Roadha Mihaaru
ތިން މަސް ތެރޭގައި މާލީ ބަޔާން ހުށަހަޅާ ގޮތަށް ހަދަނީ

މެމްބަރުން ހުވާ ކުރާތާ ތިން މަސް ތެރޭގައި މާލީ ބަޔާން ހުށަހަޅަން ޖެހޭ ގޮތަށް ހަދަނީ

18 ޖުލައި 2024

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މަގާމުގެ ހުވާ ކުރާތާ ތާރީހުން ފެށިގެން ތިން މަސް ދުވަސް ތެރޭގައި ފުރަތަމަ މާލީ ބަޔާން ހުށަހަޅަން ޖެހޭ ގޮތަށް މަޖިލީހުގެ ގަވާއިދު ބަދަލުކުރަން މަޖިލީހުގެ އާންމު ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މަގާމުގެ ހުވާ ކުރާތާ ތާރީހުން ފެށިގެން ތިން މަސް ދުވަސް ތެރޭގައި ފުރަތަމަ މާލީ ބަޔާން ހުށަހަޅަން ޖެހޭ ގޮތަށް މަޖިލީހުގެ ގަވާއިދު ބަދަލުކުރަން މަޖިލީހުގެ އާންމު ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.

މިހާރު އަމަލުކުރަމުން އަންނަ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 68 ވަނަ މާއްދާގެ (ށ) ގައި ބަޔާން ކޮށްފައިވާ ގޮތުން މަޖިލީހުގެ މެންބަރުންގެ ފުރަތަމަ މާލީ ބަޔާން ހުށަހަޅަން ވާނީ އެ މެންބަރެއްގެ މެންބަރު ކަމުގެ ހުވާކުރާ ތާރީހުން ފެށިގެން އެއް އަހަރު ދުވަސް ވުމުންނެވެ.

އާންމު ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި، މެންބަރުން ހުވާ ކުރާ ދުވަހުން ފެށިގެން 90 ދުވަހުގެ ތެރޭގައި ފުރަތަމަ މާލީ ބަޔާން ހުށަހަޅަން ޖެހޭ ގޮތަށް ފާސް ކޮށްފައިވަނީ މުޅި ކޮމިޓީގެ އިއްތިފާގުންނެވެ.

މަޖިލީހުގެ ކައުންސެލް ޖެނެރަލްގެ ފަރާތުން ހުށަހެޅުއްވި މި ހުށަހެޅުއްވުމަށް ތާއީދު ކުރައްވައި، ގިނަ މެންބަރުން ވަނީ މިއީ އެންމެ ނަޒާހާތްތެރި ގޮތް ކަމަށް ވިދާޅުވެފަ އެވެ.

ނަމަވެސް އެކަމަށް ދެކޮޅު ހެއްދެވި ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ވަނީ މެންބަރުން އިންތިހާބަށް ހަރަދު ކުރެއްވި ގޮތުގެ މާލީ ބަޔާންތައް އިލެކްޝަންސް ކޮމިޝަނަށް މިހާރު ވެސް ހުށަހަޅަން ޖެހޭތީ، އެއް އަހަރު ތެރޭގައި މާލީ ބަޔާން ހުށަހެޅުމަކީ އެންމެ ރަނގަޅު ގޮތް ކަމުގައި ވިދާޅުވެފަ އެވެ.

އެހެން ނަމަވެސް، އޭނާގެ އެ ހުށަހެޅުއްވުމަށް އެއްވެސް މެންބަރަކު ތާއީދެއް ނުކުރައްވަ އެވެ. އަދި ގިނަ މެންބަރުން ވަނީ އީސީއަށް ހުށަޙަޅަނީ އިންތިހާބުގައި ލިބުނު ފައިސާއާއި އެހެނިހެން ހަރަދުތައް ކަމަށްވެފައި އޭގައި މެންބަރުންގެ މާލީ ހިސާބުތައް ނުހިމެނޭ ކަން ފާހަގަ ކުރައްވައިފަ އެވެ.

"އިތުބާރު ބޮޑުވެގެން ދާނެ ކަމަށް މަޖިލީހަށް ވަނުމަށް ފަހު ތިން މަސް ތެރޭގައި މާލީ ބަޔާން ހުށަހެޅުމަކީ،" ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް ވިދާާޅުވި އެވެ.

ކޮމިޓީން މި ގަވާއިދަށް ގެނައި އިތުރު ބަދަލުތަކުގެ ތެރޭގައި ހިމެނެނީ މާލީ ބަޔާން ހުށަނާޅާ މެންބަރުންގެ ނަން އެންމެ ފުރަތަމަ ބާއްވާ ޖަލްސާގައި އިއްވުމާއި އެ މެންބަރުންނަށް މަޖިލިސް ޖަލްސާތަކާއި ކޮމިޓީތަކުގެ އިތުރުން ރަސްމީ ދަތުރުތަކުގައި ބައިވެރިވެރިނުވެވޭ ގޮތަށް ވަނީ ބަދަލުކޮށްފަ އެވެ. މީގެ ކުރިން އަމަލު ކުރަމުން އައި ގަވާއިދުގެ ދަށުން މާލީ ބަޔާން ހުށަނާޅާ މެމްބަރުންނަށް ރަސްމީ ދަތުރުތައް ބައިވެރިވުމުގެ ފުރުސަތު އޮވެ އެވެ.