Roadha Mihaaru
ފެނުނީ ހުތޫރަތްތެރިކަމާ އެކު ރައީސް ކުރެއްވި މަސައްކަތް

ފެނުނީ ހުތޫރަތްތެރިކަމާ އެކު ރައީސް ކުރެއްވި މަސައްކަތް: ގާސިމް

22 އެޕްރީލް 2024

އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުން އެނގުނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން، ރައީސް ޑރ. މުހައްމަދު މުއިއްޒާއި މި ސަރުކާރަށް ކުރި ތުހުމަތުތައް ދިވެހިން ބަލައިނުގަންނަ ކަން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރޭ ވިދާޅުވެއްޖެ އެވެ.

އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުން އެނގުނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން، ރައީސް ޑރ. މުހައްމަދު މުއިއްޒާއި މި ސަރުކާރަށް ކުރި ތުހުމަތުތައް ދިވެހިން ބަލައިނުގަންނަ ކަން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރޭ ވިދާޅުވެއްޖެ އެވެ.

އަންނަ މަހު ހުވާކުރާ 20 ވަނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގެ ސުޕަ މެޖޯރިޓީ ސަރުކާރު ހިންގާ ޕީއެންސީ އަށް ލިބުމާ ގުޅިގެން ގާސިމް އެކްސްގައި ވިދާޅުވީ، މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބާއި މި ފަހަރުގެ މަޖިލިސް އިންތިހާބު ވެސް ރައީސް މުއިއްޒަށް ކާމިޔާބު ކުރެއްވުމުގެ ފަހަތުގައި އޮތީ "ނުހަނު ހުޠޫރަތްތެރި ހާލަތެއްގައި، ނުހަނު އިހުލާސްތެރި ކަމާ އެކު" ރައީސާއި އެ މަނިކުފާނުގެ ޓީމު ކުރި ބުރަ މަސައްކަތްތަކުގެ ނަތީޖާ ކަމެވެ.

ގާސިމް އެންމެ ބޮޑަށް ފާހަގަކުރެއްވީ ރައީސް މުއިއްޒަށް އަމާޒުކޮށް ޔާމީނާއި އެ މަނިކުފާނުގެ ސަޕޯޓަރުން ދައްކަވާ "ހުސްގޮނޑި" ގެ ވާހަކަ އެވެ.

ޔާމީނާއި އެ މަނިކުފާނަށް ތާއީދުކުރާ މީހުން ތުހުމަތުކުރާ ގޮތުގައި ރައީސް މުއިއްޒަށް ވެރިކަން ލިބުނީ ޔާމީން ޖަލަށް ލާފައި ހުރި އިރު، ޖަލްސާތަކުގައި ޔާމީނަށް ހާއްސަކޮށް ބެހެއްޓި ހުސްގޮނޑީގެ ސަބަބުންނެވެ. އެކަމަކު، އިއްޔެގެ މަޖިލިސް އިންތިހާބު ނިމުނީ ޔާމީނަށް މަޖިލިހުގެ އެންމެ ގޮނޑިއެއް ވެސް ނުލިބި އެވެ.

ޕީއެންސީގެ ރައީސްގެ މަގާމު ވެސް ފުރުއްވާ ރައީސް މުއިއްޒުގެ އިއްޔެގެ ބޮޑު ކާމިޔާބީއާ ގުޅިގެން ގާސިމް ވިދާޅުވީ، އެފަދަ ބޮޑު ކާމިޔާބީއެއް ހޯއްދެވިއިރު، މަޖިލިހުގެ ކެމްޕެއިންގެ އެއްވެސް ޖަލްސާއެއްގައި ހުސްގޮނޑިއެއް ނުވަތަ ޔާމީންގެ ފޮޓޯއެއް ވެސް ނުފެންނަ ކަމަށެވެ.

ރައީސް މުއިއްޒާއި ގާސިމް ބައްދަލުކުރައްވަނީ.

ރައީސް މުއިއްޒާއި ގާސިމް ބައްދަލުކުރައްވަނީ.

