Roadha Mihaaru
ވަޒީރުންނަށް ރުހުން ދިނުމާ ގުޅޭ ކޮމިޓީ ނުބޭއްވުނު

ވަޒީރުންނަށް ރުހުން ދިނުމާ ގުޅޭ ކޮމިޓީގެ ކޯރަމް ހަމަނުވުމުން ކެންސަލްކޮށްފި

23 ޑިސެމްބަރ 2023

އާ ސަރުކާރުގެ ކެބިނެޓަށް ރުހުން ދިނުމަށް ބާއްވަން ތާވަލްކުރި މަޖިލީހުގެ ކޮމިޓީގެ ކޯރަމް ނުލިބިގެން މިއަދު ކެންސަލްކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އާ ސަރުކާރުގެ ކެބިނެޓަށް ރުހުން ދިނުމަށް ބާއްވަން ތާވަލްކުރި މަޖިލީހުގެ ކޮމިޓީގެ ކޯރަމް ނުލިބިގެން މިއަދު ކެންސަލްކޮށްފި އެވެ.

މިނިސްޓަރުންނަށް ރުހުން ދިނުމަށް، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ނިންމުމަށް ފަހު މަޖިލީހުގެ ތަޅުމަށް ފޮނުވި އެވެ. އެކަމަކު، މިނިސްޓްރީތަކުގެ މެންޑޭޓު ފާސްނުކުރާތީ ކަމަށް ބުނެ، މަޖިލީހުން ނިންމީ އަނެއްކާ ވެސް އެ މައްސަލަ ކޮމިޓީއަށް ފޮނުވާށެވެ.

އެހެންވެ، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ ބައްދަލުވުމެއް މިއަދު ހެނދުނު 9:00 އަށް ތާވަލްކުރި އެވެ. ޝެޑިއުލްގައި އޮތީ، މެމްބަރުންނާ ގުޅޭގޮތުން މަޖިލީހުން ފޮނުވި ރިޕޯޓަށް ގޮތެއް ނިންމުމަށެވެ.

ނަމަވެސް، އެނގިފައިވާ ގޮތުގައި، އިދިކޮޅު އެމްޑީޕީގެ އަޣުލަބިއްޔަތު އޮންނަ ކޮމިޓީން، އެ ބައްދަލުވުމަށް ވަޑައިގަތީ ތިން މެމްބަރުންނެވެ. ހަތަރު މެމްބަރުން ބައިވެރިވެވަޑައިގެންނެވި ނަމަ އެ މައްސަލަ ކުރިއަށްގެންދެވުނީހެވެ. އެކަމަކު، ބައްދަލުވުން ކެންސަލްކުރީ ވެސް ކޯރަމް ހަމަނުވެގެންނެވެ.

ރައީސް އޮފީހުން ވަނީ މިދިޔަ ހަފުތާގައި، މިނިސްޓްރީތަކުގެ މެންޑޭޓުގައި ހިމެނޭ ކަންކަން މަޖިލީހުގެ އިދާރާއަށް ފޮނުވައިފަ އެވެ.

ރުހުން ދިނުމުގެ މައްސަލަ ދިރާސާކުރި ކޮމިޓީގެ ފުރަތަމަ ނިންމުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކެބިނެޓަށް އައްޔަން ކުރެއްވި 22 ވަޒީރުންގެ ވެސް ޝަރުތު ހަމަވާ ކަމަށެވެ. އެކަމަކު، އެ ކޮމިޓީން ނިންމީ ރުހުން ދޭން ފެނޭތޯ ބަލަން ކޮންމެ ވަޒީރަކަށް ވަކިވަކިން ވޯޓަށް އަހާށެވެ. އެމްޑީޕީ ޕީޖީ ތެރޭގައި ބައެއް މެންބަރުން ގެންދަވަނީ ބައެއް ވަޒީރުންނަށް ރުހުން ނުދިނުމަށް ބާރު އަޅައި ވާހަކަ ދައްކަވަމުންނެވެ.