Roadha Mihaaru
އިޒްރޭލު ވިޔަފާރިވެރިއެއްގެ އާގުބޯޓެއް އަތުލައިގެންފި

އިޒްރޭލު ވިޔަފާރިވެރިއެއްގެ އާގުބޯޓެއް އަތުލައިގެންފި

27 ނޮވެމްބަރ 2023

ޔަމަންގެ އަދަން ކަނޑުއޮޅި ކައިރިން ދަތުރުކުރި މުދާ އުފުލާ އާގުބޯޓެއް، ކަނޑުފޭރޭ ބަޔަކު އިއްޔެ އަތުލައިގެންފި އެވެ.

ޔަމަންގެ އަދަން ކަނޑުއޮޅި ކައިރިން ދަތުރުކުރި މުދާ އުފުލާ އާގުބޯޓެއް، ކަނޑުފޭރޭ ބަޔަކު އިއްޔެ އަތުލައިގެންފި އެވެ.

ހަތިޔާރު އަޅައިގެން ތިބި ކަނޑުފޭރޭ ބަޔަކު އިއްޔެ އަތުލައިގަތީ، ޒޮޑިއަކް މެރިޓައިމް ކިޔާ ކުންފުންޏަކުން ދުއްވާ ސެންޓްރަލް ޕާކް ކިޔާ ބިޔަ ބޯޓެކެވެ. ޒޮޑިއަކް މެރިޓައިމް އަކީ އިޒްރޭލުގެ ބިލިއަނަރެއް ކަމަށްވާ އެޔާލް އޯފަރްގެ ޒޮޑިއެކް ގުރޫޕްގެ ފަރާތުން އިނގިރޭސި ވިލާތުގެ ލަންޑަންގައި ރަޖިސްޓްރީކޮށްގެން ހިންގާ، އާގުބޯޓު ދުއްވާ ކުންފުންޏެކެވެ.

ސެންޓްރަލް ޕާކް އަތުލައިގަތީ ކޮން ބައެއްކަން މިހާތަނަށް ކަށަވަރު ނުވިޔަސް، މިދިޔަ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ހިނގާފައިވާ އެފަދަ ހާދިސާތަކަށް ބަލާއިރު، އެ ބޯޓު އަތުލައިގަތީ ޔަމަންގެ ހޫތީ ހަނގުރާމަވެރިން ކަމަށް ބެލެވެ އެވެ. މިމަހުގެ މެދުތެރޭގައި ވެސް، ހޫތީ ހަނގުރާމަވެރިން ވަނީ، އިޒްރޭލުން މިހާރު ޣައްޒާގައި ކުރަމުންދާ ހަނގުރާމަ އަށް ބަދަލު ހިފުމުގެ ގޮތުން ކަމަށް ބުނެ، އިޒްރޭލުގެ ވިޔަފާރިވެރިއެއްގެ ބޯޓެއް ރަހީނުކޮށްގެން ޔަމަންގެ ބަނދަރަށް ގެންގޮސްފަ އެވެ.

ޒޮޑިއެކް މެރިޓައިމް އިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން ކަނޑުފޭރޭ މީހުން އަތުލައިގަތް ބޯޓުގައި 22 ފަޅުވެރިން އެބަތިއްބެވެ. ތުރުކީ ވިލާތުގެ ކެޕްޓަނެއްގެ ބެލުމުގެ ދަށުން ދުއްވަމުން ދިޔަ އެ ބޯޓުގައި ރަޝިޔާ، ވިއެޓްނާމް، ބަލްގޭރިއާ، އިންޑިއާ، ޖޯޖިއާ އަދި ފިލިޕީންސް މީހުން ވެސް އެބަތިއްބެވެ. ކަނޑުފޭރޭ މީހުންގެ ކޮންޓްރޯލްގެ ދަށުގައި އޮތް އެ ބޯޓަށް ބަރުކޮށްފައި ހުރީ ފޮސްފޮރިކް އެސިޑް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

ޔަމަންގެ ކަނޑުގެ ސަރަހައްދުގައި ކަނޑުފޭރޭ މީހުންގެ ހަރަކާތްތައް ފުޅާވަމުން މިދަނީ، މިހާރު އިޒްރޭލުން ފަލަސްތީނުގެ ޣައްޒާ އަށް ދެމުންދާ ހަމަލާތަކުގައި އިޒްރޭލަށް މަދަދު ފޯރުވުމުގެ ގޮތުން އެމެރިކާގެ މަނަވަރުތަކެއް ވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ދަނޑިވަޅެއްގަ އެވެ. މިހާދިސާއާ ބެހޭ ގޮތުން އެމެރިކާގެ ދިފާއީ ވުޒާރާ އިން ބުނެފައިވަނީ، ސެންޓްރަލް ޕާކް އަތުލައިގަތީ ކޮން ގައުމެއްގެ ބައެއްކަން އަދި އެކަމުގައި އަމަލީ ގޮތުން ބައިވެރިވަނީ ކިތައް މީހުންކަން ވެސް ނޭނގޭ ކަމަށެވެ.

އެމެރިކާގެ ދިފާއީ ވުޒާރާ އިން ބުނެފައިވަނީ ރަހީނުކުރެވުނު ބޯޓު ފެންނަ ހިސާބުގައި އެމެރިކާގެ މަނަވަރުތައް ހަރަކާތްތެރިވަމުން ދާ ކަމަށާއި، އެ ބޯޓުގެ ހަރަކާތްތައް ބަލަމުން އަންނަ ކަމަށެވެ.

އިޒްރޭލުގެ ބިލިއަނަރެއްގެ އާގުބޯޓެއް ރަހީނުކުރެވުނު އިރު، އިޒްރޭލުގެ އެހެން ބިލިއަނަރެއްގެ އާގުބޯޓަކަށް، މިދިޔަ ހުކުރު ދުވަހު ވަނީ ޑްރޯން ހަމަލާތަކެއް ވެސް ދީފަ އެވެ. އެއީ ކޮން ބައެއްގެ ޑްރޯނެއް ކަން މުޅިން ކަށަވަރު ނުވިޔަސް، ބޮޑަށް ބެލެވެނީ އެއީ އީރާންގެ ޑްރޯންތަކަކުން ދިން ހަމަލާތަކެއް ކަމަށެވެ.