Roadha Mihaaru
މާލޭ މޭޔަރު ހޮވުމުގެ އިންތިހާބު ޖެނުއަރީ 13 ގައި

މާލެއަށް އާ މޭޔަރަކު ހޮވުމުގެ އިންތިހާބު ޖެނުއަރީ 13 ގައި

27 ނޮވެމްބަރ 2023

މާލޭ ސިޓީ ކައުންސިލްގެ ހުސްވެފައިވާ މޭޔަރުގެ ގޮނޑިއަށް އާ ބޭފުޅަކު އިންތިހާބުކުރުމަށް ބައި-އިލެކްޝަން އަންނަ ޖެނުއަރީ މަހު 13 ގައި ބާއްވަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މާލޭ ސިޓީ ކައުންސިލްގެ ހުސްވެފައިވާ މޭޔަރުގެ ގޮނޑިއަށް އާ ބޭފުޅަކު އިންތިހާބުކުރުމަށް ބައި-އިލެކްޝަން އަންނަ ޖެނުއަރީ މަހު 13 ގައި ބާއްވަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ.

އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ރޭ ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވިދާޅުވީ އެ އިންތިހާބުގައި ވާދަކުރަން ބޭނުންވާ ބޭފުޅުންނަށް މާދަމާ އިން ފެށިގެން އަންނަ މަހު 13 ގެ ނިޔަލަށް އެ ފުރުސަތު ހުޅުވާލާނެ ކަމަށެވެ.

ހަބީބް ވިދާޅުވީ މާލޭ މޭޔަރުގެ އިތުރުން މާލޭ ސިޓީ ކައުންސިލްގެ ހުސްވެފައިވާ އިތުރު ތިން ގޮނޑިއަށް ކައުންސިލަރުން އިންތިހާބުކުރަން ބާއްވާ ބައި-އިލެކްޝަން ވެސް ބާއްވާނީ ހަމަ އެ ދުވަހު ކަމަށެވެ.

"މާލޭ ސިޓީ މޭޔަރާއި މާލޭ ސިޓީ ކައުންސިލްގެ ތިން މެންބަރުންނާއި ވ. ރަކީދޫ ކައުންސިލްގެ މެންބަރަކާއި އަދި ހަމައެއާ އެކީގައި ޑަބްލިއުޑީސީގެ 18 ރަށެއްގެ މެމްބަރުން އިންތިހާބުކުރުމަށްޓަކާ ބާއްވާ ބައި-އިލެކްޝަން އަޅުގަނޑުމެން މި ޖަނަވަރީ މަހުގެ 13 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތައް ކޮމިޝަންގެ ރަސްމީ ޖަލްސާއިން ވަނީ ނިންމާފައި،" ހަބީބް ވިދާޅުވި އެވެ.

މާލޭ މޭޔަރުގެ ގޮނޑި ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި، ރާއްޖޭގެ އާ ރައީސް ޑރ. މުހައްމަދު މުއިއްޒު މި މަހު 17 ގައި އެ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.

ސިޓީ ކައުންސިލުން ދެން ހުސްވި ތިން ގޮނޑިއަކީ، އެމަނިކުފާނުގެ ސަރުކާރުގެ މަތީ މަގާމުތަކަށް ވަޑައިގަތުމަށް އިސްތިއުފާ ދެއްވި ބޭފުޅުންގެ ގޮނޑިތަކެވެ. އެއީ މާފަންނު ދެކުނު ދާއިރާގެ ކައުންސިލަރު އަބްދުﷲ ނާސިރާއި މެދުހެންވޭރު ދާއިރާގެ ކައުންސިލަރު އާދަމް ރަމީޒް އަދި ހެންވޭރު ދެކުނު ދާއިރާގެ ކައުންސިލަރު ފާތިމަތު ޝަމްނާޒް އަލީ ސަލީމް އެވެ.

މާލޭގެ މޭޔަރު ކަމަށް ވާދަކުރެއްވުމަށް މިހާރު ވެސް ބައެއް ބޭފުޅުން ވަނީ ޝައުގުވެރިކަން ފާޅުކުރައްވައިފަ އެވެ. އޭގެ ތެރޭގައި މިހާރު ސިޓީ ކައުންސިލްގެ ކައުންސިލަރަކަށް ހުންނެވި މުހައްމަދު ސައިފް ފާތިހް އާއި ކުރީގެ ބަންޑާރަ ނާއިބު އާއިޝަތު އާޒިމާ ޝަކޫރާއި ކުރީގެ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް އަދި ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދުގެ ވެސް ހިމެނެ އެވެ.