޫދު ޕެޒެޝްކިއާން މަގާމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ މަންދޫބެއްގެ ހައިސިއްޔަތުން ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު އިއްޔެ ބައިވެރިވެވަޑައިގެންފި އެވެ.

އީރާނުގެ ވެރިރަށް، ތެހެރާނުގެ އިސްލާމިކް ކޮންސަލްޓޭޓިވް އެސެމްބްލީގައި އޮތް އެ ރަސްމިއްޔާތަށް ފަހު، ނައިބު ރައީސް ވަނީ އީރާނުގެ އާ ރައީސާއި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި އިއްޒަތްތެރިންނާ އެކު ހަނދާނީ ފޮޓޯފުޅެއް ނަންގަވައިފަ އެެވެ.

މިއީ މި ފަހުގެ ތާރީހެއްގައި ރާއްޖޭގެ ނައިބު ރައީސަކު، އީރާނަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

އީރާނުގެ ރައީސް ކަމަށް ޑރ. މަސްއޫދު އިންތިހާބުކޮށްފައި މިވަނީ އެ ގައުމުގެ ރައީސަކަށް މީގެ ކުރިން ހުންނެވި އިބްރާހިމް ރައީސީ ދަތުރުކުރެއްވި ހެލިކޮޕްޓަރު ވެއްޓި މިދިޔަ މެއި މަހުގެ 19 ގައި ހިނގި ހާދިސާގައި އެ މަނިކުފާނު އަވަހާރަވުމުންނެވެ.

މި އިންތިހާބު މަސްއޫދު ކާމިޔާބު ކުރެއްވީ ހަ ކެންޑިޑޭޓުންނާ ވާދަކުރައްވައި، ދެ ވަނަ ބުރުންނެވެ. އެ ބުރުގައި މަސްއޫދަށް 53.7 ޕަސެންޓް ވޯޓު ލިބިވަޑައިގަތެވެ. އޭނާއާ އެންމެ ގާތުން ވާދަކުރެއްވި ސައީދު ޖަލީލީ އަށް ލިބުނީ 44.3 ޕަސެންޓް ވޯޓެވެ.

އުމުރުން 69 އަހަރުގެ މަސްއޫދަކީ ހިތުގެ ޑޮކްޓަރެކެވެ. އޭނާ ވަނީ ބައިނަލްއަގުވާމީ މުޖުތަމައުގައި އީރާން އެކަހެރި ވެފައި އޮންނަ އޮތުން ނިމުމަކަށް ގެނެސް ހުޅަނގާ އެކު ހަރުދަނާ ގުޅުމެއް ބިނާކުރަންޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

ރާއްޖެ އާއި އީރާނުގެ ގުޅުން މެއި 17، 2016 ގައި ރާއްޖެއިން އިސްވެ ކަނޑާލި އެވެ. ފޮރިން މިނިސްޓްރީން އޭރު ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، ޖޫން 2، 1975 ގައި ގާއިމްކުރި ގުޅުން ކަނޑާލީ އަރަބި ގަލްފު ސަރަޙައްދުގެ ހަމަޖެހުމާއި ސުލްހަ އަށް އީރާނުން ހުރަސް އަޅަމުން ދާތީ އެވެ.

ނަމަވެސް، ހަތް އަހަރުގެ މެދުކެނޑުމަކަށް ފަހު ރާއްޖެ އާއި އީރާނުން ވަނީ މާޗު 10، 2023 ގައި ސިޔާސީ ގުޅުން ގާއިމްކޮށްފަ އެވެ.