Roadha Mihaaru
100 ޑޮލަރުގެ ފޭކު ނޫޓު ދައުރުވަނީ

100 ޑޮލަރުގެ ފޭކު ނޫޓު ދައުރުވަނީ

12 ޑިސެމްބަރ 2023

ސަތޭކަ ޔޫއެސް ޑޮލަރުގެ ސައްހަނޫން ނޫޓު މިހާރު ދައުރުވަމުންދާތީ، އެކަމަށް ސަމާލުވާން އެމްއެމްއޭ އިން އެދެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ސަތޭކަ ޔޫއެސް ޑޮލަރުގެ ސައްހަނޫން ނޫޓު މިހާރު ދައުރުވަމުންދާތީ، އެކަމަށް ސަމާލުވާން އެމްއެމްއޭ އިން އެދެފި އެވެ.

އެމްއެމްއޭ އިިން އެގޮތަށް ދައުރުވާ ކަމަށް ފާހަގަކުރެވިފައިވާ ނޫޓަކީ 1996 އިން ފެށިގެން 2016 އާއި ދެމެދުގެ ތާރީހުގެ ތެރޭގައި ޕްރިންޓްކޮށްފައިވާ، ހުދު ބޯޑަރު ހިމެނޭ ޔޫއެސް ޑޮލަރުގެ ނޫޓެއް ކަމަށެވެ.

ސައްހަ ނޫން ނޫޓުތަކުގައި އެންމެ ބޮޑަށް ފާހަގަ ކުރެވޭ ކަންތައްތައް:

- ނޫޓާއި ތަފާތު ކަރުދާހެއްގައި ޕްރިންޓްކޮށްފައި ހުރުން

- ފޮޓޯ ހިމެނޭ ވޯޓަ މާކުގައި ސައްހަ ނޫޓާ ތަފާތުކޮށް ހުރުން

- ނޫޓު އައްޔަށް ދިއްކުރުމުން ނޫޓުގެ ވައަތްފަރާތުން ފެންނަންހުންނަ "ޔޫއެސްއޭ 100" ލިޔެފައިވާ ސަލާމަތީ ރޮދިފަށް ނޫޓުގެ ދެ ފަރާތުން ފެންނަން ނެތުން

- ނޫޓު އަލްޓްރާ ވައިލެޓް އައްޔަށް ދިއްކުރުމުން ނޫޓުގައި ދިއްލިފައި ހުންނަންޖެހޭ ސަލާމަތީ ރޮދިފަށް ނޫޓުގެ ދެ ފަރާތުން ދިއްލިފައި ނެތުން

އެމްއެމްއޭ އިން ބުނީ ނޫޓު އަލްޓްރާ ވައިލެޓް އައްޔަށް ދިއްކުރުމުން ނޫޓުގެ މޫނުމަތީގައި ރަތް އަދި ނޫކުލައިން ދިއްލިފައި ހުންނަންޖެހޭ ސެކިއުރިޓީ ފައިބާ ވެސް ފޭކު ނޫޓުގައި ނުހުންނާނެ ކަމަށެވެ. އަދި ނޫޓުގެ ކަނާއަތް ފަރާތުން ތިރީގައި ހިމަނާފައިވާ މޫނުމަތީ އަގު ނޫޓު އަރިކުރުމުން ކުލަ ބަދަލު ނުވާނެ ކަމަށެވެ.

އެމްއެމްއޭ އިން ބުނީ 100 ޑޮލަރުގެ ހުދު ބޯޑަރު ހިމެނޭ ނޫޓު ބަލައި ގަތުމުގައި ސަމާލުވުމަށާއި ބަލައިގަނެވޭ ނޫޓުގެ ސައްހަ ކަމާމެދު ޝައްކުކުރެވޭ އެއްވެސް ނޫޓެއް ފެނިއްޖެ ނަމަ، އެ އޮތޯރިޓީ އަށް ގެނެސް އެ ނޫޓެއްގެ ސައްހަކަން ކަށަވަރު ކުރުން އެދޭ ކަމަށެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ވެސް ރާއްޖޭގެ ބާޒާރުގައި ފޭކު ޑޮލަރުގެ ނޫޓުތަކެއް އުޅޭ ކަން ފާހަގަކުރެވިފައިވާތީ އެކަމުގެ ކަންބޮޑުވުންތައް ޑޮލަރުގެ ވިޔަފާރި ކުރާ ފަރާތްތަކުން ބުނެފައިވެ އެވެ. އެކަމަކު އޭރު އެމްއެމްއޭ އިން ބުނީ އެފަދަ ކަމެއް ފާހަގަނުކުރެވޭ ކަމަށެވެ.