21 އެޕްރީލް 2024
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މާލޭގެ ގިނަ ގޮނޑިތައް ވެރިކަން ކުރާ ޕީޕީއެމް/ޕީއެންސީން ކާމިޔާބުކޮށްފި އެވެ.
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މާލޭގެ ގިނަ ގޮނޑިތައް ވެރިކަން ކުރާ ޕީޕީއެމް/ޕީއެންސީން ކާމިޔާބުކޮށްފި އެވެ.
މިހާތަނަށް ލިބިފައިވާ ވަގުތީ ނަތީޖާތައް ދައްކާ ގޮތުން، މާލޭގެ ޖުމްލަ 17 ގޮނޑީގެ ތެރެއިން ޕީޕީއެމް/ޕީއެންސީން ވަނީ އަށް ގޮނޑި ކާމިޔާބުކޮށްފަ އެވެ.
މި ގޮނޑިތައް ޕީއެންސީގެ ކެންޑިޑޭޓުން ކާމިޔާބުކޮށްފައި ވަނީ، ގިނަ އަހަރުތަކެއް ވަންދެން އެ ދާއިރާތައް ތަމްސީލު ކުރެއްވި މެމްބަރުން ފަހަތަށް ޖައްސައިލުމަށް ފަހު އެވެ.
މިހާރުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވަނީ މި އިންތިހާބުގައި ތިން ވަނަ އަށް ވެއްޓިފައި އެވެ. ޑިމޮކްރެޓްސްގެ ޓިކެޓުގައި ވާދަކުރައްވައި އާޒިމަށް ލިބިވަޑައިގެންފައިވަނީ އެންމެ 99 ވޯޓެވެ. އެ ގޮނޑި ޕީއެންސީގެ ކެންޑިޑޭޓު ހުސެއިން ނާސިހު ކާމިޔާބު ކުރައްވާފައިވަނީ 374 ވޯޓުންނެވެ. އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓު އިބްރާހިމް އަލީ ޖަލީލަށް ލިބިވަޑައިގެންނެވީ 241 ވޯޓެވެ.
ހެންވޭރު ދެކުނު ދާއިރާގެ ގޮނޑި ޕީއެންސީގެ ކެންޑިޑޭޓު ހުސެއިން އިމްރާން ލަތީފް ކާމިޔާބު ކުރެއްވީ އެ ދާއިރާގެ މިހާރުގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން)ގެ މައްޗަށް ކުރި ހޯއްދެވުމަށްފަހު އެވެ. އިމްރާނަށް 744 ވޯޓު ލިބިވަޑައިގެންނެވި އިރު، އަނދުން ހުސެއިނަށް ލިބިވަޑައިގެންނެވީ އެންމެ 161 ވޯޓެވެ.
ޕީއެންސީން މިދިޔަ ހުކުރު ދުވަހު ބޭއްވި އިންތިހާބުގެ ހިނގާލުމުގައި އެޕާޓީގެ ސަޕޯޓަރުން: މާލެ އިން ޕީއެންސީ އަށް ވަނީ ބޮޑު ކާމިޔާބެއް ލިބިފައި -- ފައިލް ފޮޓޯ: މިހާރު
ހެންވޭރު އުތުރު ދާއިރާގެ ގޮނޑި ވެސް ޕީއެންސީން ކާމިޔާބުކޮށްފައިވަނީ އެމްޑީޕީގެ ކެންޑިޑޭޓު އަދި އެ ދާއިރާގެ މިހާރުގެ މެމްބަރު އިބްރާހިމް މުއިއްޒު ފަހަތަށް ޖައްސައިލުމަށްފަހު އެވެ. އެ ގޮނޑި ކާމިޔާބުކުރެއްވި އަހުމަދު އައިފާން އަށް 674 ވޯޓު ލިބިވަޑައިގެންނެވި އިރު، މުއިއްޒަށް ލިބިވަޑައިގަތީ 307 ވޯޓެވެ.
