Roadha Mihaaru
ހެޔޮގޮތުގައި މުއާމަލާތު ނުކުރެވޭނަމަ ދީންވެރިކަމެއް ނެތް

ހެޔޮގޮތުގައި މުއާމަލާތު ނުކުރެވޭ ނަމަ ދީންވެރިކަމެއް ނެތް

26 ޖެނުއަރީ 2024

އިސްލާމީ ނަޒަރުން ބަލާއިރު މުސްލިމް ފަރުދެއް ވިޔަސް އަދި ޖަމާއަތެއް ވިއަސް އެއީ ހެޔޮލަފާ ދީންވެރި މީހެއްކަން ނުވަތަ ބައެއްކަން ކަނޑައެޅުމުގެ އެއް މިންގަނޑަކީ ހެޔޮ ގޮތުގައި ކުރެވޭ މުއާމަލާތެވެ. ކީރިތި ރަސޫލާ ﷺ ސިފަ ކުރައްވާ ގޮތުގައި "ދީނަކީ މުއާމަލާތު" އެވެ. އެބަހީ ހެޔޮ ގޮތުގައި ވެވޭ މުއާމަލާތު ތަކެވެ. އެހެންކަމުން މިފަދަ މުއާމަލާތު ނެތް ނަމަ އެ މީހެއްގެ ނުވަތަ އެ ބައެއްގެ ދީނެއް ނެތެވެ. ސަބަބަކީ މުއުމިނަކު ﷲ އަށް އީމާންވާކަމާއި އިސްލާމީ އެންމެހާ އަމުރުތަކަށް ރައްކާތެރިވާކަމާއި ނަހީތަކުން ދުރުހެލިވާކަން ދެނެގަންނާނެ އެންމެ ފާޅުކަން ބޮޑު މިންގަނޑަކީ ހެޔޮ ގޮތުގައި ވެވޭ މުއާމަލާތު ކަމަށް ވާތީ އެވެ.

ޑރ. ސަޢުދުﷲ ޢަލީ ޑރ. ސަޢުދުﷲ ޢަލީ

އިސްލާމީ ނަޒަރުން ބަލާއިރު މުސްލިމް ފަރުދެއް ވިޔަސް އަދި ޖަމާއަތެއް ވިއަސް އެއީ ހެޔޮލަފާ ދީންވެރި މީހެއްކަން ނުވަތަ ބައެއްކަން ކަނޑައެޅުމުގެ އެއް މިންގަނޑަކީ ހެޔޮ ގޮތުގައި ކުރެވޭ މުއާމަލާތެވެ. ކީރިތި ރަސޫލާ ﷺ ސިފަ ކުރައްވާ ގޮތުގައި "ދީނަކީ މުއާމަލާތު" އެވެ. އެބަހީ ހެޔޮ ގޮތުގައި ވެވޭ މުއާމަލާތު ތަކެވެ. އެހެންކަމުން މިފަދަ މުއާމަލާތު ނެތް ނަމަ އެ މީހެއްގެ ނުވަތަ އެ ބައެއްގެ ދީނެއް ނެތެވެ. ސަބަބަކީ މުއުމިނަކު ﷲ އަށް އީމާންވާކަމާއި އިސްލާމީ އެންމެހާ އަމުރުތަކަށް ރައްކާތެރިވާކަމާއި ނަހީތަކުން ދުރުހެލިވާކަން ދެނެގަންނާނެ އެންމެ ފާޅުކަން ބޮޑު މިންގަނޑަކީ ހެޔޮ ގޮތުގައި ވެވޭ މުއާމަލާތު ކަމަށް ވާތީ އެވެ.

