Roadha Mihaaru
އެސްއޯ ފުލުހުން ނުކުތީ ރައީސްގެ ސިޔާސަތާ ހިލާފަށް!

އެސްއޯ ފުލުހުން ނުކުތީ އަޅުގަނޑުގެ ސިޔާސަތާ ހިލާފަށް، ފިޔަވަޅު އަޅާނަން: ރައީސް

10 އެޕްރީލް 2024

ޕީއެންއެފް އުފެއްދުމަަށް ރޭ ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގެ ހޯލްގައި ބާއްވަން އުޅުނު ޖަލްސާއާ ދިމާކޮށް ހިނގި ކަންކަން ކޮންޓްރޯލް ކުރަން އެސްއޯ ފުލުހުން ނުކުމެފައި ވަނީ ސީދާ އެ މަނިކުފާނުގެ އިރުޝާދާ ހިލާފަށް ކަމަށާއި އެކަން ހިނގި ބައްލަވައި ފިޔަވަޅު އަޅުއްވާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެންމެ ދެއްވައިފި އެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

ޕީއެންއެފް އުފެއްދުމަަށް ރޭ ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގެ ހޯލްގައި ބާއްވަން އުޅުނު ޖަލްސާއާ ދިމާކޮށް ހިނގި ކަންކަން ކޮންޓްރޯލް ކުރަން އެސްއޯ ފުލުހުން ނުކުމެފައި ވަނީ ސީދާ އެ މަނިކުފާނުގެ އިރުޝާދާ ހިލާފަށް ކަމަށާއި އެކަން ހިނގި ބައްލަވައި ފިޔަވަޅު އަޅުއްވާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެންމެ ދެއްވައިފި އެވެ.

އެ ހަމަނުޖެހުން ހިނގީ ޕީއެންއެފް އުފެއްދުމުގެ ޖަލްސާ ޣިޔާސުއްދީން ސްކޫލްގެ ހޯލްގައި ބޭއްވުމުގެ ހުއްދަ އެ ސްކޫލުން ކުރިން ދީފައި އޮތަސް ލޮޖިސްޓިކް ސަބަބުތަކާ ހެދި އިއްޔެގެ މެންދުރުފަހު އެ އެއްބަސްވުން ބާތިލް ކޮށްފައި ވަނިކޮށް، އެ ޖަލްސާ ހަމަ އެ ހޯލުގައި ރޭ ބާއްވަން އެ ޕާޓީން މަސައްކަތް ކުރުމުންނެވެ.

އެހެންވެ، ފުލުހުން އެކަން ހުއްޓުވުމަށް ބާރުގެ ބޭނުންކުރުމުގެ ތެރޭގައި ޕީއެންއެފްގެ ސަޕޯޓަރުންނާއި ފުލުހުންނާ ދެމެދު ހަމަނުޖެހުން ހިނގައި ދެ ފަރާތުން ވެސް ބައެއް މީހުންނަށް އަނިޔާވި އެވެ

އެ ހަމަނުޖެހުމާ ގުޅިގެން، ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވައި މިއަދު ބައެއް މީޑިއާތަކަށް ރައީސް ވިދާޅުވީ، އެސްއޯ ފުލުހުން އެފަދަ ތަންތަނަށް ނުނެރެން ވަރަށް ސާފުކޮށް ކުރިން އަންގަވާފައިވާނެ ކަމަށެވެ. ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު އަށް އެ ވާހަކަ ކުރިން ދަންނަވައި އަދި ފުލުހުންނާ އެކު ވަރަށް ފަހުން ބޭއްވެވި ބައްދަލުވުމެއްގައި ވެސް އެ އިންސްޓްރަކްޝަން ދެއްވި ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

އަޅުގަނޑު މިއަދު އިންވެސްޓިގޭޝަން ރިޕޯޓް ހޯދާފައި އެކަން ކުރި ބަޔަކަށް އަޅަންޖެހޭ ފިޔަވަޅު އަޅާނަން. ފުލުހުންގެ މުއައްސަސާ އަށް ރައްޔިތުންގެ އިތުބާރު އަނބުރާ ގެންނަން ބޭނުން. އަޅުގަނޑުގެ ސަރުކާރުގެ އިތުބާރު އޮންނަން ބޭނުން."--- ރައީސް