މައްޗަންގޮޅި ދެކުނު ދާއިރާގެ ގޮނޑި ޕީއެންސީގެ ކެންޑިޑޭޓު މުސްތަފާ ހުސެއިން ކާމިޔާބު ކުރެއްވީ 508 ވޯޓުންނެވެ. އެ ދާއިރާއިން އެމްޑީޕީގެ ކެންޑިޑޭޓު އަބްދުﷲ ސިނާނަށް ލިބިވަޑައިގެންނެވީ 314 ވޯޓެވެ.
މާފަންނު ހުޅަނގު ދާއިރާއަށް ބަލާއިރު، އެ ދާއިރާގެ މިހާރު މެމްބަރު އަދި އެމްޑީޕީގެ ކެންޑިޑޭޓު އިބްރާހިމް ފަލާހަށް އެ ގޮނޑި ދިފާއުއެއް ނުކުރެވުނެވެ. އެ ގޮނޑި ޕީއެންސީގެ ކެންޑިޑޭޓު މުހައްމަދު މުސްތަފާ އިބްރާހިމް ކާމިޔާބުކުރެއްވީ 729 ވޯޓު ހޯއްދަވައިގެންނެވެ.
އަށާރަ ވަނަ މަޖިލީހުގައި މާފަންނު މެދު ދާއިރާ ތަމްސީލު ކުރެއްވި އަސްމާ ރަޝީދު ވަނީ އެ ގޮނޑިއަށް އަލުން އިންތިހާބުވެވަޑައިގެންފަ އެވެ. އޭނާ ވަނީ 474 ވޯޓު ހޯއްދަވައިފަ އެވެ. އެ ދާއިރާގެ މިހާރު މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)ގެ ތާއީދު ވަނީ ވަރަށް ބޮޑަށް ހަނިވެފަ އެވެ. ޑިމޮކްރެޓްސްއިން ވާދަކުރައްވައިގެން އޭނާއަށް ލިބިވަޑައިގަތީ އެންމެ 97 ވޯޓެވެ.
މާފަންނު ދެކުނު ދާއިރާގެ ގޮނޑި އަބްދުﷲ ރިފާއު (ބޮޗޭ) ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓު ހަސަން އިޔާދު ސަލީމްގެ މައްޗަށް ކުރި ހޯއްދަވައިގެންނެވެ.
ވިލިމާލެ ދާއިރާގެ ގޮނޑި ޕީއެންސީގެ ކެންޑިޑޭޓު މުހައްމަދު އިސްމާއިލް ހޯއްދެވީ 635 ވޯޓާ އެކު ބޮޑު ތަފާތަކުންނެވެ.
ހެންވޭރު ހުޅަނގު ދާއިރާއަށް ބަލާއިރު، އެ ގޮނޑި ކާމިޔާބު ކުރައްވާފައިވަނީ ޕީއެންސީގެ ކެންޑިޑޭޓު އަލީ އިބްރާހިމް އެވެ. އޭނާއަށް 268 ވޯޓު ލިބިވަޑައިގެންނެވި އިރު، އޭނާ އާ އެންމެ ގާތުން ވާދަކުރައްވާފައިވަނީ ޕީއެންއެފްގެ ކެންޑިޑޭޓު ނާއިފް ޝައުކަތެވެ. އެ ދާއިރާއަށް އެމްޑީޕީން ވާދަކުރެއްވި އަހުމަދު ސަލީމް (މާޒް ސަލީމް)އަށް ލިބިވަޑައިގެންނެވީ 127 ވޯޓެވެ.
ހުޅުމާލެ މެދު ދާއިރާ ޕީއެންސީގެ ކެންޑިޑޭޓު އަބްދުﷲ ޝަޒީމް ކާމިޔާބު ކުރެއްވީ ވަރަށް ބޮޑު ތަފާތަކުންނެވެ. އޭނާއަށް 996 ވޯޓު ލިބިވަޑައިގެންނެވި އިރު، އެމްޑީޕީން ވާދަކުރެއްވި ސަފާތު އަހުމަދު ޒާހިރަށް ލިބިވަޑައިގެންނެވީ އެންމެ 279 ވޯޓެވެ.