އަންނަނިވި މިސާލުން މި މިންގަނޑު އިތުރަށް ހާމަވެ އެވެ. އެއްދުވަހަކު މީހަކު ޢުމަރުގެފާނު އަރިހުގައި ދެންނެވި އެވެ. މިވެނި މީހަކީ ވަރަށް ތެދުވެރި ރަނގަޅު މީހެކެވެ. އެ ހިނދު އުމަރުގެފާނު ސުވާލު ކުރެއްވި އެވެ. "ތިބާ އޭނާއާ އެކު ދަތުރެއް ކުރިން ހެއްޔެވެ؟" އޭނާ ދެންނެވި އެވެ. "ނޫނެކެވެ." އުމަރުގެފާނު ވިދާޅުވިއެވެ. "ތިބާ އާއި އޭނާއާ ދެމެދު އެއްވެސް ކަހަލަ ދެކޮޅުވެރި ކަމެއް ހިނގާފައި ވޭ ހެއްޔެވެ؟" އޭނާ ދެންނެވި އެވެ. "ނޫނެކެވެ." އުމަރުގެފާނު ވިދާޅުވި އެވެ. "ތިބާ އޭނާ އަށް އެއްވެސް އަމާނާތެއް ހަވާލު ކުރިން ހެއްޔެވެ؟" އޭނާ ދެންނެވި އެވެ. "ނޫނެކެވެ." ދެން އުމަރުގެފާނު ވިދާޅުވި އެވެ. "އެހެންވިއްޔާ ތިބާ އަށް އަދި އޭނާ ނޭނގެ އެވެ." އުމަރުގެފާނުގެ މި ވާހަކަފުޅުން އެނގެނީ މީހަކީ ހެޔޮލަފާ އަދި ދީންވެރި މީހެއް ކަމުގައި ވާނީ ތަފާތު ހާލަތްތަކުގައި އަމަލާއި ބަހުން އެ މީހަކު މުއާމަލާތު ކުރާ ގޮތަކުން ކަމެވެ.

މިބަޔާން ކުރެވުނު ކަންކަމުގެ އަލީގައި ބަލާއިރު ހެޔޮ ގޮތުގައި މުއާމަލާތު ކުރުން ކަމުގައި ބެލެވޭނީ އަމާނާތްތެރިކަމާއި ތެދުވެރިކަމާއި ސީދާކަންމަތީ ހުރުމާއި ލަދުވެތިކަން ފަދަ އިސްލާމީ ރިވެތި ސިފަތައް މީސްތަކުންގެ ކިބައިގައި ހުރެގެންނެވެ. އެހެންކަމުން ﷲގެ ހައްގުތައް އަދާ ކުރުމުގަ އާއި އަމިއްލަ ނަފްސުގެ ހައްގުތައް އަދާ ކުރުމުގަ އާއި އަދި އެހެން މީސްތަކުންގެ ހައްގުތައް އަދާ ކުރުމުގައި ވެސް އަމާނާތްތެރި ވާން ޖެހޭނެ އެވެ. ތެދުވެރިވާން ޖެހޭނެ އެވެ.

މުދަލާއި އަބުރާއި އިލްމާއި ގަނެވިއްކުމާއި މިނެކިރުމާއި ވާހަކަ ދެއްކުމާއި އަދި ކިއެއްތަ ވިސްނައި ފިކުރު ކުރުމުގައި ވިއަސް އަމާނާތްތެރިވާން ޖެހެ އެވެ. މި އަމާނާތްތެރިކަމާއި ތެދުވެރިކަން ދެމެހެއްޓުމަށްޓަކައި އެހީތެރިވެދޭ ވަރަށް މުހިންމު އެއް ސިފަ އަކީ ސީދާކަންމަތީ ހުރުމެވެ. ކޮންމެ ނަމާދެއްގައި ތަކުރާރުކޮށް ﷲގެ ހަޒްރަތުން މިކަމަށް އެދޭ ހިނދު އެއީ މާނައެއް ނެތް ބަސްތަކެއް ކަމުގައި ހަދައިގެން ނުވާނެ އެވެ. ސީދާކަންމަތީ ދެމިހުރުމަށް މަސައްކަތް ކުރަން ވާނެ އެވެ.

ހެޔޮގޮތުގައި މުއާމަލާތު ކުރުމަށް ބޭނުންވާ އަނެއް ސިފަ އަކީ ލަދުވެތިކަމެވެ. މިއީ އީމާންތެރިކަމާ ގުޅިފައިވާ ސިފައެކެވެ. މީސްތަކުންގެ ހައްގުތަކަށް އަރައިގަތުމާއި ހަވާނަފްސުގެ އެދުންތައް ފުއްދުމުގައި އެންމެ ބޮޑު ހުރަހެއް ކަމުގައިވާ އެއް ސިފައަކީ ލަދުވެތި ކަމެވެ. ކީރިތި ރަސޫލާ ﷺ ސިފަކުރައްވާ ގޮތުގައި ކޮންމެ ދީނަކަށް ވެސް އެ ދީނަކަށް ހާއްސަ ޚުލުގެއްވާ ފަދައިން އިސްލާމްދީނުގެ ހާއްސަ ޚުލުގަކީ ލަދުވެތި ކަމެވެ. (މާލިކު). އަދި އެކަލޭގެފާނު ހަދީސް ކުރައްވަނީ "ތިބާ ލަދު ނުގަންނަ ކަމުގައި ވަނީ ނަމަ ދެން ކޮންމެ ކަމެއް ވެސް ކުރާށެވެ!" އެބަހީ ލަދު ނުގަންނަ ނަމަ ހަރާމް ކުރެއްވި ކަންތައްވެސް ކުރާކަށް ފަހެއް ނުޖެހޭނެ އެވެ.