"[އެސްއޯ ފުލުހުން] ފޮނުވަން ޖެހިއްޖިއްޔާ އަޅުގަނޑަށް އެނގޭނެ. މި ގައުމު އެ ހިސާބަށް ދިޔައީމާ އަޅުގަނޑު ދަންނަވާނަމޭ ފޮނުވަން ޖެހިއްޖިއްޔާ. ބައެއްގެ މުދަލަށް ގެއްލުންދީ، ތަނެއްގައި ރޯކޮށް، މީހުންނަށް ޖިސްމާނީ އަނިޔާކޮށް ނޫނިއްޔާ މުގައްދަސް ތަނަކަށް، މިސްކިތަކަށް ގެއްލުން ދިނުން. އެ ހިސާބަށް ނުވެސް ދާނެ އިރާދަކުރެއްވިއްޔާ،" ރަސްމީ ގެކޮޅު މުލީއާގޭގައި ހުންނަވައިގެން ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ރޭގައި އެ މަނިކުފާނު އުޅުއްވީ މަޖިލިސް އިންތިހާބުގެ ކެމްޕެއިން ދެ ހަރަކާތެއްގައި ކަމަށާއި ހަމަނުޖެހުން ހިނގައިގެން އުޅޭކަން އެނގިވަޑައިގަތީ ނޫހުން ކަމަށެވެ. އެހެންވެ، ވަގުތުން ހޯމް މިނިސްޓަރާއި ޕޮލިސް ކޮމިޝަނަރު ޝުޖާއު އަށް ގުޅުއްވައި ކަން ހިނގި ގޮތް ބައްލަވަން އެންގެވި ކަމަށް ރައީސް ވިދާޅުވި އެވެ.

ޕޮލިސް ކޮމިޝަނަރުގެ މަގާމުގެ ލިޔުން އަލީ ޝުޖާއުއާ ހަވާލުކުރުމަށް މިދިޔަ އަހަރުގެ ޑިސެމްބަރު 25 ގައި ބޭއްވި ރަސްމިއްޔާތުގައި އޭނާއާ ރައީސް ޑރ. މުއިއްޒު ސަލާމް ކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް

ޕޮލިސް ކޮމިޝަނަރުގެ މަގާމުގެ ލިޔުން އަލީ ޝުޖާއުއާ ހަވާލުކުރުމަށް މިދިޔަ އަހަރުގެ ޑިސެމްބަރު 25 ގައި ބޭއްވި ރަސްމިއްޔާތުގައި އޭނާއާ ރައީސް ޑރ. މުއިއްޒު ސަލާމް ކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް

"އަޅުގަނޑު ބޭނުމޭ މިކަން ހިނގި ގޮތް ބަލަން. ކާކު، ކޮން ގޮތަކަށް ދިން އިންސްޓްރަކްޝަނެއްތޯ؟ ކިހިނެއް ވީ ކަމެއްތޯ؟ ހޯމް މިނިސްޓަރަށް ވެސް އޮންނާނީ ދަންނަވާފައި. މިރޭ އިރުއޮއްސެންވާއިރަށް އަޅުގަނޑަށް ލިބެން ޖެހޭނެއޭ އިންވެސްޓިގޭޝަން ހަދާފައި ރިޕޯޓެއް،" ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑު މިއަދު އިންވެސްޓިގޭޝަން ރިޕޯޓް ހޯދާފައި އެކަން ކުރި ބަޔަކަށް އަޅަންޖެހޭ ފިޔަވަޅު އަޅާނަން. ފުލުހުންގެ މުއައްސަސާ އަށް ރައްޔިތުންގެ އިތުބާރު އަނބުރާ ގެންނަން ބޭނުން. އަޅުގަނޑުގެ ސަރުކާރުގެ އިތުބާރު އޮންނަން ބޭނުން."

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި އެސްއޯ ފުލުހުން ނެރުނު މައްސަލަ އެ މަނިކުފާނު ޓޮލެރޭޓެއް ނުކުރައްވާނެ އެވެ.

އެސްއޯ ފުލުހުންމަގުމަތީގައި ހަރަކާތްތެރިވަނީ: ވަރަށް ބޮޑު ހަމަނުޖެހުމެއް ނުހިނގަނީސް އެސްއޯ ފުލުހުން ނެރުމަކީ ސީދާ އެ މަނިކުފާނު ދެކޮޅު ކަމެއް ކަމަށް ރައީސް މިއަދު ވިދާޅުވި.

