Roadha Mihaaru
މަޝްއަރު ގްރޫޕްގެ ޗެކް ބައުންސްވުމުން ޓިކެޓް ކެންސަލް

ފައިސާގެ މައްސަލައިގައި މަޝްއަރު ގްރޫޕްގެ ބައެއް އުމްރާވެރިންގެ ޓިކެޓް ކެންސަލްކޮށްފި

02 އެޕްރީލް 2024

މަޝްއަރު ގްރޫޕުގެ ހަވާލުގައި އުމްރާއަށް ދިޔަ ބައެއް މީހުންގެ ޓިކެޓަށް އެ ކުންފުނިން ފައިސާ ނުދައްކާ އޮތުމުން، އެ މީހުން އެނބުރި ރާއްޖެ އައުމުގެ ޓިކެޓް އިއްޔެ ކެންސަލްކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މަޝްއަރު ގްރޫޕުގެ ހަވާލުގައި އުމްރާއަށް ދިޔަ ބައެއް މީހުންގެ ޓިކެޓަށް އެ ކުންފުނިން ފައިސާ ނުދައްކާ އޮތުމުން، އެ މީހުން އެނބުރި ރާއްޖެ އައުމުގެ ޓިކެޓް އިއްޔެ ކެންސަލްކޮށްފި އެވެ.

އެ ގްރޫޕުގެ ހަވާލުގައި އުމްރާއަށް ދިޔަ 53 މީހުންގެ ތެރެއިން، އޭސް ޓްރެވެލްސް އަދި އޭސް އޭވިއޭޝަން އިން ނެގި 50 ޓިކެޓަށް ވާ ފައިސާއަށް ދިން ޗެކް އޮތީ ބައުންސްވެފަ އެވެ.

އޭސް ޓްރެވަލްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު ވިދާޅުވީ އެ ޗެކުތައް ލިބުނީ އޮފީސްތައް ބަންދުކުރަން ކުޑަތަންވެފައި ވަނިކޮށް، މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ. އެހެންވެ، މިދިޔަ އާދިއްތަ ދުވަހު ބޭންކަށް ޗެކުތައް ޖަމާކުރި ކަމަށާއި އެ ބައުންސްވިކަން އެނގުނީ ޖެހިގެން އައި ހޯމަ ދުވަހު ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ޓިކެޓުތައް ނަގާފައިވަނީ ސްރީލަންކަން އަދި ގަތަރު އެއާވޭސް އިންނެވެ.

ފިރާގު ވިދާޅުވީ ޗެކް ބައުންސްވިކަން އެނގުނަސް އެ މީހުން ފުރުމުގެ ފުރުސަތު ދިނީ، ކަމާ ނުގުޅޭ ބަޔަކަށް ގެއްލުން ލިބޭނެތީ ކަމަށެވެ. އަދި ވާހަކަ ދައްކައިގެން އެ މައްސަލައަށް ހައްލެއް ލިބޭނެ ކަމަށް އުއްމީދުކުރި ކަމަށް އޭނާ ވިދާޅުވި އެވެ.

"އިތުރު ކުންފުނިތަކުން ވެސް ޓިކެޓު ނަގާފައި ހުރިކަމަށް މައުލޫމާތު ލިބެނީ. އަޅުގަނޑުމެން މި ނެގީ 50 ޓިކެޓު. އެކަމަކު އެ ޓިކެޓުތަކަށް ދިން ޗެކު ބައުންސްވެ، އެ ފައިސާ ދައްކަން ދިން މުއްދަތުގައި އެކަން ނުވީމަ އިއްޔެ ރިޓާން ޓިކެޓުތައް ކެންސަލްކޮށްފިން،" ފިރާގު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަޝްއަރު ގްރޫޕުން އުމްރާއަށް ދިޔަ މީހުން އަނބުރާ އަންނަން ޓިކެޓު ނެގީ މި މަހުގެ 16 ވަނަ ދުވަހަށް ކަމަށެވެ. މި މުއްދަތުގެ ތެރޭގައި ވެސް ފައިސާގެ މައްސަލަ ހައްލުކޮށް ޓިކެޓު ނެގުމުގެ ފުރުސަތު އޮންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

މިދިޔަ އަހަރުގެ ރޯދަމަހު ބައެއް އުމްރާވެރިންގެ ޓިކެޓަށް ފައިސާ ނުދައްކައި ލަސްކޮށް، އެންމެ ފަހުން ޗެކް ބައުންސްވި މައްސަލާގައި އިސްލާމިކް މިނިސްޓްރީން ވަނީ އެ ގުރޫޕުގެ ހުއްދަ ބާތިލް ކޮށްފަ އެވެ. ނަމަވެސް މިނިސްޓްރީގެ ހުއްދަ ނެތި މަޝްއަރު ގްރޫޕުން ވަނީ މި އަހަރު ވެސް އުމްރާ އަށް މީހުން ގެންގޮސްފަ އެވެ.