"ހަމަ މިއާ އެކު، މިދެންނެވި ހުސްގޮޑި ނިސްބަތްވާ ފަރާތުން ރައީސް ޑރ. މުއިއްޒާއި އެ މަނިކުފާނުގެ ސަރުކާރާ ގުޅޭގޮތުން، ފަތުރުއްވަމުން ގެންދެވި އިހާނެތި ވާހަކަތަކާއި މެދުކެނޑުމެއް ނެތި ކުރިމަތި ކުރައްވަމުން ގެންދެވި އަދި ގެންދަވާ ތުހުމަތު ތަކާއި ކުރައްވަމުން ގެންދަވާ މިފަދަ ހަޑިހުތުރު އަމަލުތައް ދިވެހި ރައްޔިތުން އެއްވެސް ވަރަކަށް ބަލައިނުގަންނަ ކަން މި އަދުގެ ވޯޓުގެ ނަތީޖާ އިން ދިވެހީން އެ ވަނީ ދައްކުވައި ދެއްވައިފަ އެވެ،" އިއްޔެގެ އިންތިހާބު ކާމިޔާބު ކުރެއްވި ޕީއެންސީ އަށް ތާއީދު ކުރައްވާ ކެންޑިޑޭޓުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މާމިގިލި ދާއިރާގެ މިހާރުގެ ވެސް މެމްބަރު ވިދާޅުވި އެވެ.

ގާސިމް ފާހަގަކުރެއްވި ގޮތުގައި، ޔާމީންގެ ފަރާތްޕުޅުން 20 ވަނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބަށް ނެރުއްވި އެއްވެސް ކެންޑިޑޭޓަކަށް ކާމިޔާބު ނުވުމަކީ ވެސް ފެންނަން އޮތް ހަގީގަތެކެވެ.

މި ފަހަރުގެ މަޖިލިސް އިންތިހާބުގައި މާމިގިލި ދާއިރާ އަށް އަނެއްކާވެސް ގާސިމް ނުކުންނަވަން ނިންމެވުމުން ޕީއެންސީގެ ޓިކެޓުގައި އެ ދާއިރާ އަށް ކެންޑިޑޭޓަކު ނުނެރެ އެވެ. ގާސިމް ވިދާޅުވީ، އެއީ އޭނާ އެދިވަޑައިގެން ރައީސް މުއިއްޒު ނިންމެވި ނިންމެވުމެއް ނޫން ކަމަށާއި އެކަމަކު، އޭނާ އަށް ތާއީދު ކުރެއްވީތީ ހާއްސަ ޝުކުރެއް ދަންނަވާ ކަމަށެވެ.

ގާސިމް ވިދާޅުވީ، ރާއްޖެ އަސް އުޖާލާ މުސްތަގުބަލެއް ގެނައުމަށް ރައްޔިތުންގެ އެންމެ މަތީ ތާއީދު ހުރިހާ ސިފައެއްގައި ވެސް ރައީސް މުޢިއްޒަށް ދިވެހިން އަރުވައިފި ކަމަށެވެ.

"އެހެންކަމުން، އަޅުގަނޑުގެ ހެޔޮދުއާއަކީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ވެރިކަމުގައި ﷲ ސުބުހާނަހޫ ވަތައާލާ ބަރާކާތް ލައްވައި، އެ މަނިކުފާނަށް ފުރިހަމަ ސިއްހަތަކާއި ދިގު އުމުރުފުޅެއް މިންވަރު ކުރައްވައި، ހެޔޮވިސްނުން ދެއްވަވާ، އެ މަނިކުފާނުގެ ގައުމީ ހިދުމަތުން މި ދިވެހި ވަތަން ޖަރީވެގެން ދިއުމެވެ،" ގާސިމް ވިދާޅުވި އެވެ.

އިއްޔެ ބޭއްވި ވާދަވެރި މަޖިލިސް އިންތިހާބުގައި ޕީއެންސީ އިން 71 ގޮނޑި ކާމިޔާބު ކޮށްފައިވާއިރު، އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީ އަށް ނެގުނީ އެންމެ 12 ގޮނޑި އެވެ. މިއާ އެކު، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ ސުޕަ މެޖޯރިޓީ ދަމަހައްޓާނީ ޕީއެންސީންނެވެ.