Roadha Mihaaru
ބިދޭސީންގެ މައްސަލާގައި ކަންބޮޑުވި ޒުވާނާ ޓާސްކްފޯހަށް

ބިދޭސީންގެ މައްސަލާގައި ކަންބޮޑުވުން ފާޅުކުރި ޒުވާނާއާ މިނިސްޓަރު ބައްދަލުކޮށް، ޓާސްކްފޯހުން ޖާގަދެނީ

25 ޖެނުއަރީ 2024

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އުޅޭ މައްސަލާގައި ކަންބޮޑުވުން ފާޅުކޮށް ވީޑިއޯއެއް އާންމުކުރި ޒުވާނާއާ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ބައްދަލު ކުރައްވައި، އެކަމާ ގުޅިގެން ސަރުކާރުން އެކުލަވާލާފައިވާ ޓާސްކް ފޯސްގައި ބައިވެރިވުމަށް ދައުވަތު ދީފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އުޅޭ މައްސަލާގައި ކަންބޮޑުވުން ފާޅުކޮށް ވީޑިއޯއެއް އާންމުކުރި ޒުވާނާއާ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ބައްދަލު ކުރައްވައި، އެކަމާ ގުޅިގެން ސަރުކާރުން އެކުލަވާލާފައިވާ ޓާސްކް ފޯސްގައި ބައިވެރިވުމަށް ދައުވަތު ދީފި އެވެ.

ހަސަން ޝަރީފް ނަމަކަށް ކިޔާ އެ ޒުވާނާ ޓިކްޓޮކަށް ދޫކޮށްލި ވީޑިއޯގައި، ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބިދޭސީންގެ މައްސަލަކަން ފާހަގަކޮށް އެކަން ހައްލުކުރެވޭނެ ގޮތްތަކާ މެދު ވާހަކަ ދައްކާފައިވެ އެވެ. އޭނާގެ ވީޑިއޯއަށް ބޮޑު ސަމާލުކަމެއް ލިބިފައިވެ އެވެ.

މިނިސްޓަރު އަލީ އިހުސާން މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހަސަން ޝަރީފާ މިއަދު ބައްދަލުކޮށްފައިވާ ކަމަށެވެ. އަދި އެ ވީޑިއޯގައި އޭނާ ފާޅުކޮށްފައިވާ ކަންބޮޑުވުންތަކަކީ އޭނާގެ މިނިސްޓަރު ކަމުގެ ދަށުން ހައްލުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަންބޮޑުވުންތަކެއް ކަމަށް އިހްސާންގެ ޕޯސްޓްގައިވެ އެވެ.

ހަސަން ޝަރީފަކީ ގައުމަށް ލޯބި ކުރާ ޒުވާނެއްގެ ގޮތުގައި ފާހަގަ ކުރައްވައި، އިހުސާން ވިދާޅުވީ މިނިސްޓްރީގެ ޓާސްކްފޯސްގައި މަސައްކަތް ކުރަން އޭނާއަށް ދައުވަތު ދޭނެ ކަމަށެވެ.

ހަސަން ޝަރީފްގެ ވީޑިއޯގައި އޭނާ ވަނީ ގައުމަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ ރާއްޖޭގައި ނުގަވާއިދުން އުޅޭ އެތައް ހާސް ބިދޭސީން ކަމަށާއި ފަޅުރަށްރަށާއި މަސްދޯނިތަކާއި ވިޔަފާރިތައް ވެސް އެ މީހުން ކޮންޓްރޯލް ކުރަމުންދާ ކަމަށް އޭނާ ބުނެފައިވެ އެވެ.

އޭނާ ބުނީ ދިވެއްސެއްގެ އެހީތެރިކަމާއެކު ވިޔަފާރިކުރަމުން އައުމަށްފަހު ގައުމުގެ 99 ޕަސެންޓް ވިޔަފާރި މިހާރު ކޮންޓްރޯލް ކުރަނީ ބިދޭސީން ކަމަށާއި މިކަމާމެދު ވާހަކަ ދައްކައި މައްސަލަ ހައްލުކުރަން ޖެހޭ ކަމަށެވެ.