Roadha Mihaaru
ގެސްޓްހައުސްތަކަށް ޑިމާންޑު މަތިވެ ކުރިއެރުން މަޑުޖެހެނީ

ރިސޯޓްތަކަށް އޮތް ޑިމާންޑް ގެސްޓް ހައުސްތަކަށް އެނބުރޭތީ ޓޫރިޒަމްގެ ދުވެލި މަޑުޖެހެނީ

03 އެޕްރީލް 2024

ރާއްޖޭގައި ޓޫރިޒަމަށް އޮންނަ ޑިމާންޑު ރިސޯޓުތަކުން ގެސްޓްހައުސްތަކަށް އެނބުރިފައިވާތީ، މި އަހަރު އުފެއްދުންތެރިކަން ކުރިއަރާނެ ކަމަށް ކުރި އަންދާޒާ ވޯލްޑް ބޭންކުން ދަށްކޮށްފި އެވެ.

ރާއްޖޭގައި ޓޫރިޒަމަށް އޮންނަ ޑިމާންޑު ރިސޯޓުތަކުން ގެސްޓްހައުސްތަކަށް އެނބުރިފައިވާތީ، މި އަހަރު އުފެއްދުންތެރިކަން ކުރިއަރާނެ ކަމަށް ކުރި އަންދާޒާ ވޯލްޑް ބޭންކުން ދަށްކޮށްފި އެވެ.

ވޯލްޑް ބޭންކުގެ އެންމެ ފަހުގެ ސައުތު އޭޝިއާ ޑިވެލޮޕްމަންޓް އަޕްޑޭޓް ރިޕޯޓުގައި ބުނެފައިވާ ގޮތުގައި މި އަހަރު ރާއްޖޭގެ އުފެއްދުންތެރިކަން ކުރިއަރާނެ ކަމަށް ލަފާކުރަނީ 4.7 ޕަސަންޓުގަ އެވެ.

ނަމަވެސް، މިއީ ކުރީގެ އަންދާޒާތަކަށް ވުރެ 0.5 ޕަސަންޓު ދަށް އަދަދެއް ކަމަށް ރިޕޯޓުގައި ބުންޏެވެ.

އެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އުފެއްދުންތެރިކަމުގެ ކުރިއެރުން ލަފާކުރި ވަރަށް ވުރެ މަޑުޖެހޭނެ ކަމަށް ބެލެވެނީ، ޓޫރިޒަމް ސިނާއަތް ބަދަލުވަމުން އަންނަ ގޮތުގެ ސަބަބުންނެވެ.

އެއީ ހައި-އެންޑް ރިސޯޓުތަކުގެ ބަދަލުގައި، އަގުހެޔޮކޮށް ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކުރަން ޓޫރިސްޓުން ހިޔާރުކުރަމުންދާތީ ކަމަށް ވޯލްޑް ބޭންކުން ބުންޏެވެ.

އެކަމަކު، ވެލާނާ އެއާޕޯޓު ތަރައްގީކުރުމުގެ މަސައްކަތް މި އަހަރު ނިމިއްޖެ ނަމަ، އަންނަ އަހަރު އުފެއްދުންތެރިކަން 5.2 ޕަސަންޓުން ކުރި އަރާނެ ކަމަށް ރިޕޯޓުގައިވެ އެވެ.

އެ މަޝްރޫއު ނިމި ޓޫރިސްޓުން އަންނަ މިންވަރު އިތުރުވާނެ ކަމަށް ބެލެވުނަސް، ވޯލްޑް ބޭންކުން ބުނީ ކަރަންޓް އެކައުންޓުގެ ޑެފިސިޓް އުފެއްދުންތެރިކަމުގެ 20 ޕަސަންޓަށް އަރާނެ ކަމަށާއި ފިސްކަލް ޑެފިސިޓް އަންނަ އަހަރު ދެ ނަންބަރުގެ އަދަދެއްގައި ހުންނާނެ ކަމަށެވެ.

މީގެއިތުރުން، ދައުލަތުގެ ދަރަނި އުފެއްދުންތެރިކަމަށް ވުރެ އިތުރުވާނެއިރު، ދެމެހެއްޓެނިވި ގޮތެއްގައި ދަރަނި ދެއްކުމުގެ ގާބިލުކަމަށް ހުރި ގޮންޖެހުންތަކާ މެދު އޮތް ކަންބޮޑުވުން ވޯލްޑް ބޭންކުން އެ ރިޕޯޓުގައި ވަނީ ތަކުރާރުކޮށްފަ އެވެ.