އެސްއޯ ފުލުހުންމަގުމަތީގައި ހަރަކާތްތެރިވަނީ: ވަރަށް ބޮޑު ހަމަނުޖެހުމެއް ނުހިނގަނީސް އެސްއޯ ފުލުހުން ނެރުމަކީ ސީދާ އެ މަނިކުފާނު ދެކޮޅު ކަމެއް ކަމަށް ރައީސް މިއަދު ވިދާޅުވި.

"އެއީ އަޅުގަނޑު ރައްޔިތުންނަށް ވީ ވައުދު. އަޅުގަނޑު ބޭނުމެއް ނޫން މިތާނގައި ކުރީގައި ވީ ކަންތައް ތަކުރާރުވާކަށް،" އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ފުލުުހުންނަކީ ރައްޔިތުންނަށް އަނިޔާކުރާ ބައެއްގެ ގޮތުގައި ޒަމާނުއްސުރެ ލޭބަލް ވެފައި އޮތް އޮތުން ނިމުމަކަށް ގެންނަން ބޭނުންފުޅުވާ ވާހަކަ ފުލުހުންނާ އެކު ދާދި ފަހުން ބޭއްވި ބައްދަލުވުމުގައި ވެސް ސާފުކޮށް ދެންނެވި ކަމަށެވެ.

"އަޅުގަނޑު ރޭގައި ވެސް [ކެމްޕެއިން ބައްދަލުވުމުގައި] މި ދެއްކީ މި ވާހަކަ. ދައްކައި ނިމުނުއިރު މި އޮތީ އެކަން އެހެން ގޮތަކަށް ހިނގާފައި. ވަރަށް ހިތާމަކުރާ ކަމެއް، އަޅުގަނޑުގެ ވަރަށް ސާފު އިންސްޓްރަކްޝަން އޮތް ކަމެއްގައި އެހެން ދިޔައީމާ،" އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ، އެ މަނިކުފާނުގެ ސިޔާސަތާ ހިލާފަށް އެސްއޯ ފުލުހުން ނުކުތުމުން ވަރަށް ބޮޑު ކަންބޮޑުވުމެއް އެބައޮތް ކަމަށާއި ރޭ އަވަހާރަފުޅު ވެސް ނުލައްޕަވާ ކަމަށެވެ.

"އަޅުގަނޑަށް މި ރިޕޯޓް ލިބި، މި ކަމުގެ އަޑިއަށް ދެވި، މިކަން ހައްލު ވަންދެން އަޅުގަނޑަކަށް ހިއެއް ނުވޭ އަޅުގަނޑަށް ނިންޖެއް ލިބޭނެހެންނެއް،" އެ މަނިކުފާނު ވިދާޅުވި އެވެ.

ބްރިޖް ޕްލެޓްފޯމަށް އާދައިގެ ފުލުހަކު ދިއުން ވެސް ރޭ މަނާކުރެއްވި!

ޣިޔާސުއްދީން ސްކޫލްގެ ހޯލަށް ނުވަދެވުމުން ޕީއެންއެފް އުފެއްދުމުގެ ޖަލްސާ ފަހުން ބޭއްވީ ސިނަމާލެ ބްރިޖު ޕްލެޓްފޯމުގަ އެވެ.

ރައީސް ވިދާޅުވީ، އެ ޖަލްސާ އެ ވަގުތު ކުރިއަށް ގެންދަނިކޮށް އާދައިގެ ފުލުހަކު ވެސް އެ ތަނަށް ނުދާން ވަގުތުން އެންގެވި ކަމަށެވެ. އެ ސަރަހައްދުން ވެސް ފުލުހަކު ފެނިގެން ނުވާނެ ކަމަށް އެންގެވި ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"އެ ވަރަށް ހިތްހަމަނުޖެހިގެން ރޭގައި އަޅުގަނޑު އެ ވާހަކަ ދެއްކިން. ވާހަކަ ދެއްކީމާ އެއްވެސް އާދައިގެ ފުލުހަކު ވެސް ނުހުންނާނެ. އެހެންވީމާ ވަަރަށް ބޮޑަށް އެލޯ ކޮށްގެން [ޕީއެންއެފް ޖަލްސާ] ބޭއްވުނީ،" ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ، ރޭގައި ހުރިހާ ކަމެއް ގޯސްވީ އެސްއޯ ފުލުހުން ޣިޔާސުއްދީން ސްކޫލް ކައިރިއަށް ދިއުން ކަމަށެވެ.