Roadha Mihaaru
ވޯޓު ކަރުދާސް އިތުރުވެ،ބައެއް ފޮށިތަކުގެ ނަތީޖާ ބާތިލް

ޑިމޮކްރެޓްސް އިންތިހާބުގައި ވޯޓު އިތުރުވުމުން ބައެއް ފޮށިތަކުގެ ނަތީޖާ ބާތިލް

06 ޑިސެމްބަރ 2023

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ޑިމޮކްރެޓްސް ޕާޓީގެ ފުރަތަމަ އިންތިހާބުގައި ބައެއް ވޯޓު ފޮށިތަކަށް އިތުރަށް ވޯޓު ލާފައި ހުރުމުން އެ ވޯޓު ފޮށިތަކުގެ ނަތީޖާ ބާތިލު ކޮށްފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ޑިމޮކްރެޓްސް ޕާޓީގެ ފުރަތަމަ އިންތިހާބުގައި ބައެއް ވޯޓު ފޮށިތަކަށް އިތުރަށް ވޯޓު ލާފައި ހުރުމުން އެ ވޯޓު ފޮށިތަކުގެ ނަތީޖާ ބާތިލު ކޮށްފި އެވެ.

މިއަދު ވަނީ އެ ޕާޓީގެ ފުރަތަމަ އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާންކޮށްފަ އެވެ.

ޑިމޮކްރެޓްސްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް މިއަދު ވިދާޅުވީ ބާތިލް ކުރުމަށް ނިންމާފައިވަނީ ޕާޓީގެ ޔަންގް ޑިމޮކްރެޓްސް ލީޑަރާއި ޑެޕިއުޓީ ލީޑަރު ހޮވުމަށް ބައެއް ދާއިރާތަކުގައި ނެގި ވޯޓުގެ ނަތީޖާ ކަމަށެވެ.

ބާތިލް ކޮށްފައިވާ 13 ރަށުގެ ވޯޓުފޮށި:

1. ބ. ދަރަވަންދޫ

2. ބ. ކުޑަރިކިލު

3. ބ. ގޮއިދޫ

4. ބ. ފެހެންދޫ

5. ށ. މާއެނބޫދޫ

6. ނ. މާފަރު

7. ތ. ކިނބިދޫ

8. ނ. މިލަދޫ

9. ހދ. ނޮޅިވަރަމް

10. ހދ. ނޭކުރެންދޫ

11. ގދ. ގައްދޫ

12. ހއ. ހޯރަފުށި

13. ރ. އަލިފުށި

އާޒިމް ވިދާޅުވީ ބާތިލް ކުރި ފޮށިތަކުގެ ވޯޓު އަލުން ލުމަށް ވެސް ނިންމާފައިވާ ކަމަށާއި އެހެން ދިމާވީ ދިމާވީ އިންތިހާބު އިންތިޒާމް ކުރުމުގައި ހެދުނު ގޯހަކުން ކަމަށެވެ. ނަމަވެސް އެ ފޮށިތަކުގެ ވޯޓުލުން ބާއްވާނެ ތާރީހެއް އިއުލާނެއް ނުކުރެ އެވެ.

ޕާޓީގެ ރައީސް ހޮވުމަށް ވޯޓު ލާފައިވަނީ ޖުމްލަ 3029 މެންބަރުންނެވެ. އެ މަގާމަށް ކުރިމަތިލެއްވި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފަށް 1704 ވޯޓު އަދި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު އަށް 1،300 ވޯޓު ލިބިވަޑައިގަތެވެ.

އެ ޕާޓީގެ އިންތިހާބުގެ ނަތީޖާ އިއުލާން ކުރުން ލަސްވެ ޕާޓީގެ ބައެެއް މެމްބަރުން ހިތްހަމަ ނުޖެހުން ފާޅުކުރި އެވެ. އެކަމާ ގުޅިގެން އާޒިމް ވިދާޅުވީ އިންސާފުވެރި އަދި ޑިމޮކްރެޓިކް އިންތިހާބަކަށް ވަނީ ނަތީޖާ އަވަހަަށް އިއުލާންކޮށްގެން ނޫން ކަމަށާއި އެކަން ކުރެވޭނީ މައްސަލަތައް ބަލައި، ނަތީޖާ އިއުލާން ކުރުމުން ކަމަށެވެ.