ހެޔޮގޮތުގައި ވެވޭ މުއާމަލާތު ފުރިހަމަ ވެގެންދާނީ މީސްތަކުންނަށް އެހީތެރިކަން ވެސް ފޯރުވައިގެންނެވެ. ހާލުގައި ޖެހިފައިވާ މީހުންނާއި ފަގީރުންނާއި މިސްކީނުންނާއި ގާތްތިމާގެ މީހުންނާއި އަވައްޓެރިންނާއި އެ ނޫން ވެސް މީހުންނަށް އެ މީހުންގެ ހައްގުތައް އަދާކޮށްދީގެންނެވެ. މީސްތަކުންނަށް ދީލަތި ވުމަށް ކީރިތި ރަސޫލާ ﷺ ވަރަށް ބޮޑަށް ހިތްވަރު ދެއްވާފައި ވެ އެވެ. އެކަލޭގެފާނު ހަދީސް ކުރައްވަނީ "ދީލަތި މީހަކީ ﷲ އާ ކުއްތަންވެވޭ މީހެކެވެ. ދަހި މީހަކީ ﷲ އާ ދުރުގައިވާ މީހެކެވެ. ހަމަކަށަވަރުން ދީލަތި ޖާހިލަކު ވެސް ދަހިވެތި އަޅުވެރިއަކަށް ވުރެ ﷲގެ ހަޒްރަތުގައި މާ ލޯބިވެތި ވެގެން ވެއެވެ." (ބުޚާރީއާއި މުސްލިމް).

ދީލަތި ކަމާއި އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ދަހިވެތިކަމާއި މަކަރު ހެދުމާއި ކަލަ ގޮވުން ފަދަ ކަންކަމުން ދުރުހެލިވާން ޖެހެ އެވެ. ކީރިތި ރަސޫލާ ﷺ ބަޔާން ކުރައްވާ ގޮތުގައި ދަހި މީހާ އާއި އެހީތެރިނުވާ މީހާ އާއި މަކަރުހަދާ މީހާ އާއި ކަލަގޮވާ މީހާ ސުވަރުގެއަށް ނުވަންނަ ހުއްޓެވެ. (އައްތިރުމިޛީ). އަދި އެހެން ހަދީސެއްގައި ދަހިވެތި ނުވުމަށް ވަރަށް ބޮޑަށް އަމުރު ކުރައްވައި ބަޔާން ކުރައްވަނީ ވޭތުވެދިޔަ އުންމަތުގެ މީހުން ހަލާކުވުމުގެ ސަބަބުތަކުގެ ތެރޭގައި ދަހިވެތިވުމާއި އަނިޔާވެރިވުމާއި ގުޅުންތައް ކެނޑުން ހިމެނޭ ކަމަށެވެ. (ތިރުމިޛީ އާއި ބައިހަޤީއާއި ޠަބަރާނީ). މި ހަދީސުން އެނގޭ ގޮތުގައި ދަހިވެތިވެއްޖެ ނަމަ އަނިޔާވެރިވުމާއި ގުޅުންތައް ކެނޑުމާއި އަދި އެންމެ ފަހުން މުޖުތަމައު ހަލާކުވުމާ ވެސް ކުރިމަތިލާން ޖެހިދެ އެވެ. މިއީ ހެޔޮގޮތުގައި ވެވޭ މުއާމަލާތެއް ނޫނެވެ.

