Roadha Mihaaru
ފުލުހުންގެ މުސާރަ 35 ޕަސެންޓް ބޮޑުކޮށްފި

މި މަހުން ފެށިގެން ފުލުހުންގެ މުސާރަ 35 ޕަސެންޓް ބޮޑުކޮށްފި

19 މާޗް 2024

މި މަހުން ފެށިގެން ހުރިހާ ފުލުހުންގެ މުސާރަ 35 ޕަސެންޓް ބޮޑުވާނެ ކަމަށް، ފުލުހުންގެ ތަރުޖަމާނު ޗީފް ސުޕްރިޓެންޑެންޓު އޮފް ޕޮލިސް އަހުމަދު ޝިފާން މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މި މަހުން ފެށިގެން ހުރިހާ ފުލުހުންގެ މުސާރަ 35 ޕަސެންޓް ބޮޑުވާނެ ކަމަށް، ފުލުހުންގެ ތަރުޖަމާނު ޗީފް ސުޕްރިޓެންޑެންޓު އޮފް ޕޮލިސް އަހުމަދު ޝިފާން މިއަދު ވިދާޅުވެއްޖެ އެވެ.

ފުލުހުންގެ މުސާރައަށް ގެންނަ ބަދަލުތަކުގެ ތަފްސީލު ދެއްވަމުން ޝިފާން "މިހާރު" އަށް ވިދާޅުވީ ޕޭ ސްޓްރަކްޗާއަށް ގެނައި ބަދަލުގެ ވިސްނުމަކީ ފުލުހުންގެ އަސާސީ މުސާރަ އަދި ކުރާ މަސައްކަތުގެ ގޮތުން ކޮންމެ ފުލުހަކަށް ވެސް ހާއްސަ އިނާޔަތެއް ލިބޭނެ ގޮތް ހެދުން ކަމަށެވެ.

މީގެ ކުރިން ތަފާތު އެކި ނަން ނަމުގައި އެލަވަންސް ދިން ނަމަވެސް، މި މަހުން ފެށިގެން މުސާރައަށް ބަދަލުތައް ގެންނައިރު ދޭނީ މައިގަނޑު ހަތަރު އެލަވަންސެއް ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ، މުސާރައިގެ އިތުރުން މަގާމުގެ އެލަވަންސް، އަދާކުރާ ވަޒީފާގެ އެލަވަންސް އަދި ރިސްކް އެލަވަންސެވެ.

"ވަރަށް ބޮޑަށް ފޯކަސްކޮށްފައި ހުންނާނީ ފުލުހުން ރައްޔިތުންނަށްޓަކައި މަގުމަތީގައި އެހެން ނޫނީ ފީލްޑްގައި މި ދޭ ހިދުމަތްތައް އިތުރަށް ރަނގަޅުކުރުމަށްޓަކައި، ބުރަކޮށް، މަގުމަތީގައި ސީދާ ރައްޔިތުންނާ ގާތުން ހިދުމަތްކުރާ ހުރިިހާ ފަރާތެއްގެ މުސާރައަށް ބޮޑު ބަދަލެއް އަންނަ ގޮތަށް ޕޭ ސްޓްރަކްޗާ ރިވައިޒްކޮށްފައި އެ ހުރީ،" ޝިފާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފުލުހުންނަށް ޒަމާނުއްސުރެ ދެމުން އައި ކުދި ކުދި އެލަވަންސަކީ، މުސާރައިގެ ސްޓްރަކްޗާއަށް މިހާރު އާއްމުކޮށް ގެންނަ ބަދަލެއް ނޫން ކަމަށެވެ. އެހެންވެ، އެކި ނަން ނަމުގައި އެލަވަންސް ނުދީ މިހާރު ހިމަނާފައި ވާނީ ބޮޑެތި އެލަވަންސްތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ. މަގާމުގެ ގޮތުން ދޭ އެލަވަންސަކީ ވެސް ޝިފާން ވިދާޅުވި ގޮތުގައި، ގާތްގަނޑަކަށް މުސާރައާ އެއްވަރުގެ އެލަވަންސެކެވެ.

ފުލުހުންނަކީ ދޭތެރެ ދޭތެރެއިން ޑިޕާޓްމަންޓު ބަދަލުވާ ބަޔަކަށް ވާތީ، އެ އިރެއްގެ ކުރާ މަސައްކަތުން މުސާރަ އަށް ވެސް ބަދަލު އަންނާނެ އެވެ.

ފުލުހުންގެ ތެރެއިން މިހާރު އެންމެ މަދުން މުސާރަ ލިބެނީ ކޮންސްޓަބަލުންނެވެ. އެ ރޭންކުގެ ފުލުހަކަށް މިހާރު 11،810ރ. އެވެ. އެކަމަކު، އަލަށް ގެންނަ ބަދަލުން މަދުވެގެން މަހަކު 15،500ރ. ލިބޭނެ އެވެ.

އެލަވަންސްތަކާއެކު ކޮންމެ މަހަކު ވެސް މަދުވެގެން 17،000ރ. ލިބޭނެ ކަމަށް ޝިފާން ވިދާޅުވި އެވެ. ޕެޓްރޯލްމަނުންނަށް އިތުރު 1،000ރ. އަދި ދަންފަޅި ޑިއުޓީ އަދާކުރާނަމަ އިތުރު 750ރ. ލިބެ އެވެ.

ކޮއްތު ފައިސާއަކީ، ކެއުމުގެ އިންތިޒާމް ހަމަޖެހިފައި ނުވާ ތަންތަނާއި ކުރާ މަސައްކަތުގެ ބާވަތުން ކެއުމަށް ވަގުތު ނުލިބޭ ފުލުހުންނަށް ދޭ އެއްޗެކެވެ.

"ފުދޭ ވަރަކަށް ފޭވަރަބަލް ޗޭންޖެއް ފުލުހުންގެ ޕޭ ސްޓްރަކްޗާއަށް މި އަންނަނީ. މިއީ، 2009 ވަނަ އަހަރު ފަހުން ފުލުހުންގެ މުސާރައިގެ ބޮޑު ބަދަލު ގެންނަ ފަހަރު. ޖުމްލަކޮށް ހުރިހާ ފުލުހުންގެ މުސާރަ ވެސް މަދުވެގެން 35 ޕަސެންޓް ބޮޑުވާނެ،" އޭނާ ވިދާޅުވި އެވެ.

ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކެމްޕެއިންގެ ތެރޭގައި ވެވަޑައިގެންނެވި ވައުދެކެވެ. އެއާ އެއްގޮތަށް ސިފައިންގެ މުސާރަ ވެސް އަންނަ މަހުން ފެށިގެން ބޮޑުވާނެ އެވެ. ރަސްމީކޮށް އޭގެ ތަފްސީލުތައް ނުލިބުނަސް، އެނގިފައިވާ ގޮތުގައި، އެންލިސްޓެޑް ސިފައިންނަށް 15،000-45،000ރ. ގެ މުސާރައެއް، ވޮރެންޓު އޮފިސަރުންނަށް 29،000ރ-46،000ރ. އާ ދެމެދު އަދި އޮފިސަރުންނަށް 31،000ރ-75،000ރ. އާ ދެމެދުގެ މުސާރައެއް ލިބޭނެ އެވެ.