ހުޅުމާލެ އުތުރު ދާއިރާ ޕީއެންސީގެ ކެންޑިޑޭޓު ހުސެއިން ޝަރީފް ކާމިޔާބު ކުރެއްވީ އެމްޑީޕީން އެ ދާއިރާއަށް ވާދަކުރެއްވި އާރުޑީސީގެ ކުރީގެ އެމްޑީ މޫސާ އަލީ މަނިކު (މޫކޭ)ގެ މައްޗަށް ކުރި ހޯއްދެވުމަށްފަހު އެވެ.
މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި)އަށް ވަނީ އެ ދާއިރާ ގެއްލިފައި އެވެ. އޭނާގެ މައްޗަށް ކުރި ހޯއްދަވައި އެ ގޮނޑި ކާމިޔާބު ކުރައްވާފައިވަނީ ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއެންޕީގެ ކެންޑިޑޭޓު އަދި ދަނގެތި ދާއިރާގެ މިހާރުގެ މެމްބަރު މުހައްމަދު ނާޒިމް (ކާނަލް) އެވެ.
މިހިނގާ 19 ވަނަ މަޖިލީހުގައި މާލޭގެ ހުރިހާ ގޮނޑިތަކެއް ހެން އެމްޑީޕީން ކާމިޔާބުކޮށްފައިވާއިރު، މި އިންތިހާބުގައި މާލޭން އެމްޑީޕީއަށް ލިބިފައިވަނީ އެންމެ ތިން ގޮނޑި އެވެ.
ގަލޮޅު އުތުރު ދާއިރާ ފާއިތުވި ހަތަރު ދައުރު ތަމްސީލު ކުރެއްވީ އީވާ އަބްދުﷲ ޑިމޮކްރެޓްސްގެ ޓިކެޓުގައި ވާދަކުރައްވައި، ވަނީ ނާކާމިޔާބުވެފައި އެވެ. އެ ގޮނޑި އެމްޑީޕީގެ ކެންޑިޑޭޓު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ.
އެމްޑީޕީގެ ކެންޑިޑޭޓުންގެ ތެރެއިން، ގަލޮޅު ދެކުނު ދާއިރާގެ ގޮނޑި ވަނީ އެ ޕާޓީގެ ކެންޑިޑޭޓު މީކާއީލް އަހުމަދު ނަސީމް ދިފާއުކުރައްވައިފަ އެވެ.
ހުޅުމާލެ ދެކުނު ދާއިރާގެ ގޮނޑި އެމްޑީޕީގެ ކެންޑިޑޭޓު ޑރ. އަހުމަދު ޝަމްހީދު ކާމިޔާބުކުރެއްވީ 1،000 އަށް ވުރެ ގިނަ ވޯޓު ހޯއްދަވައިގެންނެވެ.
ޕީއެންސީން މަޖިލީހުގެ ސުޕަ މެޖޯރިޓީ ހޯދައިފި
ހިތްހަމަނުޖެހުނަސް އެމްޑީޕީއަށް ތާއީދު ނުކުރަން އެދިއްޖެ
ސަފީރަކު އެދޭގޮތަށް ހިންގަން ފުރުސަތުނުދީ: ރައީސް
"އަނިޔާވެރިއެއް ނުވާނަން، އެކަމަކު އިންސާފުވެރިވާނަން"
މެޖޯރިޓީ ހޯދަން އެދޭތީ ރައީސްގެ ސުވާލެއް އެމްޑީޕީއަށް!
އިންތިހާބުގެ ތާރީހު ބަދަލުކުރަން ތާއީދުކުރަން: ޕީޕީއެމް
މައިނޯރިޓީ އަށް ދޭން ޖެހޭ ޖާގަ ދޭނަން: ޕީއެންސީ
ދެން ފެންނާނީ އަމަލުން ކަން ކަން ކުރާ ތަން: ރައީސް
ޔާމީންގެ ފޮޓޯ އާއި ހުސްގޮނޑި ނުލައި ބޮޑު ކާމިޔާބީއެއް
އަދުރޭގެ ހިސާބަކީ ސަމާސާއެއް ނޫން، ސިޔާސީ ހަގީގަތް