Roadha Mihaaru
އެސްޓީއޯއިން ކޮންޓްރޯލް އަގެއްގައި ފިޔާ ވިއްކަނީ

އެސްޓީއޯ އިން 20ރ. ގެ ކޮންޓްރޯލް އަގެއްގައި ފިޔާ ވިއްކަނީ!

17 ޑިސެމްބަރ 2023

ރާއްޖޭގައި ވިއްކާ ފިޔާގެ އަގު އިންތިހާއަށް އުފުލުމުން އެކަން ކޮންޓްރޯލު ކުރަން އެސްޓީއޯ އިން ރާއްޖެ އަށް ފިޔާ ޝިޕްމެންޓެއް ގެނެސްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރާއްޖޭގައި ވިއްކާ ފިޔާގެ އަގު އިންތިހާއަށް އުފުލުމުން އެކަން ކޮންޓްރޯލު ކުރަން އެސްޓީއޯ އިން ރާއްޖެ އަށް ފިޔާ ޝިޕްމެންޓެއް ގެނެސްފި އެވެ.

އެ ކުންފުނިން މިއަދު ބުނީ، ފުރަތަމަ ޝިމްޕްމަންޓުގައި 4،500 ބަސްތާގެ ފިޔާ ވަނީ އެތެރެކޮށްފައި ކަމަށެވެ. އެ ފިޔާތައް ވިއްކަން ނިންމާފައި ވަނީ އާންމު ވިޔަފާރިވެރިން މެދުވެރިކޮށެވެ.

ވިޔަފާރިތަކަށް ފިޔާ ވިއްކާނީ އެސްޓީއޯ އިން ކަނޑައަޅާފައިވާ އެންމެ މަތީ އަގަށް ވުރެ އަގު ބޮޑުކޮށް އާންމުންނަށް ނުވިއްކަން ޝަރުތުކުރުމަށް ފަހު ކަމަށް އެ ކުންފުނިން ބުންޏެވެ. އެސްޓީއޯ އިން އިން ކަނޑައަޅާފައިވަނީ ފިޔާ ކިލޯއެއްގެ އަގު 20ރ. އަށް ވުރެ ބޮޑު ނުވާ އަގެއްގައި ވިއްކުމަށެވެ.

އެސްޓީއޯ އިން އިމްޕޯޓް ކޮއްފައިވާ ފިޔާގެ ފުރަތަމަ ޝިޕްމެންޓް މިހާރު ވަނީ ބާޒާރައް ނެރެފަ އެވެ. އެ ކުންފުނީގެ އަމާޒަކީ މާކެޓް ސްޓޭބަލައިޒް ކުރުމެވެ. ފިޔާ ސަޕްލައި ޝޯޓޭޖް މައްސަލައަށް ހައްލު ލިބެންދެން އަދި ބާޒާރުގެ އަގު ކޮންޓްރޯލް ވަންދެން އެސްޓީއޯ އިން ރާއްޖޭގެ ބާޒާރަށް ސަޕްލައި ކުރާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ފިޔާ ކިލޯއެއްގެ އަގު މިވަގުތު ބާޒާރުގައި އުޅެނީ 30ރ.-35ރ. އާ ދެމެދުގަ އެވެ. ބާޒާރުގައި ކުރިން 400ރ. އަށް ލިބެން ހުންނަ ފިޔާ ބަސްތާގެ އަގު 700ރ. އަށް ވެސް ބޮޑުވި އެވެ.

ފިޔާ އަގު އެހާ ބޮޑަށް އުފުލުނީ އިންޑިއާ އިން ފިޔާ އެކްސްޕޯޓު ކުރުން ހުއްޓާލިކަން އިއުލާނު ކުރުމާ ގުޅިގެންނެވެ. ނަމަވެސް ރާއްޖެ އާއި އެ ގައުމާ ދެމެދުގައި އޮންނަ ހާއްސަ އެއްބަސްވުމެއްގެ ދަށުން، ރާއްޖެ އަށް ފިޔާ އެތެރެކުރުމަށް އެއްވެސް ހުރަހެއް ކުރިމަތިވެފައެއް ނުވެ އެވެ.