Roadha Mihaaru
އާ މެމްބަރުން ހުވާ ކުރުން މޭ 28 ގައި!

އާ މެމްބަރުން ހުވާ ކުރުން މޭ 28 ގައި!

23 އެޕްރީލް 2024

ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުކުރި 93 މެމްބަރުން ހުވާ ކުރުން އަންނަ މޭ 28 ގައި ބާއްވަން މަޖިލިހުގެ އިދާރާ އިން ނިންމައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުކުރި 93 މެމްބަރުން ހުވާ ކުރުން އަންނަ މޭ 28 ގައި ބާއްވަން މަޖިލިހުގެ އިދާރާ އިން ނިންމައިފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލިސް ރައީސް އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވީ ގާނޫނުއަސާސީގެ 81 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އެ މެމްބަރުންގެ ހުވާ ކުރުން މޭ، 28 މޭ ވާ އަންގާރަ ދުވަހު އޮންނާނެ ކަމަށެވެ.

"އެކަމާ ގުޅޭ ތައްޔާރީތައް މަޖިލިސް އިދާރާ އިން ކުރަމުން ގެންދާ ވާހަކަ ދަންނަވަން،" މިދިޔަ އާދިއްތަ ދުވަހު ބޭއްވި 20 ވަނަ މަޖިލިހުގެ އިންތިހާބުން ނާކާމިޔާބު ވެފައިވާ އަސްލަމް ވިދާޅުވި އެވެ.

މަޖިލިހުގެ ގަވައިދު ބުނާ ގޮތުން މަޖިލީހުގެ މިހާރުގެ ދައުރު ހިނގާނީ މޭ 15 ވަނަ ދުވަހުގެ ނިޔަލަށެވެ.

އަސްލަމް ވިދާޅުވީ މަޖިލީހުން އެހެން ގޮތަކަށް ކަނޑަ ނާޅާހާ ހިނދަކު މި ދައުރުގެ އެންމެ ފަހު ޖަލްސާ މޭ 13 ގައި ބާއްވާނެ ކަމަށާއި އެހާތަނަށް މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށެވެ.

އާދީއްތަ ދުވަހު ބޭއްވި މަޖިލިސް އިންތިހާބުގައި، ސަރުކާރު ހިންގާ ޕާޓީ ޕީއެންސީން ވަނީ 66 ގޮނޑި ކާމިޔާބުކޮށް، ޕީއެންސީން ތާއީދުކުރި ކެންޑިޑޭޓުންގެ އެހީޔެރިކަމާ އެކު، ސުޕަ މެޖޯރިޓީއެއް ހޯދައިފަ އެވެ. އިދިކޮޅު އެމްޑީޕީ އަށް އާ މަޖިލިހުން ކާމިޔާބު ކުރެވުނީ އެންމެ 12 ގޮނޑި އެވެ.

ވާދަވެރި އެ އިންތިހާބުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ އުފައްދާފައިވާ ޑިމޮކްރެޓްސް އާއި އަދާލަތު ޕާޓީ އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އުފައްދަން މަސައްކަތްޕުޅު ކުރައްވާ ޕީއެންއެފްގެ ކެންޑިޑޭޓުންނަށް އެންމެ ގޮނޑިއެއް ވެސް ނުލިބުނެވެ.

އިންތިހާބުގެ ނަތީޖާ:

ޕީއެންސީ 66

އެމްޑީޕީ 12

މިނިވަން 11 (މިނިވަން 11 ކެންޑިޑޭޓުންގެ ތެރެއިން ހަތަރު ކެންޑިޑޭޓަކަށް އިންތިހާބުގައި ޕީއެންސީގެ ތާއީދު ކުރި)

އެމްޑީއޭ 2

އެމްއެންޕީ 1

ޖޭޕީ 1

ޑިމޮކްރެޓްސް 0

އަދާލަތު 0