Roadha Mihaaru
ނުހެދި ހުރި ރިސޯޓުތަކާ މެދު ގޮތްތަކެއް ކަނޑައަޅައިފި

ނުހެދި ހުރި ރަށްތަކުގެ މައްސަލަ ހައްލު ކުރާނެ ގޮތްތަކެއް ކަނޑައަޅައިފި

23 ޖޫން 2024

ރިސޯޓު ހެދުމަށް ދޫކޮށްފައިވާ ރަށްތަކުގެ ތެރެއިން މަސައްކަތް ހުއްޓިފައިވާ ރަށްތަކާ މެދު އަމަލުކުރާނެ ގޮތްތަކެއް ސަރުކާރުން ކަނޑައަޅައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރިސޯޓު ހެދުމަށް ދޫކޮށްފައިވާ ރަށްތަކުގެ ތެރެއިން މަސައްކަތް ހުއްޓިފައިވާ ރަށްތަކާ މެދު އަމަލުކުރާނެ ގޮތްތަކެއް ސަރުކާރުން ކަނޑައަޅައިފި އެވެ.

ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވީ، ނުހެދި ހުރި ރަށްތަކާ މެދު ދެ ގޮތަކަށް އަމަލު ކުރަން އިކޮނޮމިކް ކައުންސިލުން ނިންމާފައިވާ ކަމަށެވެ.

އޭގެ ތެރެއިން އެއް ގޮތަކީ އެއްވެސް ވަރަކަށް ރަށުގައި މަސައްކަތެއް ނުފަށާ ހުރި ރަށްތަކުން ދައުލަތަށް ލިބެން ހުރި ފައިސާތައް ދެއްކޭނެ ގޮތްތަކެއް ބަލައި، އެ ރަށްތައް ދައުލަތަށް އަނބުރާ ހޯދުމެވެ. ދެ ވަނަ ގޮތަކީ މިނިސްޓަރު ވިދާޅުވި ގޮތުގައި، ރިސޯޓުގެ ހެދުމަށްޓަކައި ކޮންސްޓްރަކްޝަން މަސައްކަތް ފަށާފައިވާ ރަށްތައް އަވަހަށް ހުޅުވޭނެ ގޮތްތަކެއް ހޯދައި ދިނުމެވެ.

"މަސައްކަތް ނުފެށި ހެދޭނެ ގޮތެއް ނެތް ފަރާތްތަކަށް އެއްވެސް ޝަރުތަކާ ނުލާ ދައުލަތަށް ރަށް ދޫކޮށްލުން. އެ ބޭފުޅުން އެބަހުރި ބޮޑެތި ކުލިތައް ވެސް ދައްކަން. ނޫނީ ފޮރިން އިންވެސްޓަރަކު ޝައުގުވެރިކަން ފާޅުކޮށްފިއްޔާ އެރަށުގެ ހެޑް ލީޒް ބަދަލު ކުރެވޭނެ ގޮތްތަކެއް ހަމަޖެއްސުން،" ތަފުސީލް ދެއްވަމުން ފައިސަލް ވިދާޅުވި އެވެެ.

"އަޅުގަނޑުމެން އިތުރަށް ޓޫރިޒަމް ގާނޫނަށް އިސްލާހުތަކެއް ހުށަހަޅައިގެން އެބަ ގެންދަން. އެބަހުރި 30 އަހަރު ވެފައި ހުރި ރަށްތައް ވެސް ނުހެދި. ދައުލަތަށް ކުއްޔާއި ފައިންގެ ގޮތުގައި ބޮޑެތި އަދަދުތައް ދައްކަން ޖެހޭ ފަރާތްތައް އެބަހުރި،"--- ފައިސަލް

އޭނާ ވިދާޅުވީ، ނުހެދި މަސައްކަތް ހުއްޓިފައިވާ ރަށްރަށަށް އިންވެސްޓް ކޮށްފައިވާ ނަމަ އެ ރަށެއް އަގުކޮށް، ހާއްސަ އިންތިޒާމުތަކެއް ހަމަޖެއްސުމަށް ނިންމާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން އިތުރަށް ޓޫރިޒަމް ގާނޫނަށް އިސްލާހުތަކެއް ހުށަހަޅައިގެން އެބަ ގެންދަން. އެބަހުރި 30 އަހަރު ވެފައި ހުރި ރަށްތައް ވެސް ނުހެދި. ދައުލަތަށް ކުއްޔާއި ފައިންގެ ގޮތުގައި ބޮޑެތި އަދަދުތައް ދައްކަން ޖެހޭ ފަރާތްތައް އެބަހުރި،" އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، މައްސަލަ ޖެހިފައިވާ ރަށްތަކުގެ ވެރިންނާ ވަކި ވަކިން ވާހަކަ ދައްކައި، ހައްލުތައް ގެންނަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ޓޫރިޒަމް މިނިސްޓަރު ފައިސަލް.

ޓޫރިޒަމް މިނިސްޓަރު ފައިސަލް.

މަސައްކަތް ހުއްޓިފާ ހުރި ރަށްތަކުގެ ތެރޭގައި 70 ޕަސެންޓުން ފެށިގެން 10 ޕަސެންޓާ ހަމައަށް މަސައްކަތް ކޮށްފައިވާ ރަށްތައް ވެސް އެބަ ހުއްޓެވެ.އަދި ގިނަ އަދަދެއްގެ ރަށްތަކުގައި އެއްވެސް މަސައްކަތެއް ނުކޮށް ވެސް އެބަ ހުއްޓެވެ.

ފައިސަލް ވިދާޅުވި ގޮތުގައި، އެންމެ ބޮޑު ބޭނުމަކީ، ރަށްތައް އަތުލުމުގެ ބަދަލުގައި އެ ރަށްތައް އަވަހަށް ހެދޭނެ ގޮތްތަކެއް ހޯދުމެވެ.

ފިނޭންސް މިނިސްޓްރީން މިދިޔަ އަހަރު އާންމުކުރި "ފިސްކަލް ހިރާސްތަކުގެ ބަޔާން" ގައި ވާ ގޮތުން ޓޫރިޒަމްގެ ބޭނުމަށް ދޫކޮށްފައިވާ ރަށްތަކުގެ ތެރެއިން އެއްގޮތަކަށް ވެސް ކުރިއަށް ނުގޮސް ހުއްޓިފައި ހުރި ރަށްތަކުން 1.7 ބިލިއަން ޑޮލަރު (26 ބިލިއަން ރުފިޔާ) ކޮންމެ އަހަރަކު ގެއްލެ އެވެ.

ރާއްޖޭގައި މި ވަގުތު 170 ރިސޯޓެއް ހިންގަ އެވެ. ނުހެދި ހުރި ރިސޯޓުތަކާ މެދު ލުއި ގޮތްތަކެއް ހަމަޖައްސައި ދިނުމަށް ކުރީގެ ސަރުކާރުތަކުން މަސައްކަތް ކޮށްފައިވީ ނަމަވެސް، އެކަމުގައި މާ ބޮޑު ކުރިއެރުންތަކެއް ހޯދިފައެއ ނެތެވެ.