Roadha Mihaaru
ވެލާނާ އެއާޕޯޓުގެ މަގުތައް ހެދުން އާރުޑީސީއަށް

ވެލާނާ އެއާޕޯޓުގެ މަގުތައް ހަދަން އާރުޑީސީއާ ހަވާލުކޮށްފި

18 މާޗް 2024

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ މަގު ހެދުމާ ގުޅުން ހުރި، ހުރިހާ މަސައްކަތްތަައް މޯލްޑިވެސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ރޯޑް ޑިވެލޮޕްމަންޓް ކޯޕްރޭޝަން (އާރުޑީސީ) އާ ހަވާލުކޮށްފި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ މަގު ހެދުމާ ގުޅުން ހުރި، ހުރިހާ މަސައްކަތްތަައް މޯލްޑިވެސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ރޯޑް ޑިވެލޮޕްމަންޓް ކޯޕްރޭޝަން (އާރުޑީސީ) އާ ހަވާލުކޮށްފި އެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދެވެ. އާރުޑީސީ އިން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރެވެ.

އެ އެއްބަސްވުމުގެ ދަށުން އެއާޕޯޓުގެ މަގުތައް މަރާމާތު ކުރުމާއި ރީސާފަސް ކުރުމުގެ މަސައްކަތް އާރުޑީސީން ކުރާނެ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.

މަގުތައް ގަވާއިދުން ބެލެހެއްޓުމާ އެކު، މަގުގައި ހެދިފައި ހުންނަ ވަޅުގަނޑު ރަނގަޅު ކުރުމާއި އިމާރާތްތައް މަރާމާތު ކުރުން ފަދަ ކަންކަމުގެ އިތުރުން، މަގުތަކުގައި ލައިން މާކިން ދެމުމުގެ މަސައްކަތް ވެސް ކުރާނީ އާރުޑީސީ އިން ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.

މީގެ އިތުރުން މަގުތަކުގެ ފެން ހިންދުމުގެ ނިޒާމުތަކާއި އަދި އެކަމާ ގުޅުން ހުރި އުމްރާނީ ވަސީލަތްތައް ސާފުކުރުމާއި އެމްއޭސީއެލްގެ ބޭނުންތަކާ އެއްގޮތައް އެއާޕޯޓުގެ އާންމު ތަންތަނާއި ޕޭވްމަންޓުތަކާއި އެ ނޫން ވެސް ކަނޑައެޅިފައިވާ ތަންތަން ސާފުކުރުމާ އެކު، ކަނޑައެޅިފައިވާ ސަރަހައްދުތަކުން ކުނި ނައްތާލުމުގެ މަސައްކަތް ވެސް އާރުޑީސީން ކުރާނެ ކަމަށް ބުންޏެވެ.

ވެލާނާ އެއާޕޯޓުގެ މަގުތައް ހެދުމާއި ބެލެހެއްޓުން އާރުޑީސީ އާ ހަވާލުކުރުމަށް އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު، ދެ ކުންފުނީގެ ބައެއް އިސްވެރިން ފޮޓޯއަކަށް ހުއްޓި ވަޑައިގެން.---ފޮޓޯ: އެމްއޭސީއެލް

ވެލާނާ އެއާޕޯޓުގެ މަގުތައް ހެދުމާއި ބެލެހެއްޓުން އާރުޑީސީ އާ ހަވާލުކުރުމަށް އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު، ދެ ކުންފުނީގެ ބައެއް އިސްވެރިން ފޮޓޯއަކަށް ހުއްޓި ވަޑައިގެން.---ފޮޓޯ: އެމްއޭސީއެލް

އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްއޭސީއެލްގެ އެމްޑީ ޝަރީފް ވިދާޅުވީ މިއީ މިފަދަ މަސައްކަތެއް ކުރުމަށް ދިވެހި ކުންފުންޏަކާ އެކު އެ ކުންފުނިން ސޮއިކުރި ފުރަތަމަ ފަހަރު ކަމަށެވެ.

މަގު ހެދުމާއި މަރާމާތުގެ މަސައްކަތްތަކަށް ހާއްސަ އިންޓާނަލް ޓީމެއް އެމްއޭސީއެލްގައި އޮތަސް ކުއްލި މަސައްކަތެއް ކުރަން ޖެހިއްޖެ ހާލަތެއްގައި އެ މަސައްކަތް ކުރަން ޖެހޭނީ އެ ޓީމުން އާންމުކޮށް ކުރާ މަސައްކަތް ހުއްޓާލުމަށް ފަހު ކަމަށް ވާތީ، ދަތިތަކާ ކުރިމަތިލާން ޖެހޭކަން އޭނާ ފާހަގަކުރެއްވި އެވެ.

"އެމްއޭސީއެލްއަކީ މުނިސިޕަލްޓީއަކާއި ސިޓީއެއް އަދި އެއާޕޯޓެއް ހިންގާ ބައެއް. މި ތިން ކަންތަކުގެ ތެރެއިން ތިޔަ ބޭފުޅުންގެ އެކްސްޕާޓީޒް، މޭންޕަވާ ރިސޯސަސް ބޭނުންކޮށްގެން މަސައްކަތަށް އިތުރު ސްޕީޑެއް ލިބޭނެ ކަމަށް އުންމީދުކުރަން،" ޝަރީފް ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އާރުޑީސީގެ އެމްޑީ ޒުހައިރު ވަނީ، އާރުޑީސީގެ ގާބިލްކަން އިތުރުކުރުމަށް އެމްއޭސީއެލްގެ މެނޭޖްމަންޓުން ފަހިކޮށްދިން ފުރުސަތަށް ޝުކުރު އަދާކުރައްވައިފަ އެވެ.

"އަޅުގަނޑުމެން ގަބޫލުކުރަނީ މިފަދަ މަސައްކަތްތައް ދިވެހި ކުންފުނިތަކާ ހަވާލުކުރުމުން ބޭރު ކުންފުނިތަކާ އެއްވަރަށް ނުވަތަ އެއަށްވުރެ ރަނގަޅަށް ވެސް މަސައްކަތް ކުރެވިދާނެ ކަމަށް. އަޅުގަނޑު ގަބޫލުކުރަނީ އާރުޑީސީއަކީ ވެސް އެމްއޭސީއެލް ފަދަ ވަރުގަދަ ކުންފުންޏަކަށް ހެދޭނެ ކަމަށް، އެކަމަށް މި މަސައްކަތް ކުރަނީ،" އޭނާ ވިދާޅުވި އެވެ.