މީސްތަކުންގެ ހައްގުތައް ހިމާޔަތް ކުރުމަށްޓަކައި ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމާއި ދުރުހެލިވާން ޖެހޭ އެންމެހާ ކަންކަމުން ދުރުހެލި ވުމަކީ ވެސް ހެޔޮ ގޮތުގައި މުއާމަލާތު ކުރުމަށްޓަކައި ސަމާލުވާން ޖެހޭ ކަންކަމެވެ. ދިރިއުޅުމަށްޓަކައި ކޮންމެ މީހަކު ވެސް ކުރާ މަސައްކަތެއްގައި ހިމެނޭ އެހެން މީހުންގެ ހައްގުތައް އަދާކުރުމަށްޓަކައި އެ މަސައްކަތުގައި އެއްވެސް ކަހަލަ މަކަރު ހެދުމެއް ނުވަތަ އޮޅުވާލުމެއް އޮވެގެން ނުވާނެ އެވެ. އެއީ ވިޔަފާރި ކަމަށް ވިއަސް އުފެއްދުންތެރިކަން ކަމަށް ވިއަސް ޚިދުމަތްތައް ދިނުން ކަމަށް ވިއަސް މެއެވެ. ކީރިތި ރަސޫލާ ﷺ ބަޔާން ކުރައްވާ ގޮތުގައި މަކަރު ހަދާ މީހާ އަކީ މުސްލިމުންގެ ތެރެއިންވާ މީހެއް ނޫނެވެ. ވީމާ ކާބޯތަކެއްޗާއި އެ ނޫން ވެސް އެންމެހާ ސިނާއަތްތަކުގައި އެއްވެސް ކަހަލަ އޮޅުވާލުމެއް އޮވެގެން ނުވާނެ އެވެ. މިނެކިރުމުގައި މަކަރު ހަދައިގެން ނުވާނެ އެވެ. އަގުތަކާ ކުޅެ ވަކި ބައެއްގެ ކޮންޓްރޯލުގެ ދަށަށް ގެންދެވިގެން ނުވާނެ އެވެ. މީސްތަކުންގެ ޟަރޫރަތްތަކަށް ބޭނުން ޖެހޭ މުދާ އިހުތިކާރު ކުރެވިގެން ނުވާނެ އެވެ. އަދި މިފަދަ ކަންކަން ބަލަހައްޓައި އިސްލާހު ކުރުމަށްޓަކައި އިސްލާމީ ޙިސްބާގެ ނިޒާމު ތަންފީޒު ކުރެވެންވާނެ އެވެ.

އަނެއް މުހިންމު ކަމަކީ މީހުންނަށް އުނދަގޫވާ ގޮތަށް ކަންކަން ނުކުރުމެވެ. އަޅުގަނޑުމެންގެ ދިރިއުޅުމަށް ނަޒަރު ހިންގާލާއިރު ހަމައެކަނި މަގުމަތީގެ އަދަބުތަކަށް ބަލައިލިޔަސް ހެޔޮގޮތުގައި މުއާމަލާތު ނުކުރެވޭކަން ރަމްޒުކޮށްދޭ ވަރަށް ގިނަ ކަންކަން ފެނެ އެވެ. މިސާލަކަށް ފުރާޅުތަކުން ދުވާރުތަކަށް ބޯކޮށް ފެންފައިބާ ގޮތަށް ހުރުމާއި ހުއްދަ ނުނަގައި ދުވާރުމަތީގައި ތަކެތި ބެހެއްޓުމާއި މަގުމައްޗަށް ކުނި އެޅުމާއި ދުއްވުމުގެ ގަވައިދުތަކަށް އިހުތިރާމު ނުކުރުމާއި ދުއްވާއެއްޗެތި ޕާކު ކުރުމުގައި އެހެން މީހުންނަށް ނުވިސްނުމާއި ކިރިޔާ ހުއްޓުމެއް އަޔަސް ގަދައަޑުން ބަރުގޮނުއެޅުމާއި މިހެން ގޮސް މިފަދަ އެތައް ނުރަނގަޅު ކަމެކެވެ.

މިކަންކަން މިގޮތުގައި އާދަކުރާހާ ހިނދަކު އަހަރެމެންނަކީ ހެޔޮގޮތުގައި މުއާމަލާތު ކުރާ ބަޔަކަށް ނުވާނެ އެވެ. އަހަރެމެންނަނީ މުސްލިމުން ކަމަށް ވިއަސް އިސްލާމްކަން ފުރިހަމަ ނުވާނެ އެވެ. އެހެންކަމުން މުސްލިމް ދައުލަތްތަކުންނާއި ޖަމާއަތްތަކުންނާއި މުސްލިމުންގެ ވަކިވަކި ފަރުދުން ވެސް މުޖުތަމައުގައި ހެޔޮގޮތުގައި އެންމެހާ މުއާމަލާތުތައް ކުރުމަށް ސަމާލުކަން ދޭން ވާނެ އެވެ. ނުރަނގަޅު އެންމެހާ މުއާމަލާތުތަކުން ދުރުހެލިވާން ޖެހޭނެ އެވެ. މިއީ މުސްލިމް މުޖުތަމައަށް ހަމަޖެހުމާއި އަމާންކަން ލިބުމަށްޓަކައި ވެސް ވަރަށް މުހިންމު ކަމެކެވެ.