ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު މި ރޯދަ މަސް ތެރެއަށް ވަންނާތީ، އެކަން ބަދަލު ކުރަން އެއްވެސް އިންތިހާބެއް ރޯދަ މަހުގެ ތެރޭގައި ނުބާއްވާ ގޮތަށް އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް އެމްޑީޕީން އިސްލާހު ހުށަހަޅައިފި އެވެ.
24 ޖެނުއަރީ 2024
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު މި ރޯދަ މަސް ތެރެއަށް ވަންނާތީ، އެކަން ބަދަލު ކުރަން އެއްވެސް އިންތިހާބެއް ރޯދަ މަހުގެ ތެރޭގައި ނުބާއްވާ ގޮތަށް އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް އެމްޑީޕީން އިސްލާހު ހުށަހަޅައިފި އެވެ.
އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ހުށަހެޅުއްވި އިސްލާހުގައި ގާނޫނުގެ 43 ވަނަ މާއްދާ އަށް އަކުރުތަކެއް ވަނީ އިތުރުކޮށްފަ އެވެ.
އިސްލާހުގައިވާ ގޮތުން ރޯދަ މަހުގެ ތެރޭގައި އެއްވެސް އިންތިހާބެއް ބާއްވައިގެން ނުވާނެ އެވެ. އަދި އިންތިހާބު ބާއްވަންޖެހޭ ތާރީހު ރޯދަ މަހުގެ ދުވަހަކާ ދިމާވާ ނަމަ، އެ އިންތިހާބެއް ބާއްވަން ވާނީ ރޯދަ މަސް ނިމުމުގެ 10 ދުވަސް ފަހުން ކަމަށް އިސްލާހުގައިވެ އެވެ.
އިންތިހާބަކާ ގުޅޭ ހާއްސަ ގާނޫނު ނުވަތަ އާންމު ގާނޫނުގެ ދަށުން އެކި ކަންކަމަށް ކަނޑައަޅާފައިވާ މުއްދަތުތަކަށް އަމަލު ކުރެވެން ނެތް ހާލަތެއް ކުރިމަތިވެއްޖެ ނަމަ، ރޯދަ މަހު އިންތިހާބު ނުބޭއްވުމަށްޓަކައި ގާނޫނުގައި ބުނާ މުއްދަތުތަކަށް ބަދަލު ގެނެސް، އިލެކްޝަން ކޮމިޝަނުން އަލުން މުއްދަތުތައް ކަނޑައަޅަން ވާނެ ކަމަށް ޝިފާއުގެ އިސްލާހުގައިވެ އެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ)ން މިހާރު ނިންމާފައި ވަނީ އަންނަ މާޗް މަހުގެ 17 ގައި އިންތިހާބު ބާއްވާށެވެ. އެއީ ރޯދަ މަހުގެ ފުރަތަމަ ހަފުތާ ތެރެ އެވެ.
މަޖިލިސް އިންތިހާބުގެ ގައުމީ ލަފާ ދޭ ކޮމިޓީގައި އިއްޔެ ޕީޕީއެމްގެ ނައިބު ރައީސް އަދި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވީ، އިންތިހާބު ބާއްވަން މިހާރު ކަނޑައަޅާފައިވާ ތާރީހު ބަދަލު ކުރަން އަދިވެސް ޖާގަ އެބައޮތް ކަމަށާއި އެއީ އެކަމަށް އެއްވެސް ޕާޓީއަކުން އެއްބަސްވެގެން ކަނޑައަޅާފައިވާ ތާރީހެއް ނޫން ކަމަށެވެ.
މިހާރު ކުރިއަށްދާ ގެންދާ 19 ވަނަ މަޖިލީހުގެ މެންބަރުންގެ ދައުރު މެއި 28، 2024 އަށް ހަމަވާއިރު، ގާނޫނު ބުނާ ގޮތުން އޭގެ 120 ދުވަސް ކުރިން އިންތިހާބު ބޭއްވުމުގެ މަސައްކަތް ފަށަން ޖެހެ އެވެ. ގާނޫނުގައި ބުނާ ތާރީހުތައް ތަރުތީބު ކޮށްލުމުން އިންތިހާބު ބޭއްވެނީ މާޗު މަހުގެ 17 ހިސާބުގަ އެވެ. އެހެންވެ އެ މުއްދަތުގެ ތެރޭގައި އިންތިހާބު ބާއްވަން ގާނޫނުން ލާޒިމުކުރެ އެވެ.
އިންތިހާބު ރޯދަ މަހުގެ ފަހަށް ބަދަލު ކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ މެންބަރުން ހުށަހެޅުއްވި ނަމަވެސް، އިލެކްޝަން ކޮމިޝަނުން ބުނެފައި ވަނީ ގާނޫނު ބަދަލުކޮށްގެން ނޫނީ އެކަން އެގޮތަށް ނުކުރެވޭނެ ކަމަށެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި މި ސަރުކާރުގެ ވަޒީރުކަމުގެ މަގާމަށް ވަޑައިގަތުމާ ހަމައަށް 19 ވަނަ ރައްޔިތުންގެ މަޖިލިހުގައި ނައިފަރު ދާއިރާ ތަމްސީލު ކުރެއްވި ޝިޔާމް ވިދާޅުވި ގޮތުގައި، ރޯދަމަސް ތެރޭގައި ސިޔާސީ މަސައްކަތްތައް އުނދަގޫވާނެ އެވެ. އެ ހާލަތުގައި އިންތިހާބު ބޭއްވުމުން ނުކުންނާނީ އެންމެ އެދެވޭ ނާތީޖާކަމާ މެދު ވެސް ސުވާލު އުފެދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އިލެކްޝަން ކޮމިޝަން ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވެފައި ވަނީ ރޯދަމަސް ތެރޭގައި އިންތިހާބު ބާއްވަން ނިންމި ނިންމުމަކީ ވަރަށް އުނދަގޫ ނިންމުމެއް ކަމަށާއި ނަަމަވެސް، އެކަން ކުރަން ޖެހުނީ އެކަޑެމިކް ކަލަންޑަރަށް ސަރުކާރުން ގެނައި ބަދަލާ ގުޅިގެން ކަމަށެވެ.
ގާނޫނުގައި ބުނާ މުއްދަތުތަކާ އެއްގޮތަށް އީސީން ތާވަލުކުރުމުން އިންތިހާބު އެންމެ އަވަހަށް ބޭއްވެނީ ރޯދަ މަހުގެ ފަހު 10 ފެށޭ ދުވަހަށެވެ. އެކަމުގެ ސަބަބުން އުނދަގޫތަކެއް ކުރިމަތިވާނެ ކަމަށް ބުނެ އެ ކޮމިޝަނުން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި އެދުނީ ގާނޫނީ ހައްލެއް ހޯދައިދިނުމަށެވެ.
ނަމަވެސް އެ ކޮމިޓީގެ ލަފާގައި ބުނެފައި ވަނީ ގާނޫނުގައި ބުނާ 30 ދުވަހުގެ މުއްދަތު ރޯދަމަހަށް ފަހު ވެސް ލިބޭތީ ރޯދަމަސް ނިމުމުން އެންމެ އަވަހަށް ބޭއްވޭ ތާރީހެއްގައި އިންތިހާބު ބޭއްވުމަށެވެ. އެކަމަކު، އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ، ރޯދަމަހުގެ ފަހު 10 ދުވަސް ސަރުކާރު ބަންދުކުރަން ސަރުކާރުން ކަނޑަޅާފައިވާތީ އާއި އޭގެ ފަހުން އީދު އަންނާތީ އިދާރީ ގިނަ މަސައްކަތްތަކަށް ގޮންޖެހުންތައް ހުރި ކަމަށެވެ.
އެ މައްސަލަ ހައްލު ކުރުމަށް އީސީން ދެ ގޮތެއް ހުށަހެޅި އެވެ. އެއް ގޮތަކީ ގާނޫނުގައި ކެމްޕެއިން ކުރުމަށް ކެންޑިޑޭޓުންނަށް ދޭ 30 ދުވަހުގެ މުއްދަތު 20 ދުވަހަށް ކުރު ކޮށްލުމެވެ. އޭރުން ރޯދަމަސް ފެށުމުގެ ދެ ދުވަސް ކުރިން މާޗު 9 ގައި އިންތިހާބު ބޭއްވިދާނެ އެވެ.
ދެ ވަނަ ގޮތަކީ ގާނޫނުގައި ބުނާ 120 ދުވަހުގެ މުއްދަތު 140 އަށް އިތުރު ކޮށްދިނުމެވެ. އޭރުން އިންތިހާބުގެ މަސައްކަތް ކުރިން ފަށައި އަވަހަށް އިންތިހާބު ބޭއްވިދާނެ އެވެ. ނަމަވެސް، މިއިން އެއްވެސް ކަމެއް އޭރު މަޖިލީހުގެ ކޮމިޓީން ފާސްކޮށް ނުދިނެވެ.
ކޮމިޓީގައި ތިއްބެވި އެމްޑީޕީ މެންބަރުން އޭރު ތުހުމަތު ކުރެއްވި ގޮތުގައި އިލެކްޝަން ކޮމިޝަނުން ރޯދަމަސް ތެރޭގައި އިންތިހާބު ބާއްވަން މަސައްކަތް ކުރަނީ އެކަމަށް ސަރުކާރުން އެދިފައިވާތީ އެވެ.
އެކަމާ ގުޅިގެން ފުއާދު ވިދާޅުވީ، އެ ކޮމިޝަނުން ކޮމިޓީ އަށް އައީ ތާރީހު ބަދަލުކުރަން އެދެން ނޫން ކަމަށާއި މި ކަމުގައި ސަރުކާރުން ވަކި ގޮތަކަށް އަމަލުކުރަން ވެސް އަންގާފައިނުވާ ކަމަށެވެ.
އިންތިހާބު ރޯދަމަހުގެ ފަހުން ބާއްވަން ފާސްކޮށްފި
އިންތިހާބުގެ ތާރީހު ބަދަލުކުރަން ތާއީދުކުރަން: ޕީޕީއެމް
ވީބީ ހަސަންގެ ތާއީދު އެމްޑީޕީގެ އިބޫ ޖަލީލަށް
ރޯދައިގެ ކުރިން އިންތިހާބު ބާއްވަން އެދުނިން: ރައީސް
އިންތިހާބު ފަސްކުރަން ފާސްކުރުމުން އީސީ މަޝްވަރާއަށް!
ބިލަށް އަމަލުނުކުރާ ނަމަ އީސީގެ މެންބަރުން ވަކިކުރަނީ
އިންތިހާބު ފަސްކުރާ ބިލާ މެދު ގޮތެއް ނިންމުން މިއަދު
ރޯދަމަހުގެ ފަހުން އިންތިހާބު ބާއްވަން ގޮވާލައިފި
ގުރައިދޫ ބައި-އިލެކްޝަންގައި ވާދަކުރާނީ ތިން ކެންޑިޑޭޓް
ކޮމަންޑޫ ދާއިރާގެ ގޮނޑި މި ފަހަރު ވާދަވެރި!